ހަސަން ލަތީފް

ޓެރަރިޒަމްގެ ބިލުން ނާތީޖާއެއް ލިބޭނީ ފުލުހުންގެ ގާނޫނު އިސްލާހުކޮށްގެން: ހަސަން

ޓެރަރިޒަމްގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކާއެކު ޓެރަރިޒަމް ހުއްޓުވުމަށް ސަރުކާރުން ކުރާ މަސައްކަތުގެ މަގްސަދު ހާސިލު ކުރެވޭނީ ފުލުހުންގެ ގާނޫނާއި އެ މުއައްސަސާ އިސްލާހު ކޮށްގެން ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ހުށަހެޅުއްވި ބިލަށް ބަހުސް ކުރައްވަމުން ހަސަން ލަތީފް ވިދާޅުވީ ޓެރަރިޒަމްގެ ކުށެއްގެ ތުހުމަތުގައި ކޯޓު އަމުރެއް ނެތި މީހުން ހައްޔަރުކޮށް 48 ގަޑިއިރު ވަންދެން ބަންދުގައި ބެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބޭ ގޮތަށް ބިލުގައި އޮތުމަކީ ކަންބޮޑުވުމެއް ކަމަށެވެ.

ހަސަން ލަތީފް ވިދާޅުވި ގޮތުގައި ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގައި ބިލުގައިވާ އެ މާއްދާއަކީ ގާނޫނު އަސާސީއާ ވެސް ހިލާފަށް އޮތް މާއްދާއެކެވެ. އެ ގޮތުން އޭނާ ފަހަގަކުރެއްވީ ގާނޫނު އަސާސީގައި މީހަކު ހައްޔަރުކޮށް 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ގެންނަން ޖެހޭނެ ކަމަށް އޮންނަ މާއްދާ އެވެ.

"ފުލުހުންގެ އިދާރީ މަސައްކަތެއް ކުރުމަށްޓަކައި އިތުރު 24 ގަޑިއިރު ދިނުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން. ފުލުހުންގެ އިދާރީ ކަންކަން 24 ގަޑިއިރު ކުރެވި ފަނޑިޔާރެއްގެ ކުރިމައްޗަށް ފަނޑިޔާރެއްގެ ހާޒިރު ކުރެވޭ ގޮތަށް ފުލުހުންގެ ކަންކަން ރާވައިގެން އަދި ކޯޓުގެ ކަންކަން ރާވައިގެން ގާނޫނު އަސާސީގައި އޮންނަ ގޮތަށް އަމަލު ކުރެވެން ޖެހޭނެ." ހަސަން ލަތީފް ވިދާޅުވި އެވެ.

ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ފުލުހުންނަށް ދީފައިވާ ބާރުތައް ދީގެން ޓެރަރިޒަމްގެ މައްސަލަތަކުގައި ރައްޔިތުން އިތުބާރު ކުރާފަދަ ތަހުގީގެއް ކުރެވެން އޮތީ ފުލުހުންގެ ގާނޫނު އިސްލާހުކޮށް އެ މުއައްސަސާ އިސްލާހުކޮށްގެން ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.

"ހުރިހާ ބިލްތަކުގެ ތެރެއިން ވެސް އަޅުގަނޑު މުހިއްމު ބިލެއްގެ ގޮތުގައި ދެކޭނީ ފުލުހުންގެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހު. ފުލުހުންގެ ގާނުނު އިސްލާހު ކުރެވި ފުލުހުންގެ މުއައްސަސާ އިސްލާހު ކުރެވިގެން ނޫނީ ޓެރަރިޒަމްގެ ގާނޫނަށް މި ގެންނަ އިސްލާހުތަކުން އަދި ރައްޔިތުން ގަބޫލު ކުރާ ގޮތަކަށް ތަހުގީގުތައް ކުރެވި ދައުވާ ކުރެވިގެން ނުދާނެ،" ހަސަން ވިދާޅުވި އެވެ.

މަޖިލިސް ޗުއްޓީއަށް ގޮސްފައި ވަނިކޮށް ދައުރުން ބޭރުގައި ޖަލްސާތަކެއް ބާއްވައިގެން ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތްތައް ކުރުމަށް ސަރުކާރުން ހުށަހެޅީ، ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރުގެ މައްސަލައިގެ ތަހުގީގު ރިޕޯޓްގައި ހައްދުފަހަނައަޅާފައިވާ ޓެރަރިސްޓް ޖަމާއަތްތަކެއް ރާއްޖޭގައި ހަރަކާތްތެރިވާ ކަމަށް ފާހަގަ ކުރުމާ އެކު އެވެ.

ހަސަން ވިދާޅުވީ ރިލްވާންގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް މިހާރު އޮތް ގާނޫނުތަކުން ހަގީގަތުގައި ވެސް ފުލުހުންގެ މުއައްސަސާއަށް އޮތް ހުރަސްތަކަކީ ކޮބައިކަން ސާފުކޮށްދޭން ޖެހޭ ކަމަށެވެ. އަދި ކޮމިޓީ މަރުހަލާގައި ބިލު ދިރާސާ ކުރަމުންދާއިރު، ފުލުހުންގެ އިސް ބޭފުޅުން އެ ކަން ސާފުކޮށްދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"ރިލްވާންގެ މަރުގެ ތަހުގީގު ކުރުމަށް ހަގީގަތުގައި ވެސް ހުރަސް އެޅޭ ކަހަލަ މާއްދާތަކެއް މިހާރުގެ ގާނޫނުގައި އޮތްނަމަ އެ ނައްތައިލަން، މައްސަލަ ތަހުގީގު ކުރެވޭނެ މާއްދާތަކެއް ހުރި ކަމަށްވަނަމަ އެ ކަން ސާފުކޮށް ކިޔައިދެން ޖެހޭ، އަޅުގަނޑަކަށް މި ގާނޫނަކުން އެފަދަ މާއްދާއެއް ނުފެނޭ، ނަމަވެސް ފުލުހުންގެ ބޭފުޅުން އެ ކަން ސާފުކޮށްދީފިނަމަ ކިތަންމެހާ ވެސް ރަނގަޅު،" ހަސަން ވިދާޅުވި އެވެ.