ވާހަކަ

ދާނޭހެ ޔާދުން ހިތާއޭ

(17 ސެޕްޓެމްބަރ 2019 އާ ގުޅޭ)

"އެ ހުރީ ލިއަމްގެ އަންހެނުން ގެނެސްދީފަ... މީ ޔުސްރާ، އެއީ ޒެއްލު" ޝިޔާނާއެކު ނުކުތް އަންހެންމީހާ ތަޢާރަފުކޮށްދިނެވެ. ހޭޒަލް ހިނިތުންވެލިއެވެ. އެހިނދު ދެން އެތަނުގައި ހުރި އަންހެން މީހާ ވެސް އޭނާގެ މޫނުގައި ހުރި އަސަރުތައް ފިލުވާލައި ހިނިތުންވެލިތަން ހޭޒަލް ދުށްޓެވެ.

"މިހާރު މި ރައްޓެހިންނަށްވީ... ދޯ އަލްމާ، ޒެއްލު، މީ އަލްމާ އިނގޭ... އަހަރެންގެ ހުރި އެންމެ ގާތް މީހާ" ހޭޒަލްއާ ސަލާމްކޮށްލާފައި ޔުސްރާ ދައްކާލީ އެތަނުގައި ހުރި ކުރު އަންހެން މީހާއެވެ. އެއާއެކު އަލްމާ ވެސް ހިނިތުންވެ ހުރެ ހޭޒަލްއާ ސަލާމްކޮށްލައިފިއެވެ. ނަމަވެސް އެ ހިނިތުންވުމުގައި ދެއްކުންތެރިކަމެއް އެކުލެވިފަވެޔޭ ހޭޒަލްގެ ޟަމީރު ބުނެދިނީ ކީއްވެކަމެއް ނޭނގެއެވެ. އަލްމާ އިސްކޮޅުން ކުރުވިޔަސް އޭނާގެ މޫނާއި އަތްތަންތަނުގައި ޖަހަނީ ނިކަން ހަރުވައްތަރެވެ. ޔުސްރާއާއި އަލްމާ މާބޮޑަށް ވެސް ދޮށިވާނޭކަން ހޭޒަލް ނިންމީ އެމީހުންގެ ސިފަ ފެނިފައެވެ. އަލްމާ ފަލައޭ ބުނާވަރަށް ފަލަނޫނަސް ލާފައި ހުރި ދެމޭފޮތީގެ ހުދު ޓޮޕުގެ ސަބަބުން އޭނާގެ ވަނާތަކާއި އުނަގަނޑާ ދިމާލުގައި ޖަހާފައި ހުރި ލޮކިމަސްތައް ފާޅުކޮށް ފެންނަން ހުއްޓެވެ. ޔުސްރާއަކީ ބުރުގާ އަޅާ އަންހެނެކެވެ. ރަތްކުލައިގެ ޝޯލްއަކާއެކު ހުރީ ގަޔަށް ދޫކޮށްހުރި ޓޮޕަކާއި ބެލްސެއް ލާފައެވެ. ގޭތެރެއަށް ވަންނަން ބުނެފައި އެންމެންގެ ކުރީން އަލްމާގެ އަތުގައި ހިފައިގެން ޔުސްރާ ހިނގައިގަތެވެ.

"މިގެ އެހާ ރީއްޗެއް ނުވާނެ އިނގޭ... އިހުގެ މުސްކުޅި ގެއެއްމީ، އަލްމާގެ މާމަގެ ގޯތިމީ" ޝިޔާނު ބުނެލީ ހޭޒަލްއަށް ބަލާލާފައެވެ. އޭނާ އެހެން އެބުނީ ކޮންމެމާނައެއްގައި ނަމަވެސް އެކަމާ ހޭޒަލް މާބޮޑު ފަރުވާލެއް ނުބެހެއްޓިއެވެ. އޭނާއަކީ އެއްވެސް އިރަކު އެހާ ހިތްމޮޅު އަންހެނެއްނޫނެވެ. މެހެމާންދާރީއަކީ ހިތްހެޔޮކަމާއި އިޚްތިރާމެވެ. އެކަން ހިނިތުންވުމަކުން ދިނަސް ހޭޒަލްއަށް ފުދުނީހެވެ.

"އެ ރަނގަޅުވާނެ، މި ރަށުން އިހުގެ ގެއެއް ބަލާލުމުގެ ނަސީބު ވެސް ލިބުނީނު މި" ހޭޒަލް ބުންޏެވެ. އޭނާގެ އުނަގަނޑުގައި ހިފައިގެން ހުރެ ލިއަމް ހިނގައިގަތީ ޝިޔާނުގެ ފަހަތުންނެވެ.

