ކުރީގެ ރައްޔިތުންގެ މަޖިލީސްތަކާ ހިލާފަށް 19 މަޖިލީސް ފެންނަނީ ހަރަކާތްތެރިކޮށެވެ. މަޖިލީހުގެ ފުރަތަމަ ދައުރު ނިންމާލީ ރެކޯޑް އަދަދަކަށް ޖަލްސާ ބާއްވާފަ އެވެ. ކޮމިޓީތަކުގެ ބައްދަލުވުން ބާއްވައި މެންބަރުން ވަނީ އެ ބައްދަލުވުންތަކުގައި ގިނަ އަދަދެއްގެ ވަގުތު ވެސް ހޭދަ ކުރި އެވެ. ނަތީޖާ ވެސް ނެރުނެވެ.
އެމްޑީޕީގެ މެންބަރުންގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހެއް ތަފާތުވާނެ ކަމަށް އެ ޕާޓީން ދިޔައީ ވެސް ބުނަމުންނެވެ. ނަމަވެސް އެ ހަރަކާތްތެރި މަޖިލިސް ކުރިއަށް ދާއިރު، ރައްޔިތުންގެ ކަންބޮޑުވުން އޮންނަ ބައެއް ކަންކަން އަދިވެސް ކުރިއަށް ދެ އެވެ. އޭގެ އެއް ކަމަކަށް ހާމަކަން ބޮޑު ގޮތެއްގައި ހިންގާނެ ކަމަށް ބުނި މަޖިލީހުގެ ކޮމިޓީތަކުގައި އާންމުންނާ ގުޅުން ހުރި އެތައް ކަމެއް ކަމަށް ސިއްރު ކުރުމުގެ ޝަކުވާ މި މަޖިލީހަށް ވެސް އަމާޒުވެއްޖެ އެވެ. އެއީ ކިހިނެއްވާ ކަމެއް ހެއްޔެވެ؟
ކުރީ މަޖިލިސްތަކަށްވުރެ ކޮމިޓީތަކުގެ އަދަދު އިތުރުކޮށް، ކޮމިޓީތަކުގެ މަސައްކަތް ފުނި ޖަހާލާފައި ވެއެވެ. އެ ކޮމިޓީއެއްގެ މަސްއޫލިއްޔަތުގައި ހިމެނޭ މުއައްސަސާތައް ހާޒިރުކޮށް ޖަވާބުދާރީ ކުރުމުގެ މަސައްކަތް ވެސް ފެށި އެވެ. މިދިޔަ ފަސް އަހަރު މުއައްސަސާތަކުން ވެފައިވާ ކަމަށް ބުނާ އިހުމާލުތަކާއި ބައެއް އިސް ބޭފުޅުން ކުރައްވާފައިވާ އަމަލުތައް ރައްޔިތުންނަށް ހާމަވެ ބޭޒާރުވާން ވެސް ފެށި އެވެ.
ނަމަވެސް ފަހުން ފަހުން ފެނުނީ އެހެން މަންޒަރެކެވެ. ހާޒިރު ކުރާ މުއައްސަސާތަކުގެ ބޭފުޅުންނަށް ކޮމިޓީގެ މެންބަރުން އަމާޒު ކުރައްވާ ސުވާލުތަކުގެ ޖަވާބު ދެއްވުމުގައި ވާހަކަ ވަރަށް މަދެވެ. ދެން ވިދާޅުވަނީ އިތުރު ތަފުސީލު ދެއްވޭނީ ސިއްރު ކޮމިޓީއެއްގަ އެވެ. މެންބަރުން ކުރައްވާ ސުވާލުތަކަށް ކޮމިޓީއެއްގައި ހާމަ ކުރެވެން އޮތް މިންވަރަކަށް ހާމަ ކުރެއްވުމަށް އެ ކޮމިޓީއެއްގެ މުގައްރިރުން އަންގަވަ އެވެ. މުއައްސަސާތަކުގެ ބައެއް ބޭފުޅުން ގެންގުޅުއްވަން ފެށްޓެވި އެ "އުކުޅާ" އެކު ބައެއް ކޮމިޓީތައް ވަކި ހިސާބަކުން ސިއްރުވާން ފެށީ އެވެ.
