ދިޕިކާ ޕަދުކޯން

ރަންވީރުގެ އަނބިމީހާކަން ދީޕިކާ ހަނދާން ނެތިއްޖެ

ދީޕިކާ ޕަދުކޯންގެ ފައުންޑޭޝަން "ލިވް ލަވް ލާފް ފައުންޑޭޝަނުން" އިންތިޒާމްކޮށްގެން ބޭއްވި އިވެންޓެއްގައި ވާހަކަ ދައްކަމުން އޭނާއަކީ އަންބެއްކަން ދީޕިކާ ހަނދާން ނެތިއްޖެ އެވެ.

ހަގީގީ ދިރިއުޅުމުގައި އޭނާ ކުޅެމުންދާ ރޯލުތައް ކިޔައިދެމުން ދީޕިކާ ބުނީ އޭނާ އަކީ އަންހެންދަރިއެއް، ދައްތައެއް އަދި އެކްޓަރެއް ކަމަށެވެ. އެހެން ބުނެފައި އިތުރަށް ވިސްނާލަން ދީޕިކާ މަޑުކޮށްލި ވަގުތު އޭނާއަކީ އަންބެއްކަން ހަނދާން ކޮށްދިނީ މި އިވެންޓްގެ ޕެނަލް މޮޑަރޭޓާ އެވެ.

އޭނާ ހަނދާން ކޮށްދިނުން ކުއްލިއަކަށް "އޯ ... އަހަރެން ހަނދާން ނެތުނީއޭ" ދީޕިކާ ބުންޏެވެ. ދީޕިކާ މިހެން ބުނުމާއެކު އެ އިވެންޓަށް ހާޒިރުވެ ތިބި އެންމެންގެ ހިނިގަނޑު ފަޅައިގެން ދިޔަ އެވެ.

ދީޕިކާ އާއި ފިރިމީހާ ރަންވީރު ސިންގް އަކީ ބޮލީވުޑްގެ އެންމެ ލޯބި އެއް ޖޯޑެވެ. މި ދެ ތަރިން ކުރާ މަޖާ ކަންތައްތައް އަބަދުވެސް ސޯޝަލް މީޑިއާގައި ޝެއާ ކުރަމުންދާތީ މި ދެ ތަރިންގެ ފޭނުން އަބަދުވެސް މި މީހުންގެ ސޯޝަލް މީޑިއާ ޕޯސްޓްތަކަށް އިންތިޒާރު ކުރެ އެވެ.

ދީޕިކާ އާއި ރަންވީރު ކައިވެނިކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އިޓަލީގަ އެވެ. ކައިވެންޏަށްފަހު ދެ އެކްޓަރުން ވެސް އުޅެމުންދަނީ ވަރަށް ބިޒީ ކޮށެވެ.

ކައިވެނި ކުރި ފަހުން ރަންވީރުގެ ދެ ފިލްމެއް ރިލީޒްވެފައި ވެއެވެ. ޑިސެމްބަރުގައި ރިލީޒްކުރި "ސިމްބާ" އާއި ފެބްރުއަރީގައި ރިލީޒްކުރި "ގަލީ ބޯއި" އެވެ. މިހާރު ރަންވީރު އާއި ދީޕިކާ އެކުގައި ކުޅެމުންދަނީ ކަބީރް ޚާން ޑައިރެކްޓްކުރާ "83" އެވެ. މިއީ އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ކަޕިލް ދޭވްގެ ހަޔާތުގެ މައްޗަށް ކުޅޭ ފިލްމެކެވެ. މި ފިލްމުގައި ދީޕިކާ ކުޅެނީ ކަޕިލްގެ އަންހެނުން ރޯމީގެ ރޯލެވެ.

ކައިވެންޏަށްފަހު ދީޕިކާ ކުޅެފައިވަނީ "83"ގެ އިތުރުން މެގްނާ ގުލްޒާރުގެ "ޗަޕާކް" އެވެ. މި ފިލްމު އަންނަ އަހަރު ޖެނުއަރި 10 ގައި ރިލީޒްކުރަންހަމަޖެހިފައިވާއިރު "83" ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އެޕްރީލް 10 ގައެވެ.