މުޅި ގެ ހެން ފެންނަނީ ބައުކޮށެވެ. ތެޅިގަލާއި އެޅިގަލުން ރާނާ އުވަނުޖަހާ ހުރި ފާރުތަކެވެ. ބަދިގެއާ ހަމައަށް އާދެވެންވީއިރަށް ފަހުން އިމާރާތްކޮށްފައި ހުރި ބައެއް ފެނުނެވެ. އެއީ މައިގެއާ އިންވެގެން ހަދާފައި ހުރި އިމާރާތެކެވެ. އެތަނުގެ ފާރުތަކުގެ ބޭރު ހުރީ އޮމާންކޮށް މަޑުފެހިކުލައެއް ލާފައެވެ. އަދި އެބަޔަށް ވަނުމަށް ޒަމާނީ ކެނޑުންތަކެއް ހުރި ދޮރެއްލާފައެވެ. އެތަނުގައި ވެސް ހަތަރުމީހުންނަށް އިށީނދެވޭނޭ ޖޯލިފައްޗެއް ހުއްޓެވެ. އެންމެންގެން ފަހަތުން ލިއަމްއާއެކު ހޭޒަލް ވެސް ކާގެއަށް ވަނެވެ. އެތަން ހުރީ މައިގެއާ ވަކިން ނަމަވެސް ކާގެއާއި ބަދިގެ ހުރީ ޖެހިޖެހިގެންނެވެ. އެއްބައިން އަނެއްބަޔަކަށް ވަދެވޭނޭހެން ދޮރު ކަނޑާފައެވެ. އެއީ ވަރަށް ކުޑަކުޑަ ކާގެއެކެވެ. ޖެހިގެން ހުރި ބަދިގެ ތެރެއިން ފެނުނީ ޢާއްމުކޮށް މިހާރު ނުފެންނާނޭ ކަހަލަ މަންޒަރެކެވެ. އެތަނުގައި ދުންއަރާ ކަޅުވެފައި ހުރި ދުމަށްޓަކާއި ދަރު އުނދުނެއް ހުރީތީ ހޭޒަލްއަށް ފެނުނެވެ. އެތަނާ ތަންކޮޅެއް ދުރުގައި ދެތަނުން ކެކޭ ގޭސް އުނދުނެއް ސިމެންތި އަށްޓެއްގެ މަތީ ބަހައްޓާފައި ހުއްޓެވެ.

ކާގޭގެ ދޮރުންވަންނައިރު ކަނާއަތްފަރާތުގައި ހުރި ތަރަފާލު އެޅި ކާމޭޒުގެ އެއްކޮޅުގައި ހޭޒަލްއާއި ލިއަމް އިށީނުމުން ކާމޭޒު ފުރިއްޖެއެވެ. އެމީހުންނާ ކުރިމަތިވާނޭހެން އިނީ ޝިޔާނެވެ. މޭޒުމަތިން ފެންނަނީ ދިވެހިން ޢާއްމުކޮށް ކެއުމަށް ބޭނުންކުރާ ވައްތަރުތަކެވެ. ގަރުދިޔައާއި ބަތެވެ. މަހުބިހާއި މެޔާއި ބަނޑައިދޫ ފަދަ އެއްޗެހި ވަކި ތަށްޓަކަށް ނަގާފައި ހުއްޓެވެ. ރޯމިރުހާއި ލޮނުމެދާއި ފިޔާއާއި ލުނބޯގެ އިތުރުން ލޮނުމިރުހާއި ހިކިމަސް ހުއްޓެވެ. ދެން ހުރީ ކެރެޓު އަސާރައާއި ރިހިކުލައިގެ ކުޑަތަށްޓެއްގައި ކުޅިކޮށްފައި ހުރި ރިހާކުރެވެ. ބުއިމަކަށް އަތަފަނި ހުއްޓެވެ. ކޮޕީފަތާއި ތެލުލި ފަތާއި ކެރެޓާއި ކިއުކަމްބާ އެހެން ތަށްޓެއްގައި ހުއްޓެވެ.

"މަށަކަށް ބަލާކަށް ނީނދެވޭނެ... ފަށަމާ..." ޝިޔާނު ބުންޏެވެ. އެއާއެކު ބަތްތަށި ކައިރިކޮށްލުމާއެކު ޝިޔާނުގެ ތަށްޓަށް ޔުސްރާ ބަތްއަޅައިދޭން ފެށިއެވެ.

"މޮޑެދޭންވީ ދޯ" އަލްމާ އަހާލީ ލިއަމް ގާތުގައެވެ.

"ނޫން... އަތުން ކާނީ" ލިއަމް ބުންޏެވެ.

"އެބަ އަންނަން... ލިއަމް އަތްދޮންނަން ބޭނުންވާނެއެއްނު" އަލްމާ ބުނެލިއެވެ. އަދި ހަލުވިކޮށް ބޭރަށް ނުކުމެ ޕްލާސްޓިކު ބޮޑު ތަށްޓަކާއި ފެންޖަގެއް ހިފައިގެން އޭނާ އައެވެ. އެކުރަން އުޅޭ ކަމެއް ނޭނގިފައި ހޭޒަލް ބަލަން އިނެވެ. އަލްމާ ޕްލާސްޓިކު ބޮޑުތަށި ދިއްކޮށްލުމުން ލިއަމް އެތަށްޓަށް އަތް ދިމާކޮށްލިއެވެ. އެއާއެކު ލިއަމް އަތްދޮންނަން އަލްމާ ފެންޖަގު އަރިކޮށްލާ ފެން އޮއްސަން ފެށިއެވެ.

