ހަބަރު

ޓްރަންޕް ދެއްވި ފަރިކޮޅެއްގައި ރައީސް ބައިވެރިވެވަޑައިގެންފި


އދ ގެ އާންމު މަޖިލީހުގައި ބައިވެރިވެ ވަޑައިގަންނަވާ ދުނިޔޭގެ ގައުމުތަކުގެ ވެރިންގެ ޝަރަފުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕް ދެއްވި ޚާއްސަ ފަރިއްކޮޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންފި އެވެ.

އެމެރިކާގެ ރައީސް ބޭއްވެވި މި ފަރިއްކޮޅުގައި ރައީސް ސޯލިހުގެ އިތުރުން އާންމު މަޖިލީހުގައި ބައިވެރިވެ ވަޑައިގަތުމަށް ނިއުޔޯކަށް މިހާރު ވަޑައިގެން އުޅުއްވާ ގައުމުތަކުގެ ރައީސުންނާއި، ބޮޑު ވަޒީރުންގެ އިތުރުން ބައެއް ގައުމުތަކުގެ އިސް ވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ފަރިއްކޮޅަކީ، ގައުމުތަކުގެ މެދުގައި އޮންނަ ގުޅުންތައް އިތުރަށް ހަރުދަނާ ކުރަން ގައުމުތަކުގެ ވެރިންނަށް ލިބޭ ފުރުސަތެއްކަމަށް ރައީސް އޮފީހުން ބުނެއެވެ.

އދ ގެ އާންމު މަޖިލީހުގައި، ރައީސް ސޯލިހު ރޭ ވަނީ ތަގުރީރު ކުރައްވާފައެވެ.

ރައީސްގެ ތަގުރީރުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލައްވާފައިވަނީ ވޭތުވެ ދިޔަ ދުވަސްތަކުގައި ރާއްޖޭގެ ސިޔާސީ މަސްރަހަށް އައި ބަދަލުތަކަށާއި އިންސާނީ ހައްގު ކުރިއަރުވަން ރާއްޖެއިން ކުރާ މަސައްކަތްތަކުގެ މައްޗަށެވެ. އެގޮތުން ވޭތިވެދިޔަ ދުވަސްތަކުގައި ރާއްޖެއަށް ކުރިމަތިވި ހާލަތު ރައީސް ބަޔާންކޮށްދެއްވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ މުއައްސަސާތަކުގެ މިނިވަންކަން އޮތީ ގެއްލިފައިކަމަށެވެ. އެގޮތުން ޖުޑީޝަރީގެ މިނިވަންކަން ގެއްލި، މަޖިލީހުގެ ބާރު ކަނޑުވާލާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި އިދިކޮޅު ހުރިހާ ލީޑަރުން ޖަލުގައި ނުވަތަ ގައުމުން ބޭރުގައި އަރުވާލެވިފައި ތިބެން ޖެހުންކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ތިމާވެށީގެ މައްސަލަތަކަށް ވެސް އެމަނިކުފާނުގެ ތަގުރީރުގައި އަލިއަޅުވާލައްވާފައި ވެއެވެ.

މީގެ އިތުރުން ހައްދުފަހަނައަޅާފައިވާ އިޒުރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ޖަރީމާތަކަށާ، އަދި ހިންގަން ރާވަމުންދާ ކަންކަމާމެދު ރައީސްގެ ވާހަކަފުޅުގައި ވަނީ އިޝާރަތް ކުރެއްވައްވާފައެވެ.