ރާއްޖެ ކުޅިވަރު

ފީފާ ރޭންކިންގައި ރާއްޖެ އަށް ސާކް ސަރަހައްދުން ހައެއް

Aug 6, 2015

ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާއިން މިއަދު ނެރުނު މިދިޔަ މަހުގެ ކޮކާކޯލާ ފީފާ ރޭންކިންގައި ސާކް ސަރަހައްދުގެ ހަ ވަނަ މަގާމަށް ރާއްޖެ ވެއްޓިއްޖެ އެވެ.

ރާއްޖެ ހަ ވަނާގައިވަނީ އެއް ޕޮއިންޓްގެ ކުރިއެރުމަކާއެކު ދުނިޔޭގެ 175 ވަނަ ގައުމުގެ ގޮތުގައެވެ. ސާކް ސަރަހައްދުގެ އެއްވަނަ ލިބެނީ އަފްގާނިސްތާނަށެވެ. އެ ގައުމަށް ދުނިޔޭގެ 134 ވަނަ ލިބުނުއިރު އިންޑިޔާ އޮތީ 156ވަނާގަ އެވެ. ބޫޓާން 164 ވަނާގައިވާއިރު ބަނގްލަދޭޝް އޮތީ 170ވަނާގައެވެ. 171 ވަނާގައި އޮތީ ޕާކިސްތާނެވެ. ރާއްޖެ އަށް 175 ވަނަ ލިބޭއިރު ސްރީލަންކާ އޮތީ 182 ވަނާގަ އެވެ. އެންމެ ފުލުގައިވަނީ 184 ވަނާގައި އޮތް ނޭޕާލެވެ.

ސާކް ގައުމުތަކުގެ ތެރެއިން މި ފަހަރު ކުރިއެރުން ލިބިފައިވަނީ ރާއްޖެ އާއި ޕާކިސްތާނާއި ނޭޕާލް އަދި ލަންކާ އަދި ބޫޓާނަށެވެ. މީގެ ތެރެއިން ބޫޓާނަށް ދެ ދަރަޖައިގެ ކުރިއެރުމެއް ލިބުނުއިރު އެހެން ގައުމުތަކަށް ލިބުނީ އެއް ދަރަޖައިގެ ކުރިއެރުމެކެވެ. ބަނގްލަދޭޝް އެއް ދަރަޖަ ފަހަތަށްދިޔައިރު ކުރިން ވެސް އޮތް މަގާމުގައި ކުރިއެރުމެއްވެސް އަދި ފަހަތަށް ވެސް ނުގޮސް އޮތީ އަފްގާނިސްތާނާއި އިންޑިޔާ އެވެ.

މި ފަހަރުގެ ރޭންކިންގައި ވެސް ދުނިޔޭގެ އެއްވަނަ ލިބެނީ އާޖެންޓީނާ އަށެވެ. އެންމެ ފަހުގެ ރޭންކިންގައި ވެސް އެއްވަނާގައި އޮތީ އާޖެންޓީނާ އެވެ. ނަމަވެސް އެއް ދަރަޖައިގެ ކުރިއެރުމަކާއެކު ބެލްޖިއަމް ދެ ވަނަ އަށް ޖެހިލިއިރު އެއް ދަރަޖަ ފަހަތަށް ވެއްޓި ތިން ވަނާގައިވަނީ ދުނިޔޭގެ ޗެމްޕިއަން ޖަރުމަނުވިލާތެވެ. ރޭންކިންގެ ހަތަރު ވަނަ ކޮލަމްބިއާ އަށް ލިބުނުއިރު ފަސް ވަނަ ބްރެޒިލަށް އަދި ހަވަނަ ލިބުނީ ޕޯޗުގަލް އަށެވެ. ހަތް ވަނަ ރޫމޭނިޔާ އަށް އަދި އަށްވަނަ އިނގިރޭސިވިލާތަށް ލިބިފައިވާއިރު ނުވަވަނާގައިވަނީ ވޭލްސް އެވެ. 10 ވަނާގައިވަނީ މިދިޔަ މަހު އާޖެންޓީނާ ބަލިކޮށް ކޮޕާ އެމެރިކާ ކާމިޔާބުކުރި ޗިލީ އެވެ.

މަޝްހޫރު އެހެން ގައުމުތަކަށް ބަލާއިރު ސްޕޭނަށް ލިބެނީ 11 ވަނަ އެވެ. އޭގެ ފަހަތުން ނެދަލޭންޑްސް އަދި 16 ވަނާގައި އިޓަލީ އޮތްއިރު ފްރާންސް އޮތީ 23 ވަނާގަ އެވެ.