ސިއްރުން ކުރިއަށް ގެންދިޔަ އެއް ބައްދަލުވުންތަކަކީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރުގެ މައްސަލާގައި ބާއްވަމުން ދިޔަ ކޮމިޓީ ބައްދަލުވުންތަކެެވެ. މަޖިލިސް ޗުއްޓީއަށް ދިޔަ ފަހުން ވެސް އެ ކޮމިޓީން ދިޔައީ އެ މައްސަލަ ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ރިލްވާންގެ މައްސަލާގައި ފުލުހުންގެ އިހުމާލުތައް ދިރާސާ ކުރުމުގެ މަސައްތަކުގެ އިތުރުން އެ މައްސަލާގައި ރިޔާސީ ކޮމިޝަނުން ކުރި ތަހުގީގުގެ މައްޗަށް އެކުލަވާލި ރިޕޯޓް ދިރާސާ ކުރުމުގެ މަސައްކަތް ވެސް 241 ކޮމިޓީން ދަނީ ކުރަމުންނެވެ. އެ ބައްދަލުވުންތައް ކޮމިޓީން ސިއްރުން ކުރިއަށް ގެންދިޔަ ނަމަވެސް ރިލްވާންގެ ރިޕޯޓް މަޖިލިސްތެރެއިން އާންމުކޮށްލާފަ އެވެ. އެ ރިޕޯޓްގައި ވެސް އެތައް ތަފުސީލީ މައުލޫމާތެއް ހިމެނެ އެވެ. ބައިވެރިވި މީހުންގެ ނަންތަކާއި އިހުމާލުވި ފުލުހުންގެ ނަންތައް ވެސް ހިމެނެ އެވެ.
މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތް ހިނގަމުން ދަނިކޮށް ނޫސްވެރިންނާ ބައްދަލު ކުރައްވައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރިން ވިދާޅުވި ގޮތުގައި ބައެއް ބާވަތުގެ މައުލޫމާތުތަކަކީ ސިއްރު ކުރަން ޖެހޭ މައުލޫމާތުތަކެވެ. އެ މައުލޫމާތުތައް ހާމަ ކުރަން ލާޒިމުވާ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލެއް ނުކުރެވޭނެ އެވެ.
"ނާޒުކު އަދި ހައްސާސް މައްސަލަތަކުގައި ވަކި ފަރުދެއްގެ ޒާތީ މައުލޫމާތެއް ހާމައެއް ނުކުރެވޭނެ. އަދި ގައުމީ ސަލާމަތާ ގުޅުން ހުރި މައްސަލަތަކުގައި ވެސް އެ މައުލޫމާތުތައް ހާމައެެއް ނުކުރެވޭނެ، އަޅުގަނޑު ދެކޭ ގޮތުގައި އެ މައުލޫމާތުތައް ސިއްރު ކުރަން ރައްޔިތުން ވެސް ބޭނުންވޭ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު އެ ދުވަހު ވިދާޅުވި ގޮތުގައި 19 ވަނަ މަޖިލީހުގެ ހާމަކަމާ ގުޅޭ ގޮތުން ރައްޔިތުންގެ އެއްވެސް ޝަކުވާއެއް ނެތެވެ. އަދި މަޖިލީހުން ހާމަ ކުރަން ޖެހޭ ފަދަ މައުލޫމާތުތައް ވީ ވަރަކުން މަޖިލީހުން ރައްޔިތުންނަށް ހާމަ ކުރަމުންދާނެ އެވެ.
އަޅުގަނޑު ދެކޭ ގޮތުގައި މި މަޖިލީހުގައި ކަންކަން ހާމަކަމާ ގުޅޭ ގޮތުން ރައްޔިތުންގެ ޝަކުވާއެއް ނެތްމުހައްމަދު ނަޝީދު | މަޖިލީހުގެ ރައީސް
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމެއް ސިއްރު ކުރުމުގެ ފުރުސަތު އެ ކޮމިޓީއެއްގެ މެންބަރުންނަށް ލިބެ އެވެ. އެ ގޮތަށް ސިއްރު ކުރަން ޖެހޭނީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ މެދުގައި ވޯޓެއް ނަގައިގެނެވެ.