"ޒެއްލު ވެސް އަތްނުދޮވެ ނުކާނެ" ލިއަމް އަތްދޮވެލާފައި ބުނެލިއެވެ. އަލްމާ އެ ތަށި ހޭޒަލްއަށް ދިއްކޮށްލިއެވެ. އޭނާ އަތްދޮވުމުން ތަށި ހިފައިގެން އަލްމާ ހިނގައްޖެއެވެ.

"ޔުސްރާމެން ނުކަންތަ؟" ހޭޒަލް އަހާލިއެވެ.

"އަހަންނާ އަލްމާ ކާނީ ފަހުން، މި މޭޒުގަ އަހަރެމެން އެންމެންނަކަށް ނުތިބެވޭނެއެއްނު" ޔުސްރާ ބުންޏެވެ. ބަތްތަށި ލިއަމްމެންނާ ކައިރިއަށް އޭނާ ޖައްސާލިއެވެ. ލިއަމްއަށް އެއްޗަކާ އެއްނުކޮށް ހުންނަ ބަތެއް ނުކުވެއެވެ. އެކަމާ ހޭޒަލްއަށް ވިސްނާލެވުނެވެ. އެހެންނަމަވެސް ބައެއްގެ ކައިރިއަށް އެގޮތަށް އައިސް ހުންނައިރު އަމިއްލަ ގޭގައި ހުންނަ ގޮތަށް ހުރިހާ ކަމެއް ފުރިހަމަވެފައި ނުހުންނާނޭކަން ލިއަމްއަށް އެނގޭތީ މަޖުބޫރުވެގެން އޭނާ ބަތްކާން ޤަބޫލުވެފައި އިނީއޭ ހޭޒަލްގެ ހިތަށް އެރިއެވެ. އެނބުރި އެޕާޓެމެންޓަށް ދެވުނީމާ އެކަމާ ލިއަމްއާ ދިމާކޮށްލަން ހޭޒަލް އިނީ ހިތުލައިގެންނެވެ. އެވަގުތު ލިއަމް ބަތްއަޅާފައި ހުރި ބޮޑުތަށި ނަގާ ހޭޒަލްގެ ތަށްޓަށް ބަތް އަޅައިދޭން ފެށިއެވެ. އަދި އޭނާގެ ތަށްޓަށް ހޭޒަލް ބަތް އަޅަން އުޅެނިކޮށް އެތަނަށް އައި އަލްމާ ރޮށިއަޅާ ކަހަލަ ތަށްޓެއް މޭޒުމަތީ ބެހެއްޓިއެވެ.

"ލިއަމް ބަތްނުކާނެތީ ރޮށި ފިހުނިން" އަލްމާ ބުނެލިއެވެ.

"މިތަނުގަ ވެސް އެހެންވީމަ ބަތްކޮޅެއް ހަމަ ނުދިރުނު ދޯ" ހޭޒަލް ހިނިތުންވެ އިނދެ ބުނެލިއެވެ.

"ރޮށި ފުނޑުވަދެން" ހޭޒަލް ބަތްތަށްޓަށް އަތްލުމުގެ ބަދަލުގައި ބުނެލިއެވެ. އަދި ރޮށިތަށި ނަގަން އުޅުނެވެ. ނަމަވެސް އަލްމާ އެ ތަށި ދަމާލީ އޭނާއާ ގާތަށެވެ.

"ޒެއްލު ކާންފާށާ، އަހަރެން ރޮށިފުނޑުވަދީފާނަން... އެހެންޔާ ވެސް އަހަރެން ދޯ ލިއަމްއަށް ރެޑީކޮށްދެނީ" އަލްމާ ބުންޏެވެ. އެއާއެކު ހޭޒަލްގެ ނަޒަރު ލިއަމްއާއި އަލްމާއަށް ހުއްޓުނެވެ. ލިއަމް ވަކި އެއްޗެއް ނުބުންޏެވެ. ޔުސްރާއަށް ހޭޒަލްގެ ނަޒަރު ދަތުރުކޮށްލި ގޮތް ފެނުނެވެ.

"އޭނާ މިގެއަށް އައިސް ނުކެރިފަ އިންނަންޏާ ދެން ޖެހޭނީ މީހަކު އެކަން ކޮށްދޭކަންނު، އަހަންނަށް ޖެހޭ ޝިޔާނުގެ ބަތްތަށި މޮޑެން... ޒެއްލުއަށް އެނގޭތަ!... މި ލިއަމް ވަރަށް ލަދުން އިންނާނީ، މިހާރު ކިރިޔާ ވެސް އެ ވާހަކަދައްކަނީ" ޔުސްރާގެ އަޑުގައި ހުރީ ދިމާކޮށްލާފަދަ ގޮތެކެވެ. އެހެންނަމަވެސް ހޭޒަލްއަށް ބަޔާންކުރަން ނޭނގޭ އުނދަގޫތަކެއް އަލްމާގެ ފުށުން އިޙްސާސް ކުރެވުނެވެ.

