ހަބަރު

މުޙްޔިއްދީން ސްކުލޫގެ އެންމެ މޮޅު ދަރިވަރަކަށް އައިމިނަތު މަލްދާ

ވިލިމާލޭ، މުޙްޔިއްދީން ސްކުލޫގެ މިދިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރަކަށް އައިމިނަތު މަލްދާ ހޮވިއްޖެ އެވެ.

އެ ސުކޫލުގެ 2018 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާ ބާއްވާފައިވަނީ މިއަދު ހަވީރު މުޙްޔިއްދީން ސްކޫލުގެ ހޯލުގަ އެވެ. މި ޖަލްސާގައި 34 ދަރިވަރަކަށް ވަނީ އިނާމުދީފަ އެވެ.

އޭގެ ތެރޭގައި އޯލެވެލްގެ ގަދަ 10 ގައި ހިމެނެނު ތިން ދަރިވަރަކާއި ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުވެސް ހިމެނެ އެވެ. ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަށް ހޮވުނު އައިމިނަތު މަލްދާއަށް އިނާމު ހަވާލުކޮށްދެއްވީ އެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހްމާނު ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު އެވެ.

އަދި އޯލެވެލްގެ ގަދަ 10 ގައި ހިމެނެނު މުޙްޔިއްދީން ސްކޫލުގެ ތިން ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ އެވެ.

އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝިދާތާ ވިދާޅުވީ، އިނާމު ލިބުނު ހުރިހާ ކުދިންނަކީ ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖެ ކުރި އެރުވުމުގައި އިސްކޮށް މަސައްކަތް ކުރާނެ ބަޔަކަށް ވުމަށް އެދޭ ކަމަށެވެ. ލިބިފައިވާ ތައުލީމުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަކީ މުޖްތަމެއް ބިނާ ކުރުމަށް އެންމެ މުހިންމުކަން ކަމަށް ވެސް ޝިދާތާ ވިދާޅުވިއެވެ.

އަދި ގައުމުން ކޮރަޕްޝަނާއި އެހެނިހެން ނުބައި އަދާތައް ނައްތާލެވެން އޮތީ ތައުލީމީ އަދި ހުނަރުވެރި ޖީލެއް ބިނާކޮށްގެންކަމަށް ވިދާޅުވެ ލިބިދީފައިވާ އިލްމު އެހެން މީހުނަށް އުއްގަންނައިދިނުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ތަހުޒީބީ މުޖްތަމައަކީ ތައުލީމީ ބައެއް ތިބުމުގެ ބޭނުންތެރިކަންވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.