ކޮމިޓީ ބައްދަލުވުންތައް ސިއްރު ކުރެވޭނެ ނޫނީ ސިއްރު ކުރަން ޖެހޭނެ ހާލަތްތަކެއް ވެސް މަޖިލީހުގެ ގަވާއިދުގައިވެ އެވެ. އެ ގޮތުން ގައުމީ ރައްކާތެރިކަމާއި ގައުމީ ސަލާމަތާ ގުޅޭ މައުލޫމާތެއް ނަމަ ކޮމިޓީއަށް ސިއްރު ކުރެވޭނެ އެވެ. އަދި ބަލަމުންދާ މައްސަލައެއްގައި، މީހެއްގެ އަބުރަށް އުނިކަން ލިބޭ ފަދަ ވާހަކަތަކާއި މީހަކާ މެދުގައި އާންމުން ދެކޭ ގޮތް ބަދަލުވާނެ ނޫނީ އޭނާ ކުށެއް ކުރި ކަމަށް މީހުންނަށް ގަބޫލު ކުރެވޭ ފަދަ މައުލޫމާތު ސިއްރު ކުރެވޭނެ ކަމަށް ވެސް މަޖިލީހުގެ ގަވާއިދުގައި ބުނެ އެވެ.
މަޖިލިސް ޗުއްޓީއަށް ވެސް ގޮސްފައި ވަނިކޮށް، ދީނީ ގޮތުން ހައްދު ފަހަނައަޅާފައިވާ ޖަމާއަތްތަކުގެ ހަރަކާތްތައް ރާއްޖޭގައި ހުއްޓުވުމުގެ ގޮތުން ޓެރަރިޒަމް މަނާ ކުރުމުގެ ގަނޫނަށް އިސްލާހު ގެންނަން ޖެހޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ. އަދި އޭގެ ފަހުން އެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލީހަށް ފޮނުވި އެވެ.
އެ ބިލުގެ މަސައްކަތް އަވަސް ކުރުމުގެ ގޮތުން ދައުރުން ބޭރުގައި ޖަލްސާތައް ދާއިރު ބޭއްވި ދެ ޖަލްސާގައި ވެސް ކުރިއަށް ގެންދިޔައީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ހުށަހެޅުއްވި ޓެރަރިޒަމްގެ ބިލުގެ މަސައްކަތެވެ.
ޓެރަރިޒަމްގެ ބިލު ދިރާސާ ކުރުމަށް ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވިއިރު އެ ކޮމިޓީން ބޭއްވި ތިން ބައްދަލުވުންތައް ވަނީ ސިއްރުކޮށްފަ އެވެ. ފުރަތަމަ ބޭއްވި ބައްދަލުވުމުގައި އެޓާނީ ޖެނެރަލްގެ އޮފީހާއި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި، އެމްއެންޑީއެފްއާއި، ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރާއި، ފުލުހުންގެ އިތުރުން ހޯމް މިނިސްޓްރީގެ އިސް ބޭފުޅުން ހާޒިރުކުރި އެވެ. އެ ބައްދަލުވުން ސިއްރު ކުރިއިރު، ހަމައެކަނި ބިލު ދިރާސާ ކުރުމުގެ މަސައްކަތް އެޖެންޑާކޮށް ފަހުން ބޭއްވި ދެ ބައްދަލުވުން ވެސް އޮތީ ސިއްރު ކޮށްފަ އެވެ.
ގައުމީ ސަލަމާތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މުގައްރިރު، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ވިދާޅުވި ގޮތުގައި ޓެރަރިޒަމްގެ ބިލު ދިރާސާ ކުރުމުގެ މަސައްކަތް މުޅިން ސިއްރު ނުކުރާނެ އެވެ. މިހާތަނަށް ބޭއްވި ބައްދަލުވުންތައް ސިއްރު ކޮށްފައި ވަނީ ބައެއް އިދާރީ މަސައްކަތް ކުރުމަށާއި ސިއްރު ކުރަން ޖެހޭ ފަދަ ބައެއް މައުލޫމާތުތައް ވެސް ހިމެނޭތީ އެވެ.