"ތި މީހުންހެން އަނގަގަދަ ނުވުމަކީ ލަދުން ހުރުންތަ؟" ޔުސްރާ ބުނި އެއްޗަކަށް ލިއަމް ރައްދުދިނެވެ.

"ތިކަން އަހަރެން ޤަބޫލެއްނުކުރާނަން، އޭނާ ލަދުންނެއްނޫން... އޭރު އާވީމަ ދޯ... މިހާރު އާކަން ކެނޑިއްޖެ، އެހެންވީމަ ނުކެރިއެއް ނުހުންނާނެއެއްނު" އަލްމާ ލާނެތް ގޮތަކަށް ހީނލިއެވެ.

ލިއަމް ކައިނިންމާފައި އެންމެންނަށްވުރެ ކުރީން ކާގެއިން ނުކުތެވެ. ބޭރުގައި ތަޅުންކޮޅެއް އަޅައި އިސްކުރެއް ލާފައި ހުރި ތަނެއް ހުއްޓެވެ. އެތަނުން އަތްދޮންނައިރު ގަޔަށް ފެންބުރާނޭ ކިޔާ އަލްމާ ދިޔައީ އަތްދޮންނަން އިހު ގެންގުޅުނު ފެންޖަގާއި ބޮޑުތަށި ބަލައެވެ. އޭނާގެ ފަހަތުން ލިއަމް ވެސް ހިނގައިގަތެވެ. ކައިނުނިމި އިން ހޭޒަލްގެ ލޯ މައްޗަށް އެ ދެ މީހުން ވެސް ގެއްލުނީއެވެ. ގިނައިރެއްނުވެ ޝިޔާނު ކައިގެން ނުކުތުމުން އަލްމާ އައިސް ކާގެއަށް ވަނެވެ. ޝިޔާނު ކެއި ތަށްޓާއި ލިއަމް ކެއި ތަށި ނަގަމުން ޔުސްރާގެ ނަޒަރު އަލްމާއަށް ހުއްޓުނެވެ. ބަސްމޮށުންތެރިކަމެއް ނުހިނގި ނަމަވެސް އަލްމާއަށް ބަލަން ހުރި ޔުސްރާގެ ބެލުމުގައި ތަފާތުކަމެއް ހުރިކަން ގައިމެވެ. ހީވަނީ ޔުސްރާ ކަމަކާ ހިތްހަމަނުޖެހުނީހެނެވެ.

"ދެކޮޅަށްނުދުވެ މިތާ މަޑުކޮށްލަބަލަ... މި އަންނަނީ ތަށިތައް ދޮވެލައިގެން، ޒެއްލު ކައިނުނިމެނީސް އަހަރެމެން ވެސް ކާން އަރަންކަމަށް" ޔުސްރާ ބުންޏެވެ. އެއްވެސް އަސަރެއް ނުފެނި ހުރި އަލްމާގެ މޫނު ހޭޒަލްއާ އަމާޒުވީ ހިނދު ނިކަން ފުޅާ ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. ހިނިތުންވުން ކެނޑުމުގެ ބަދަލުގައި އަލްމާގެ ތުންފަތް އެއްފަރާތަކަށް ދެމިލި ގޮތުން އެ ހިނިތުންވުމުގައި މަލާމާތުގެ އަސަރު އެކިލެވިފައިވީހެން ހޭޒަލްއަށް އިޙްސާސް ކުރެވުނެވެ. މޫނުމަތިން ފާޅުނުކުރި ނަމަވެސް ހޭޒަލްގެ ހިތަށް ވަރަށް އުނދަގޫވިއެވެ. އެފަދަ އުނދަގޫ އިޙްސާސްތަކެއް ކުރެވެންވީ ސަބަބެއް ހޭޒަލްއަކަށް ނޭނގެއެވެ. އޭނާއާއި އެ މީހުންނާ ބައްދަލުވީ މުޅިން އަލަށެވެ. ހޭޒަލްގެ ފުށުން އެމީހުންނަށް ބޮޑާކަމުގެ އަސަރެއް ނުފެންނާނޭކަން ޚުދު އޭނާއަށް އެނގެއެވެ. އޭނާއަކީ މީހުންނާ ގުޅޭ މިޒާޖެއްގެ މީހެއްކަން އަމިއްލައަށް ވެސް ބުނަން އެނގެއެވެ. ރައްޓެހިން ހޯދަން ހޭޒަލްއަށް ނުހަނު ފަސޭހައެވެ.

"ވަރަށް ދުވަސްކޮށްލާފަ މިހާ ފުރިހަމައަށް ގަރުދިޔައާއި ބަތާ ކާން ލިބުނީ" މޭޒުދޮށުގައި އިށީނދެ އިން އަލްމާއާ ރައްޓެހިކަން ބަދަހިކުރުމުގެ ނިޔަތުގައި ހޭޒަލް އިސްވެ ވާހަކަދެއްކިއެވެ.

"ޒެއްލުތަ ކިޔަނީ އަސްލުކޮށް" އަލްމާ އެއްސެވެ.

