ޕާކިސްތާން

ޕާކިސްތާނުގެ ވައިގެ ސަރަހައްދުން މޯދީ ދަތުރުކުރުން މަނާކޮށްފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ޕާކިސްތާނުގެ ވައިގެ ސަރަހައްދުން ދަތުރުކުރުން މަނާވާނެ ކަމަށް ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ޝާހު މަހުމޫދު ގުރައިޝީ ވިދާޅުވެއްޖެ އެވެ.

ގުރައިޝީ ވިދާޅުވީ، އިންޑިއާގެ ސިފައިން ކަޝްމީރުގައި ހިންގަމުންދާ އަނިޔާވެރި އަމަލުތަކުގެ ސަބަބުން، ކަޝްމީރުގެ ރައްޔިތުންގެ އިންސާނީ ހައްގުތައް ގެއްލެމުންދާތީ، އެކަން ހުއްޓާލުމަށް އިތުރަށް އިންޑިއާ ކިބައިގައި އެދުމުގެ ބަދަލުގައި ޕާކިސްތާނުން ނިންމީ، މޯދީއަށް ޕާކިސްތާނުގެ ވައިގެ ސަރަހައްދު ބަންދުކުރަން ކަމަށެވެ.

މޯދީއަށް ވައިގެ ސަރަހައްދު ބަންދު ކޮށްފައިމިވަނީ، ޕާކިސްތާނުގެ ބާރު ހިނގާ ކަޝްމީރުގެ ފަޅިއަކީ އިންޑިއާ ބައެއް ކަމަށް އިންޑިއާގެ ފޮރިން މިނިސްޓަރު ސުބްރަމަންޔަމް ޖޭޝަންކަރު ވިދާޅުވެފައި ވަނިކޮށެވެ. އަދި ކަޝްމީރު ޕާކިސްތާނުގެ އަތުން އަތުލާނެ ކަމަށް އިންޒާރު ދީފައި ވަނިކޮށެވެ.

ޕާކިސްތާނުން ވަނީ އިންޑިއާގެ ރައީސް ރާމް ނާތު ކޯވިންދަށް ވެސް ވައިގެ ސަރަހައްދު ބޭނުން ނުކުރެވޭނެކަން އަންގަފާ އެވެ. ކަޝްމީރުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކަކީ އެސްޓޭޓަށް ލިބިދީފައިވާ ހާއްސަ އިމްތިޔާޒުތައް ކޯވިންދުގެ އެދިލެއްވުމެއްގެ މަތިން ގާނޫނު ހަދާ މަޖިލީހުން އުވާލުމުން ހިނގަމުންދާ ހަމަނުޖެހުންތަކެވެ.

އިންޑިއާގެ ހައިކޯޓުގެ ސަމާލުކަމަށް ކަޝްމީރުގެ ހާލަތު އައުމުން، ސިފައިން ކަޝްމީރުގައި ކުރިއަށްގެންދާ ބައެއް އޮޕަރޭޝަންތައް މަޑު ޖައްސާލުމަށް ވަނީ އަމުރުކޮށްފަ އެވެ.