ރީކޯ މޫސާ މަނިކު

މޫސަ ނިއުޔޯކަށް ވަޑައިގެންނެވީ އަމިއްލަފުޅަށް!

ހަ ހަރަށްފަހު ރާއްޖޭގެ ރައީސަކު، އދ. ގައި ތަގުރީރު ކުރައްވާ މަންޒަރު ބަލައިލަން އދ. ގެ އިމާރާތަށް ވަނުމަށް ދިވެހި މިޝަންއިން ދެއްވި އެހީތެރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް މޫސާ މަނިކު ޝުކުރު އަދާ ކުރައްވައިފި އެވެ.

ނިއުޔޯކުގައި އޮތް ތިމާވެށީގެ މުޒާހަރާގައި މޫސާ މަނިކު ބައިވެރިވެވަޑައިގަންނަވާ ފޮޓޯއެއް އޭނާ ޓްވިޓާގައި ހިއްސާ ކުުރެއްވުމުން، އދ އަށް ދިޔަ ދިވެހި ސަރުކާރުގެ ވަފުދުގައި މޫސާ މަނިކު ހިމަނާފައިވާ ކަަމަށް ބުނެ ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީން ދެވަނަ ދައުރަކަށް އިންތިޚާބު ކުރަން މަސައްކަތް ކުރެއްވި ބޭފުޅަކަށް މި ސަރުކާރުން އެފަދަ ފުުރުސަތެއް ދިނުން ބަލައި ނުގަންނަ ކަމަށް ބުނެ އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ ވާހަކަތައް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ދެކެވެމުން ދަނިކޮށް މޫސަ ވަނީ އޭނާ އެމެރިކާއަށް ވަޑައިގަތީ އަމިއްލަފުޅަށް ކަމަށް ހާމަ ކުރައްވާފަ އެވެ.

މޫސަ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ހަ އަހަރަށްފަހު ރާއްޖޭގެ ރައީސަކު، އދ. ގައި ތަގުރީރު ކުރައްވާ މަންޒަރު ބައްލަވައިލެއްވުމަށް އަމިއްލަ ގޮތުން ނިއުޔޯކަށް ވަޑައިގެން ތިމާވެށީގެ މުޒާހަރާގައި ބައިވެރިވެ، އދ. ގެ އިމާރާތަށް ވަނުމަށް ދިވެހި މިޝަނުން ދެއްވި އެހީތެރި ކަމަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

އަދި ރައީސް ސޯލިހާމެދު ފަޚުރުވެރިވެ ވަޑައިގަންނަވާ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.

"ރާއްޖޭގެ ރައީސަކު، ޔޫއެން ގައި ތަގުރީރުކުރައްވާ ތަން ބަލައިލުމަށް، އަމިއްލަ ގޮތުން ނިއުޔޯކަށް އައިސް، ތިމާވެށީގެ މުޒާހަރާގައި ބައިވެރިވެ، ޔޫއެން ގެ އިމާރާތަށް ވަނުމަށް ދިވެހި މިޝަނުން ދެއްވި އެހީތެރިކަމަށް ޝުކުރިއްޔާ! ރައީސް އިބޫއަށް ޓަކައި ފަހަރުވެރިވަން،" މޫސަގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

މޫސާ މަނިކު ކުރެއްވި ޓްވީޓް

މޫސަ ވަނީ ތިމާވެށީގެ މުޒާހަރާގައި ބައިވެރިވީ "ގައުމަށްޓަކާ" ކަމަށް ވެސް ވިދާޅުވެފަ އެވެ.

ރާއްޖޭގެ ރައީސަކު، ޔޫއެން ގައި ތަގުރީރުކުރައްވާ ތަން ބަލައިލަން، އަމިއްލަ ގޮތުން ނިއުޔޯކަށް ގޮސް ތިމާވެށީގެ މުޒާހަރާގައި ބައިވެރިވެ، ޔޫއެން ގެ އިމާރާތަށް ވަނުމަށް ދިވެހި މިޝަނުން ދެއްވި އެހީތެރިކަމަށް ޝުކުރިއްޔާ،
މޫސާ މަނިކު | ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިޚާބު ކޮށްދެއްވަން މޫސަ ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފަ އެވެ. ނަމަވެސް މިފަހުން މޫސަ ގެންދަވަނީ ރަައީސް ސޯލިހަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވަމުންނެވެ.

އެކަމާއި ގުޅިގެން އެމްޑީޕީގެ އެކްޓިވިސްޓުންގެ ރުޅި މޫސައަށް ވަނީ އަމާޒުވެފަ އެވެ. މޫސައަކީ އެމްޑީޕީއަށް ވަރަށް ގިނަ ޚިދުމަތް ކޮށްދެއްވާފައިވާ އަދި އެ ޕާޓީގެ ވަރަށް ގިނަ މަގާމުތައް ވެސް ފުުރުއްވާފައިވާ ބޭފުޅެކެވެ.