"ހޭޒަލް ކިޔަނީ... ފެމެލީއާއި ފްރެންޑްސް ޒެއްލު ކިޔަނީ" ހޭޒަލް ބުންޏެވެ.

ޔުސްރާ ތަށިތައް ހިފައިގެން އައިސް ކާންނުފެށިގެން އުޅެނިކޮށް ހޭޒަލް ކައިނިމިއްޖެއެވެ. އެހެންވެ އޭނާ އަތްދޮވުމުގެ ކަންތައް ހަމަޖައްސައިދިނީ ޔުސްރާއެވެ. ހޭޒަލް ތަށި ހިފައިގެން ތެދުވުމުން ޔުސްރާ އެ ތަށި އަތުލިއެވެ. ހޭޒަލް އެއްވެސް ތަށްޓެއް ދޮންނާނޭ ކަމެއްނެތޭ ޔުސްރާ ބުންޏެވެ. އަތްދޮންނަން ބަދިގެ އޮޅި ކައިރީ ބަހައްޓާފައި ހުރި ތަށްޓާއި ފެންޖަގު ކައިރިއަށް ޔުސްރާ ޖެހިލިއެވެ. ހޭޒަލް އެތަނާ ކައިރިވެލިއިރު އެ ދިމާ ޖޯލިފަތީގައި ލިއަމްއާއި ޝިޔާނު ތިއްބެވެ. ހޭޒަލް ފެނުމުން ރަނގަޅަށް ކެއިންތޯ ޝިޔާނު އަހާލިއެވެ. ހޭޒަލް ހިނިތުންވުމަކާއެކު ބަނޑުފުރެންދެން ކައިފިންކަން ބުނެލިއެވެ. ހޭޒަލް އަތްދޮވެގެން އައިސް ޝިޔާނުގެ ދިއްކޮށްލި ފޯއްތަބަކުން ކާފޫރުތޮޅިއަކާއި ފޮނިތޮށިކޮޅެއް އަނގަޔަށް ލިއެވެ. ހޭޒަލްއަށް ފޯނެއް އައީ އެވަގުތެވެ.

"މަންމަ" ފޯނަށް ބަލާލާފައި ލިއަމްއަށް ބަލާލަމުން ހޭޒަލް ބުންޏެވެ.

"ބޭރު ޖޯއްޔަށް މިދަނީ... ޝިޔާނު އަންނާނަންތަ؟" ލިއަމް ޖޯލިފަތިން ތެދުވަމުން ބުންޏެވެ.

"ދެ ކުދީން ގޮސްލާ... އެ ތިބަ ދެ މީހުން ނިމުނީމަ ނުކުންނާނަން އަނގަތަޅާލަން" ޝިޔާނު ބުންޏެވެ.

ހޭޒަލްއާއި ލިއަމް ބޭރު ޖޯއްޔަށް ނުކުތެވެ. އެތަނުގައި ބޮކިދަނޑިއެއް ހުއްޓެއް ކަމަކު ބިޔަކޮށް ހެދި ފެތުރިފައި ހުރި ބަނބުކެޔޮ ގަހާ ހެދި ޖޯލިފައްޗަށް އޮންނަނީ އަނދިރިއެޅިފައެވެ. އެތާ ތިބޭ ބަޔަކު އިނގޭވަރުވާނީ ޖޯލިފައްޗާ ފުދޭވަރަކަށް ކައިރިއަށް އައިސްގެންނެވެ. ގޭގެ ދޮރޯށްޓާ އެންމެ ދުރުގައި ހުރި ޖޯލީގައި ލިއަމް އިށީނެވެ. އޭނާއާ ޖެހިގެން ހޭޒަލް އިށީނެވެ. ގުޅީ މުހުސިނާއެވެ. ހޭޒަލްގެ ފޯނަށް ގުޅިއެއް ކަމަކު މިފަހަރު ފޯނުކޯލު ނެގީ ލިއަމްއެވެ.

"މަންމަގެ ހޭޒަލް ސަލާމަތުން އަހަރެންގެ ގާތުގައި އެބަހުރި... އެކަން ބަލާކަންނު ތިގުޅީ" ފޯނު ނެގިގޮތަށް ލިއަމް ބުންޏެވެ. އޭނާ މުހުސިނާއާ އިރުކޮޅަކު ވާހަކަދައްކާފައި ހޭޒަލްއަށް ފޯނު ދިއްކޮށްލިއެވެ. ހޭޒަލް ގާތު މުހުސިނާ އެހުމުން ކިޔާދޭ ފަދައިން އެ ރަށުގައި ހުރި ލިއަމްގެ ރަޙުމަތްތެރިއެއްގެ ދަޢުވަތަށް އައިސް އުޅޭވާހަކަ ބުންޏެވެ. މުހުސިނާގެ ކޯލު ބޭއްވުމާއެކު ހޭޒަލްގެ ނަޒަރު ލިއަމްއަށް ހުއްޓުނެވެ. އޭނާގެ ކަނާއަތުން ހޭޒަލްގެ ވައަތްތިލައިގަ ހިފާ އުފުލާލިއެވެ. އަދި ހޭޒަލްގެ އިނގިލިތަކުގެ ދޭތެރެއަށް ލިއަމްގެ އިނގިލިތައް މަހާލައި ހިފަހައްޓާލިއެވެ.

