ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އޭޝިއަން އިންފްރާސްޓްރަކްޗާ ބޭންކް (އޭއައިއައިބީ) ގެ ނައިބު ރައީސް އަދި ޗީފް އިންވެސްޓްމަންޓް އޮފިސަރު ޑީ ޖަގަތީސާ ޕާންޑިއަންއާ ބައްދަލު ކުރައްވައިފި އެވެ.
ޗައިނާ ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ވެރިރަށް ބެއިޖިންގައި ހުންނަ އޭއައިއައިބީގެ މައި އޮފީހުގައި މިއަދު މެންދުރު ބޭއްވި ބައްދަލުވުމެއްގައި ދިވެހި ސަރުކާރުގެ އިގްތިސޯދީ ސިޔާސަތާބެހޭ ގޮތުން އެ ބޭންކުގެ އިސްވެރިންނަށް މިނިސްޓަރު ޝާހިދު މައުލޫމާތު ދެއްވި އެވެ. އަދި އޭއައިއައިބީ އާއި ގުޅިގެން އިތުރަށް މަސައްކަތް ކުރުމާބެހޭ ގޮތުން ވެސް މަޝްވަރާތައް ކުރި އެވެ.
މި ބައްދަލްވުމުގައި އޭއައިއައިބީގެ ނައިބު ރައީސް ޕާންޑިއަން ވަނީ ދިވެހި ސަރުކާރުގެ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލް ކުރަން އެ ބޭންކުގެ އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
ފޮރިން މިނިސްޓަރު ކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޗަައިނާއަށް ޝާހިދު ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި، އެ ގަައުމުގެ ނައިބު ރައީސް ވަންގް ގިޝަން އާއި ފޮރިން މިނިސްޓަރު ވާންގް ޔީއާ ބައްދަލު ކުރައްވާ ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ އެވެ.
ޗައިނާއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެންމެ ގުޅުން ބަދަހިކުރި ގައުމެވެ. އެމަނިކުފާނުގެ ސަރުކާރުގައި ޗައިނާގެ ހިލޭ އެހީ އާއި ލޯނު އެހީގެ ދަށުން ތަރައްގީގެ ގިނަ އަދި ބޮޑެތި މަޝްރޫއުތަކެއް ހިންގެވި އެވެ. މި ސަރުކާރުން ވެސް ދެކެނީ ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއެއްގެ ގޮތުގަ އެވެ.