ހަބަރު

ރައީސް ނަޝީދާ މައްސަލައެއް ނުޖެހޭ: ރައީސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާ އެއްވެސް މައްސަލައެއް ނުޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދާއި ރައީސް ސޯލިހު ދެމެދުގައި ނުތަނަވަސްކަމެއް އުޅޭ ކަމުގެ އަޑުތައް ދާދި ފަހުން ވަނީ ގަދަވެފަ އެވެ. އެގޮތުން މަރު ކޮމިޝަން އިން ރިލްވާންގެ މައްސަލާގައި ތަައްޔާރު ކުރި ތަހުގީގު ޑްރާފްޓު ރައީސްގެ އިޒްނައަކާ ނުލައި މަޖިލީހަށް ފޮނުވި މައްސަލާގައި އެމަނިކުފާނު ކަންބޮޑުވުން ފާޅު ކުރެއްވި އެވެ. އޭގެ އިތުރުން މަޖިލީހާ އެއްވަރަށް ސަރުކާރު ހިނގުމުގައި ލަސަތަކެއް އުޅޭ ކަމަށް ބުނެ ރައީސް ނަޝީދު ވެސް ވަނީ ފާޑު ވިދާޅުވެފަ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަވަސް އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ ރައީސް ނަޝީދާއި އެމަނިކުފާނާ ދޭތެރޭ އެއްވެސް މައްސަލައެއް ނުޖެހޭ ކަމަށާއި އެއީ ބަޔަކު ގަސްދުގައި ދައްކާ ދޮގު ވާހަކަތަކެއް ކަމަށެވެ.

"ރައީސް ނަޝީދާ ދޭތެރޭ މައްސަލައެއް ނެތް، އެއީ އެއްވެސް މައްސަލައެއް ނޫން. އެއީ އޮޅުވާލައިގެން ބަޔަކު ގަސްދުގައި ދައްކާ ވާހަކައެއް. [ރައީސް ނަޝީދާ] މައްސަލަ ޖެހޭނެ ކަމެއް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.

އެހެންނަމަވެސް މަޖިލީހުގެ މަސައްކަތާ އެއްވަރަށް ސަރުކާރު ނުހިނގާ ކަމަށް ރައީސް ނަޝީދު ވިދާޅުވި ވާހަކައަށް ރައީސް ރައްދު ދެއްވި އެވެ. ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުންގެ މަޖިލިސް މިހާރު ހިނގަނީ ވަރަށް ބުރަކޮށް ގިނަ މަސައްކަތްތަކާ އެކުގައި ކަން ގަބޫލު ކުރައްވާ ކަމަށެވެ. ހަމައެއާއެކު ފެހި ގާނޫނުއަސާސީގެ ފަހުން މިހާތަނަށް ފެނިފައި ނުވާ މިންވަރަށް މި ސަރުކާރުން މަޖިލީހަށް އެއްބާރުލުން ދީފައިވާނެ ކަމަށާއި އެގޮތުން ރިކޯޑު މިންވަރަކަށް ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން މަޖިލީހަށް މައުލޫމާތު ދީފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"މަޖިލީހުގެ ތާރީހަށް ބެއްލެވީމަ އެނގިވަޑައިގަންނަވާނެ. ވަޒީރުންނާއި ކުންފުނިތަކުގެ އިސްވެރިން މަޖިލީހަށް ހާޒިރުވި ވަރު، އެއީ ރެކޯޑު އަދަދެއް. މަޖިލީހުގެ މަސައްކަތުގެ ތެރޭގައި ސަރުކާރުން ދިން އެއްބާރުލުން ވަރަށް ބޮޑު،" ރައީސް ވިދާޅުވި އެވެ.

ރައީސް ނަޝީދާއި ރައީސް ސޯލިހު ދެމެދު ނުތަނަވަސްކަމެއް އުޅޭ ކަމަށް އެންމެ ބޮޑަށް ފެންމަތިވީ ރައްޔިތުން މަޖިލީހުގެ ރައީސް ހޮވުމަށް އެމްޑީޕީގެ ތެރޭގައި މަސައްކަތް ކުރަމުން ދިޔަ ދުވަސްވަރެވެ. އެ ދުވަސްވަރު ރައީސް ނަޝީދަށް ތާއީދު ކުރައްވާ އެމްޑީޕީގެ ގިނަ އިސްވެރިން ރައީސް ސޯލިހަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔެވެ.