ހަބަރު

ބަލި މީހުންގެ ރައްކާތެރިކަމާބެހޭ ގައުމީ ފްރޭމްވޯކެއް ލޯންޗްކޮށްފި

Sep 18, 2019

ބަލި މީހުންގެ ރައްކާތެރިކަމާބެހޭ ގައުމީ ފްރޭމްވޯކެއް ރޭ ލޯންޗްކޮށްފި އެވެ.

ހޮޓެލް ޖެންގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ބަލި މީހުންގެ ރައްކާތެރިކަމާ ބެހޭ ގައުމީ ފްރޭމްވޯކް ލޯންޗުކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ. އެ ފްރޭމްވޯކް ލޯންޗްކޮށް ދެއްވާފައިވަނީ ދުނިޔޭގެ ޕޭޝަންޓް ސޭފްޓީ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެނެވެ.

ވޯލްޑް ޕޭޝަންޓް ސޭފްޓީ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހަކީ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހެވެ.

ހެލްތް މިނިސްޓްރީން ބުނީ އެފްރޭމްވޯކް ތައްޔާރުކޮށްފައިވަނީ ޑަބްލިއުއެޗްއޯގެ އެހީތެރިކަމާއިއެކު ކަމަށެވެ. ފްރޭމްވޯކްގެ މަގްސަދަކީ މުޅި ސިއްހީ ދާއިރާގެ ހިއްސާއާއިއެކު ރައްކާތެރި ސިއްހީ ހިދުމަތެއް ގާއިމް ކުރުން ކަމަށެވެ. އަދި ފްރޭމްވޯކްގައި ބައިނަލްއަގްވާމީ ގޮތުން އަމަލުކުރާ އެންމެ ރަނގަޅު ގޮތްތައް ހިމެނިފައިވާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ، މިފްރޭމްވޯކުން ސިއްހީ ހިދްމަތްތެރިންނަށް އެކި ކަންކަން ދަސްކުރުމަށާއި ހިދުމަތްތައް ރަނގަޅު ކުރުމަށް މަގުފަހިކޮށްދެވޭނެ ކަމަށާއި އެކަންކަން ހާސިލް ކުރަން ބޭނުންވާފަދަ މާހައުލެއް އުފައްދައިދޭން އެހީތެރިވާނެ ކަމަށެވެ.