މަހިބަދޫ ސްޕޯޓްސް ކުލަބުގެ ފަރާތުން އެރަށުގެ ކުޑަކުދިންނަށް ފުޓްބޯޅަ އެކަޑަމީއެއް އިއްޔެ ފަށައފި އެވެ.
ގައުމީ ޓީމުގެ އެއްވަނަ ކީޕަރު އިމްރާނު މުހައްމަދާއި ކުރީގެ ފޯވަޑް އަހުމަދު ތޯރިގް (ޓޮމް)ގެ ކުލަބުން އުފެއްދި މި އެކަޑަމީގައި ތިން އުމުރުފުރައެއްގެ ކުދިން ތަމްރީނުކުރާނެ އެވެ. އެ ޓީމުގެ އެސިސްޓެންޓް ކޯޗު ހުސައިން އައްބާސްގެ ބެލުމުގެ ދަށުން އިއްޔެ އެކަޑަމީ ރަސްމީކޮށް ފެށީ 114 ކުދިންނާއެކުގަ އެވެ.
މިއީ މިހާ ފުޅާކޮށް ރަށެއްގައި ފުޓްބޯޅަ އެކަޑަމީ ފެށި ފުރަތަމަ ފަހަރެވެ. އެކަޑަމީ ރަސްމީކޮށް އިފްތިތާހުކޮށްދެއްވުމަށްފަހު އެކުލަބުގެ މުއައްސިސް އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު ޓޮމް ބުނީ އެކަޑަމީ ފަށައިގަނެވުނީ މަހިބަދޫގައި ހުންނަ އދ. އަތޮޅު ތައުލީމީ މަރުކަޒާއި ބެލެނެވެރިންނާއި އެފްއޭއެމުގެ ވަރަށް ބޮޑު އެހީތެރިކަމަކާއެކުގައި ކަމަށެވެ.
މިވަގުތު އަނިޔާގައި ހުރުމުން އެކަޑަމީ ފެށި ރަސްމިއްޔާތުގައި ބައިވެރިނުވެވުނު ގައުމީ ކީޕަރު އިމްރާނު މުހައްމަދު އޭނާގެ ރަސްމީ ފޭސްބުކް ޕޭޖުގައި ލިޔެފައިވަނީ އޭނާގެ އުއްމީދަކީ މި އެކަޑަމީގެ ސަބަބުން މަހިބަދޫން އިތުރު ފުޓްބޯޅަކުޅުންތެރިންތަކެއް އުފެދުން ކަމަށެވެ.
"މަހިބަދޫގެ ފުޓްބޯޅައިގެ މުސްތަގްބަލަށް ވަރަށް މުހިންމު ކަމެއް މިއަދު މިފެށިގެންދިޔައީ. މިކަމުގައި އެހީތެރިވެދެއްވި އަދި އެހީތެރިވަމުންގެންދާ ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރުދަންނަވަން. އަދި މަހިބަދޫ ސްޕޯޓްސް ކުލަބަށް މަހިބަދޫ ރައްޔިތުންގެ ފަރާތުން ތިދެއްވާ އެއްބާރުލުމާއި އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރިއްޔާ،" ކުލަބުގެ އެއް މުއައްސިސް އިމްރާނު ބުނެފައިވެ އެވެ.
ގާތްގަނޑަށް 2000 މީހުން ދިރިއުޅޭ އދ. އަތޮޅުގެ ވެރިކަން ކުރާ މަހިބަދޫ އަކީ ފުޓްބޯޅަ އަށް މަޝްހޫރު ރަށެކެވެ. ތަފާތު ފަހަރުތަކުގައި އެރަށުގެ ޓީމުތައް މާލޭގައި ވާދަކޮށްފައިވާއިރު މިހާރު ފުރަތަމަ ޑިވިޝަނުގައި އެރަށް ތަމްސީލުކުރަނީ މަހިބަދޫ ސްޕޯޓްސް ކުލަބެވެ. މީގެ އިތުރުން އެރަށަށް ނިސްބަތްވާ އިމްރާނާއި ޓޮމް އަކީ ރާއްޖެ އަށް ފުޓްބޯޅައިން ތައްޓެއް ހޯދައިދިން ޓީމުގައި ވެސް ކުޅުނު މުހިންމު ދެ ކުޅުންތެރިންނެވެ. އަދި މިދިޔަ އަހަރު ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދި މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބުދުﷲ އަކީ ވެސް ގައުމީ ޓީމުގައި ކުޅޭ މަހިބަދޫގެ ކުޅުންތެރިއެކެވެ.