"ހެޕީތަ މިކޮޅަށް އާދެވުނީމަ" ލިއަމް އަހާލިއެވެ. ހޭޒަލް ބޯޖަހާލީ ނިކަން ބޮޑު ހިނިތުންވުމަކާއެކުއެވެ.

"އަލްމާގެ ފެމެލީ މީހުން ނޫޅެނީތަ؟ އެއްވެސް މީހަކު ގޭތެރެއިން ނުފެންނާތި" ވިސްނުމަކަށް ގެއްލި އިނދެފައި ހޭޒަލް އަހާލިއެވެ.

"އޭނާގެ މުސްކުޅި މަންމައެއް ހުރޭ، ދެން އަލްމާގެ ދެމަފިރިންނާއި އެމީހުންގެ ދަރިފުޅު، އޭނަ މަންމަ ވަރަށް އަވަހަށް ކައިގެން ނިދަންވަންނާނެ، ދަރިފުޅު ނިންދަވާނެ މިހާއިރުވާއިރަށް" ލިއަމް ބުންޏެވެ.

"ދެން އޭނާގެ ފިރިމީހާޔޯ" ހޭޒަލް އަހާލިއެވެ.

"އޭނާ އެއީ ކަންނެއްޔަށް ދާމީހެއް... ރަށަކުނެތް" ލިއަމް ބުންޏެވެ.

"ޝިޔާނު ހީވަނީ ވަރަށް ސީރިއަސްހެން ޔުސްރާއާ" ހޭޒަލްއަށް ފެނުނު ކަންތައްތަކުގެ މައްޗަށް ބުރަވެ ބުނެލިއެވެ.
"އޭނަ ބޭނުންވޭ ޔުސްރާއާ މެރީކުރަން... އެހެން ވިސްނާނީ ވަރަށް ސީރިއަސްވީމަތާ" ލިއަމް ބުންޏެވެ.

"މި ތިބީނު" ގޭތެރެއިން ނިކުތް ޝިޔާނު ބުންޏެވެ.

ޝިޔާނުގެ ފަހަތުން ޔުސްރާއާއި އަލްމާ ވެސް ނުކުތެވެ. ޝިޔާނާއި ޔުސްރާ އިށީނީ ގޭގެ ދޮރޯށްޓާ ކައިރިވާނޭހެން ހުރި ދެ ޖޯލީގައެވެ. އަލްމާ އިށީނީ ޔުސްރާއާ ޖެހިގެންނެވެ. ޔުސްރާއާއި ޝިޔާނު ވަރަށް ގިނަ ވާހަކަދެއްކިއެވެ. ހޭޒަލް އައިސް ހުރި ދުވަސްކޮޅުގައި މަޖާކޮށްލަން އެކިކަހަލަ ކަންކަން ރޭވުމަށް ޔުސްރާ ނިންމިއެވެ. ވާހަކައިގެ ތެރެއިން ޔުސްރާގެ ދަރިފުޅުގެ ވާހަކަ ވެސް ބުންޏެވެ. އެގާރަ އަހަރުގެ ޝަހާ ގިނައިން ހުންނާނީ އޭނާގެ މާމަމެންގޭގައި ކަމަށް ބުންޏެވެ. އެގޭގައި އޭނާވަރުގެ ކުދީން އުޅޭތީއެވެ. ޔުސްރާއަކީ ވަޒީފާ އަދާކުރާ މަންމައެކެވެ. އަމިއްލަ މީހެއްގެ ކުންފުނީގައި އިދާރީ މަސައްކަތްތައް ބަލަހައްޓަނީއެވެ. ބަންދުދުވަހެއް ފިޔަވައި އެހެން ހުރިހާ ދުވަހެއްގަ ހުސްވަގުތުވާނީ ރޭގަނޑު ނުވައެއްގެ ފަހުން ކަމަށް ޔުސްރާ ބުންޏެވެ. އެހެންވިޔަސް ބައެއް ދުވަސް ދުވަހަށް ހަވީރު ވެސް ވަގުތު ވާކަމަށް ބުންޏެވެ. ކޮންމެ ކަމެއް ބޭއްވިޔަސް އެންމެން ބައްދަލުވާނޭ ތަނަކަށް ޔުސްރާ ނިންމީ އަލްމާމެން ގެއެވެ. އެގޭގައި މީހުން މަދުވެފައި އެމީހުންނަގާ މަޖަލަށް އެއްޗެއް ބުނާނޭ މީހަކު ނުހުންނާނެތީއޭ އޭނާ ބުންޏެވެ. އެކަން ހޭޒަލްއަށް ވިސްނުނެވެ. އަލްމާމެން ގޭތެރެ ފަޅަށް އޮންނަކަން ހޭޒަލްއަށް ވެސް މިރޭ ފާހަގަވެއްޖެއެވެ.