ޓެރަރިޒަމްގެ ބިލު ދިރާސާ ކުރަމަށް ކޮމިޓީއަށް ހާޒިރު ކުރި ބައެއް މުއައްސަސާތަކުުގެ އިސް ބޭފުޅުން ހިއްސާ ކުރެއްވި ބައެއް މައުލޫމާތުތަކުގެ ތެރޭގައި ވެސް ގައުމީ ސަލާމަތާ ގުޅުން ހުރި ބައެއް މައުލޫމާތުތައް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެފަދަ މައުލޫމާތުތަކަކީ ހުޅުވާލައިގެން ބާއްވާ ކޮމިޓީއެއްގައި އެ ބޭފުޅުން ހިއްސާ ކުރުމަށް ފަސް ޖެހޭނެ މައުލޫމާތުތަކެކެވެ.
"މިއީ ގައުމީ ސަލާމަތާއި ގުޅުން ހުރި ކަމެއް. އަދި ގައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރި ކަމަށްޓަކައި، އެ ކަމަށް ނުރައްކާ ހުރި މައުލޫމާތުތަކެއް މުއައްސަސާތަކުން ހިއްސާ ކުރާ ބައްދަލުވުންތަކަކަށްވާތީވެ މިހާތަނަށް ސިއްރުކޮށްފައި އެ ވާނީ، ބިލު ދިރާސާ ކުރަން ބޭއްވި ބައެއް ބައްދަލުވުންތަކުގައި ވެސް އެ މުއައްސަސާތަކުގެ ބޭފުޅުން ވަޑައިގެން މައުލޫމާތު ދެއްވައި، އަދި އެފަދަ މައުލޫމާތަކީ މީޑިއާއަށް ހުޅުވާލައިގެން ކްލެސިފައި ކުރެވޭނެ މައުލޫމާތެއް ނޫން،" ޝަރީފު ވިދާޅުވި އެވެ.
މީގެ ކުރިން އޮތް 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގިނަ ކޮމިޓީ ބައްދަލުވުންތައް ވެސް ސިއްރު ކޮށްގެން ކުރިއަށް ގެންދިއުމުން އާންމުންގެ ޝަކުވާ ބޮޑުވެގެން ދިޔަ އެވެ. ހާމަކަން ބޮޑު ގޮތެއްގައި، ޓީވީތަކުން ދުރަށް ދައްކައިގެން މި މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތް ފެށި ނަމަވެސް، މިހާރު ބިލެއް ދިރާސާ ކޮށްލުން ވެސް ސިއްރު ކުރާތީ ބައެއް ފަރާތްތަކުން ކަންބޮޑުވެ އެވެ.
ގައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާ ކުރަމުންދާ ޓެރަރިޒަމްގެ ބިލަކީ ވެސް ގިނަ ބައެއްގެ ކަންބޮޑުވުން އޮތް ބިލެކެވެ. އާންމުންނާއި ގާނޫނީ ވަކީލުންނާއި އިދިކޮޅު ފަރާތްތަކުގެ ކަންބޮޑުވުމުގެ އިތުރުން މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ މެންބަރުން ވެސް ކަންބޮޑުވާ ބައެއް މާއްދާތައް ބިލުގައިވެ އެވެ. ބިލަށް ބަހުސް ކުރެއްވި އެމްޑީޕީގެ މެންބަރުން ފާހަގަ ކުރެއްވި ގޮތުގައި ކޮމިޓީ މަރުހަލާގައި ބިލަށް ގިނަ އިސްލާހުތަކެއް ވެސް ގެންނަން ޖެހެ އެވެ.
ބިލުގައި ހިމެނޭ ކަންކަމުން އެންމެ ބޮޑު ކަންބޮޑުވުމެއް އޮތް ކަމަކީ ފުލުހުންނަށް އިތުރު ބާރުތަކެއް ދިނުމެވެ. ބިލުގައިވާ ގޮތުން، ޓެރަރިޒަމްގެ ކުށްތަކުގެ ތުހުމަތުގައި ކޯޓު އަމުރެއް ނެތި މީހުން ހައްޔަރުކޮށް 48 ގަޑިއިރު ބަންދުގައި ބެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބެ އެވެ. އަދި ކޯޓު އަމުރެއް ނެތި މީހުންނާއި ތަންތަން ބަލައި ފާސް ކުރުމުގެ ބާރު ވެސް ފުލުހުންނަށް ލިބެ އެވެ.
