ކެމިކަލް ގުދަނުގައި ރޯވުން

އަލިފާނުގެ އަސަރުކުރި އިމާރާތްތައް ރާއްކާތެރިތޯ ބަލަންޖެހޭ: މުއިއްޒު

Sep 23, 2019
3

މިދިޔަ ހުކުރު ދުވަހު ހެންވޭރު އަބަދަށްފެހި މަގުގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި، އަލިފާނުގެ އަސަރު ކޮށްފައިވާ ހުރިހާ އިމާރާތެއްގެ ރައްކާތެރިކަމާބެހޭ ރަނގަޅު ދިރާސާއެއް ހަދަންޖެހޭނެ ކަމަށް ކުރީގެ ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ ހާދިސާގައި އެންމެ ބޮޑަށް ގެއްލުންވެ އަރި އަޅާލި އިމާރާތް ތަޅާލުމުގެ މަސައްކަތް އެމްއެންޑީއެފުން ފެށި ހަބަރާ ގުޅިގެން މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރޯވި ގުދަނާއި އިންވެގެން ހުރި ހުރިހާ އިމާރާތްތަކުގެ ސަލާމަތާ ރައްކާތެރިކަމާބެހޭ ރަނގަޅު ދިރާސާއެއް ކުރުން މުހިންމު ކަމަށެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ކޮންކްރީޓުން ހަދާފައިވާ ތަންތަން އެފަދަ ގަދަ ހޫނުގެ އަސަރު ކޮށްފިނަމަ ވަރަށް ތަފާތު ހާލަތެއް އެ އިމާރާތްތަކަށް މެދުވެރިވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ މިއަދު ހެނދުނު 9:00 ގައި އެ އިމާރާތް ތަޅާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެ އިމާރާތް ތަޅާލުމުގައި މަސައްކަތުގައި ސިފައިންގެ އެހީތެރިކަން ފޯރުކޮށްދޭ ކަމަށެވެ.

ހެންވޭރު، އަބަދަށްފަހި މަގުގައި ހުރި ގުދަނެއްގައި ރޯވި އަލިފާނުގެ ސަބަބުން ހަތް އިމާރާތެއް އަނދައި، އެކަކު ވަނީ މަރުވެފަ އެވެ.

އެ ހާދިސާއާ ގުޅިގެން ކަލާފާނު ސްކޫލްގައި ގާއިމުކޮށްފައިވާ ވަގުތީ ހިޔާގައި މިހާތަނަށް 400 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓުން ވަނީ ބުނެފަ އެވެ. އަދި އޭގެ ތެރެއިން ގިނަ ބަޔަކަށް ވަގުތީ ބޯހިޔާވަހިކަން ވަނީ ހަމަޖައްސައިދީފަ އެވެ.

އަލިފާނުގެ ހާދިސާއަށް ފަހު އެ ސަރަހައްދުގެ ގޭގެއިން މީހުން ހުސްކޮށް މުޅި އެ ސަރަހައްދު ބަލަހައްޓަމުން އަންނަނީ އެމްއެންޑީއެފާއި ފުލުހުންނެވެ.