ހަބަރު

މާލެއަށް ވެހޭ ވާރެއިން އެސިޑުގެ އަސަރެއް ނުފެނުނު

މިދިޔަ ހުކުރު ދުވަހު ހިނގި ބޮޑު އަލިފާނުގެ ހާދިސާއަށް ފަހު، މާލެއަށް ކުރާ ވިއްސާރާގައި ވެހޭ ވާރެއިން އެސިޑުގެ އަސަރެއް ފެނިފައި ނުވާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން (އެމްއެފްޑީއޭ) މިއަދު ބުނެފި އެވެ.

ހެންވޭރު އަބަދަށްފެހި މަގުގައި ހުކުރު ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ކެމިކަލް ރައްކާކޮށްފައިވާ ހުރި ގުދަންތަކެއް އަނދާ ހުލިވެފައިވެ އެވެ. އެތަނުން އެރި ވިހަ ދުމުގެ އަސަރު ވާރޭ ފެނަށް ކޮށްފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ ކަންބޮޑުވުންތަކާ ގުޅިގެން އެމްއެފްޑީއޭ އިން ބުނީ މާލެއަށް ވެހުނު ވާރޭ ފެން އިއްޔެ ޓެސްޓު ކޮށްފައިވާ ކަމަށާއި، އެ ފެނުން އެސިޑުގެ އެއްވެސް އަސަރެއް ފެނިފައި ނުވާ ކަމަށެވެ.

ހުކުރު ދުވަހުގެ ހާދިސާއަށްފަހު އެ ސަރަހައްދުގައި އަދިވެސް ދުމުގެ އަސަރު އެބަހުއްޓެވެ. އަދި އެ ސަރަހައްދުގައި ހުރި ގެތަކުގެ ދޮރުތައް ލައްޕައިގެން ތިބުމަށާއި، މާސްކް ބޭނުން ކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސް ކޮށްފަ އެވެ.