ބޮޑެތި ކަންބޮޑުވުންތަކެއް އޮތް ބިލެއް ދިރާސާ ކުރަމުންދާއިރު އެ މަސައްކަތް ރައްޔިތުން އެނގެން ބޭނުންވާނެ އެވެ. ކޮމިޓީ މަރުހަލާގައި ބިލާ ގުޅޭ ގޮތުން މެންބަރުން ކުރައްވާ މަޝްވަރާތައް ވެސް އެނގެން ބޭނުންވާނެ އެވެ. އެހެންކަމާއެކު ބިލު ދިރާސާ ކުރުމުގެ ކަންކަން ކޮމިޓީން ސިއްރު ކުރުމުން ބައެއް ފަރާތްތަކުން ހިތްހަމައެއް ނުޖެހެ އެވެ.
ބައެއް މުއައްސަސާތަކުން ހިއްސާ ކުރާ ހައްސާސް މައުލޫމާތުތަކުގެ ބައި ސިއްރު ކުރުން އެންމެ ރަނގަޅު. އެކަމަކު ދިރާސާ ކުރާ ބައި ސިއްރު ކުރުމުގެ ބޭނުމެއް ނުވިސްނޭ ހަމަ، ބިލު ގާނޫނަކަށްވީމަ އަމަލު ކުރަންވީ ވެސް ސިއްރުންތޯ،ހުސައިން ޝަމީމް | ގާނޫނީ ވަކީލެއް
ޓެރަރިޒަމްގެ ބިލު ދިރާސާ ކުރުމަށް ބޭއްވި ބައްދަލުވުން ސިއްރު ކުރުމުން އެ ކަމުގެ ކަންބޮޑުވުން ފާޅުކުރެއްވި އެއް ބޭފުޅަކީ ކުރީގެ ޑެޕިއުޓާ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމެވެ.
އޭނާ ވިދާޅުވި ގޮތުގައި މަޖިލިހުން ގާނޫނެއް ހަދާއިރުގައި، ބައެއް މުއައްސަސާތަކުން ކޮމިޓީތަކަށް ހިއްސާ ކުރާ ހައްސާސް މައުލޫމާތުތައް ހުންނާނެ އެވެ. އެފަދަ މައުލޫމާތުތައް ސިއްރު ކުރުން އެންމެ ރަނގަޅެވެ. ނަމަވެސް ބިލު ދިރާސާ ކުރުމުގެ ބައި ސިއްރު ކުރުމުގެ ބޭނުމެއް ނެތެވެ. ބިލު ފާސް ކުރުމުން ގާނޫނަކަށްވާއިރު، އޭގައި ހިމެނޭނީ ރައްޔިތުންނާ ގުޅުން ހުރި ކަންކަމެވެ.
"ބައެއް މުއައްސަސާތަކުން ހިއްސާ ކުރާ ހައްސާސް މައުލޫމާތުތަކުގެ ބައި ސިއްރު ކުރުން އެންމެ ރަނގަޅު. އެކަމަކު ދިރާސާ ކުރާ ބައި ސިއްރު ކުރުމުގެ ބޭނުމެއް ނުވިސްނޭ ހަމަ، ބިލު ގާނޫނަކަށްވީމަ އަމަލު ކުރަންވީ ވެސް ސިއްރުންތޯ،" ޝަމީމް ވިދާޅުވި އެވެ
ޓެރަރިޒަމްގެ ބިލު ފަދަ ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާއަށް އޮންނަ ބިލުތައް ދިރާސާ ކުރާއިރު، ކޮމިޓީ މަރުހަލާގައި އެ ބިލަށް ގެންނަ ބަދަލުތަކާއި ބިލުގެ މާއްދާތަކާ ގުޅިގެން މެންބަރުން ކުރައްވާ މަޝްވަރާތަކަކީ ރައްޔިތުންނަށް އެނގެން ބޭނުން ވާނެ ކަންކަމެވެ. މުއައްސަސާތަކުން ހިއްސާ ކުރާ ހައްސާސް މައުލޫމާތުތައް ދޭ ބައްދަލުވުންތައް ސިއްރު ކުރި ނަމަވެސް، އެފަދަ ބިލުގެ ދިރާސާގައި މެންބަރުން ކުރެވޭ ބައެއް މަޝްވަރާތައް ފެންނަ ގޮތަށް ބޭއްވި ދާނެ އެވެ