"މިގޭ ބިއްދޮށުގައި ހުރި ކޮޓަރި ހެދިފަ ހުރިނަމައޭ ހިތަށް އަރާ، ޒެއްލުއާއި ލިއަމް މިގޭގަ ބަހައްޓަން ވަރަށް ބޭނުން... އޭރުން މަޖާ ވެސް ވާނެއެއްނު" އަލްމާ ބުންޏެވެ. ހޭޒަލް މަޑުމަޑުން ބޯޖަހާލަމުން ހޫންއެއް ލައްވާލިއެވެ.

ލިއަމްއާއި ހޭޒަލްއަށް އެމީހުން ތިބޭ އެޕާޓްމެންޓަށް އާދެވުނީ އެގާރަ ޖެހިފަހުންނެވެ. ޝިޔާނު އެމީހުންނާއެކު އައުމުގެ ބަދަލުގައި ޔުސްރާ ގާތު އަލްމާމެންގޭގައި މަޑުކުރީއެވެ.

* * * * *

ލިއަމްގެ ގާތަށް ހޭޒަލް އައިތާ ހަފްތާއެއް ވީއިރު ޔުސްރާއާއި އަލްމާއާ އޮންނަ ރައްޓެހިކަން ވަރަށް ބޮޑަށް ބަދަހިވެއްޖެއެވެ. ޔުސްރާއަށްވުރެ ގިނައިން އަލްމާ ވާހަކަދައްކަން ފެށިއެވެ. އެކަމަކު އޭނާގެ ވާހަކަ ހުންނަނީ އަބަދުވެސް ހޭޒަލްގެ ފުށުން ކަންކަން އޮޅުންފިލުވަން ބޭނުންވެފައި ހުންނަ ހެންނެވެ. އަނެއްކޮޅުން އަލްމާ ފެންނަނީ ވަރަށް ތަފާތު މީހެއްގެ ގޮތުގައެވެ. ޔުސްރާ ހެންނެއްނޫނެވެ. ލިއަމްއާ ވާހަކަދައްކާއިރު އޭނާގެ ގައިގާ އަތްލުމުގެ އިތުރުން ބައެއްފަހަރަށް އެއްވެސް ކަމެއްނެތި ލިއަމްއަށް ގެއްލިފައި އަލްމާ އިންނަތީ ހޭޒަލްއަށް ވެސް ފެނިއްޖެއެވެ. ހޭޒަލްގެ ހިތުގައި ސުވާލު އުފެދެނީ އަލްމާގެ ޢަމަލުތައް ޝިޔާނާމެދު ބަހައްޓާ ގޮތް ތަފާތުވީމައެވެ. ނަމަވެސް އެއީ ދެކޮޅުޖެހޭ ޚިޔާލެއްކަމަށް ހޭޒަލްއަށް ނުވިސްނުނީ ލިއަމްގެ ފުށުން ތަފާތެއް ނުފެންނާތީއެވެ. އަނެއްކޮޅުން ހީވާ ހީވުމަކަށް އެއްޗެއް ބުނާތަނުން އެކަން ބޮޑުވެ މޫނުކެނޑެންޖެހިދާނެތީ ހޭޒަލް ބިރުގަނެއެވެ.
ޖެހިގެން އައި އަންގާރަ ދުވަހުގެ ރޭ ޝިޔާނާއި ފަރުހާދާއި އަދިވެސް އެމީހުންގެ ތެރޭގައި އުޅޭ ގުރޫޕާއެކު މަސްދަތުރެއް ރޭވިއެވެ. އެހެންވެ ޝިޔާނާއެކު މަސްދަތުރަށް ބޭނުންވާ ބައެއް އެއްޗެހި ހޯދުމަށް ލިއަމް ދިޔައެވެ. ހަވީރު އޭނާ ދަމުން ދިޔައީ އަލްމާމެންގެއަށް ހޭޒަލް ލާފައެވެ. އޭރުން ހޭޒަލް އެކަނިވެ ފޫހިވުމުގެ ބަދަލުގައި އަނގަތަޅާލާނޭ ބަޔަކު ތިބޭނެތީއެވެ. މަހުން އައިސް ހޭޒަލް ބަލާ އަންނާންކަމަށް ލިއަމް ބުންޏެވެ.

ރޭގަނޑު ކައި ނިންމާފަ އަލްމާއާއެކު ހޭޒަލް ވެސް އޮތީ ބޭރު ޖޯލީގައެވެ. ޔުސްރާގެ ދަރިފުޅުގެ ކަމެއް ޖެހިގެން އޭނާއަށް އާދެވޭނީ ތަންކޮޅެއް ލަހުން ކަމަށް އަލްމާ އޮތީ ބުނެފައެވެ. ދެމީހުން ޖޯލީގައި ތިއްބާ ހޭޒަލްގެ ފޯނަށް މެސެޖެއް އައެވެ. އޭނާ ޑޭޓާ ޖައްސާލުމުން ނޮޓިފިކޭޝަންތައް ފުންޏަކަށް އަންނަން ފެށީއެވެ. އޭގެތެރޭގައި ދާރިއަންގެ މެސެޖަކާއި ސައިފްގެ އެތައް މެސެޖެއް ހުއްޓެވެ. ފުރަތަމަ ހޭޒަލް ދާރިއަންނަށް ޖަވާބު ފޮނުވިއެވެ. އޭނާ އަތޮޅުތެރޭ ހުރިކަމާއި އޭނާ ފޮނުވި ކުރެހުމާމެދު އިތުރަށް ވާހަކަދައްކަން މާލެ ދެވުނީމަ ބައްދަލުވާނީ ކަމުގައި ބުންޏެވެ. އަދި އޭނާ މާލެ ދާނޭ ތާރީޚު ވެސް ބުންޏެވެ. އެއަށްފަހު ސައިފްގެ މެސެޖުތައް ބަލާލިއެވެ. އަދި ވަގުތުން ޑޭޓާ އޯފް ކޮށްލިއެވެ. މެސެޖު ބަލައިފިކަން އެނގޭއިރަށް ސައިފް ގުޅާނޭކަން ހޭޒަލްއަށް ޔަގީންވަނީއެވެ. އޭނާގެ ހަރަކާތްތަކަށް އަލްމާ ބަލަން އިންކަން އެނގުނީ އޭނާ ވާހަކަދެއްކީމައެވެ.

"ލިއަމްތަ؟" އަލްމާ އެއްސެވެ. ހޭޒަލް ބޯހޫރުވާލަމުން "އުނހު!"އޭ ބުނެލިއެވެ.

"ދެން ކާކު... އަނެއްކާ ބިޓެއްތަ؟" އަލްމާގެ އަޑުގައި ހުރީ ސަމާސާ ގޮތެކެވެ.

"ފްރެންޑެއް" ހޭޒަލް ބުންޏެވެ.

"ލިއަމް މައްސަލައެއް ނުޖައްސާތަ ޒެއްލުގެ ފިރިހެން ރައްޓެހިން ތިބީމަ، މިހާރު ކިހާ ދުވަހެއްވެއްޖެ މެރީ ކުރިތާ؟" އަލްމާ އެއްސެވެ.

"އެއިޓްވަނީ... އޭނާއަކީ އެކަހަލަ މީހެއްނޫން، އަހަރެމެން ދެ މީހުންގެ ދެމެދުގަ އަންޑަސްޓޭންޑިން އޮވޭ، ފުލް ޓްރަސްޓް އެކަކުއަނެކަކަށް ކުރަން" ހޭޒަލް ބުންޏެވެ.

"ލިއަމް ވަރަށް ނައިސް ދޯ... އެކަމަކު ތިވަރަށް ނުވާނެ އިތުބާރުކުރާކަށް، ދެން ބުނެބަލަ... ކިހިނެއް ތި ދެ މީހުން ދިމާވީ" އަލްމާ އެއްސެވެ. ދިމާވިގޮތް ކުރުގޮތަކަށް ހޭޒަލް ކިޔާދިނެވެ.

"ލިއަމްގެ ވައިފެއް ހުންނަކަން އޮތީ އެނގިފަ، އެކަމަކު ހިޔެއްނުކުރަން މިކޮޅަށް އަންނާނެކަމަކަށް، ލިއަމް ވެސް ފަހުންފަހުން ޝިޔާނާއެކު އަންނަލެއް މަދު، އަޔަސް ނިކަން އަވަހަށް ދޭ... ލިއަމް ބޭނުންވެގެންތަ ޒެއްލު ތިއައީ" އަލްމާ ބުންޏެވެ. މިފަހަރުވެސް ހޭޒަލް ހޫންއަކުން ވާހަކަކުރުކޮށްލިއެވެ.

"ބޭބީއެއް ހޯދާކަށްނޫޅެންތަ؟... ދަރިއަކުނެތިއްޔާ ދިރިއުޅުން ފުރިހަމައެއްނުވާނެ ދޯ" އަލްމާ ބުންޏެވެ. މިފަހަރު އަލްމާގެ ވާހަކައިން ހޭޒަލްއަށް އުނދަގޫވެއްޖެއެވެ.

"ކީއްވެތަ އަލްމާގެ ހަޒްބަންޑް ނުފެންނަނީ؟ އަހަރެމެންނާ މީޓު ވެސް ނުކޮށްދެމެންނު" ހޭޒަލް ރާގު ބަދަލުކޮށްލިއެވެ.

"އަހަރެންގެ ހަޒްބަންޑް ލިއަމްހާ ސްމާޓެއްނުވާނެ، ލިއަމްމެން ގައިން ދުވާކަހަލަ މީރު ވަހެއް ވެސް ނުދުވާނެ، އޭނާ ގިނައިން އުޅެނީ ކަނޑުމަތީ... ކަންނެލި ދޯންޏެއްގަ، އަހަރެން ވެސް އިންނަންވީ ލިއަމްއާ ދޯ... އޭރުން ޒެއްލުހާ ނަސީބު ގަދަވާނެ" އަލްމާ ހިނިއައިސްފަ އިނދެ ބުންޏެވެ.

(ނުނިމޭ)