ދުނިޔެ

އދ. ގެ ފައުޖުގައި ލަންކާ ސިފައިން ބައިވެރި ނުކުރަން ނިންމައިފި

Sep 26, 2019

ކޮލޮމްބޯ (ސެޕްޓެމްބަރު 26) - ތަމަޅަ ހަނގުރާމެރިންނާ ދެކޮޅަށް ކުރި ހަނގުރާމައިގެ ތެރެއިން ބޮޑެތި ޖަރީމާތައް ހިންގިކަމުގެ ތުހުމަތުކުރެވޭ ޝަވެންދުރަ ސިލްވާ ސްރީލަންކާ ސިފައިންގެ އިސްވެރިޔާގެ މަގާމަށް ހަމަޖެއްސުމުން، އދ.ގެ ސުލްހަ ބަލަހައްޓާ ފައުޖުގައި ލަންކާ ސިފައިން ބައިވެރިނުކުރުމަށް އެ ޖަމާއަތުން ނިންމައިފި އެވެ.

މިދިޔަ މަހު އޯގަސްޓް މަހު، ސްރީލަންކާ ސިފައިންގެ އިސްވެރިޔާގެ މަގާމަށް 55 އަހަރުގެ ސިލްވާ ހަމަޖެއްސުމުން އދ.ގެ އިތުރުން އެމެރިކާވެސް ވަނީ ލަންކާ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އަދި އދ. އިސްވެ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދާ ސުލްހަ ބެލެހެއްޓުމުގެ އޮޕަރޭޝަންތަކުގައި ލަންކާ ސިފައިން ބައިވެރިނުކުރާނެކަމަށް އެ ޖަމާއަތުގެ ތަރުޖަމާނު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

"އިންސާނީ ހައްގުތަކަށް އަރައިގެންފައިވާކަމުގެ ބޮޑެތި ތުހުމަތުތައް ކުރެވޭ ސިލްވާ އައްޔަނުކުރުމުން އެކަމުގެ ކަންބޮޑުވުން އަޅުގަނޑުމެން ވާނީ ލަންކާ ސަރުކާރާ ހިއްސާކޮށްފައި،" އދ.ގެ ސުލްހަ ބެލެހެއްޓުމުގެ ފައުޖުގައި ލަންކާ ސިފައިން ބައިވެރިނުކުރަން ނިންމާފައިވާކަން ހާމަކުރައްވަމުން ތަރުޖަމާނު އިތުރަށް ވިދާޅުވި އެވެ.

ލަންކާގައި ހަރަކާތްތެރިވި ހަނގުރާމަވެރި ޖަމާއަތް ކަމުގައިވާ އެލްޓީޓީއީ އާ ދެކޮޅަށް 26 އަހަރުގެ ދިގު ހަނގުރާމަ ކާމިޔާބުކުރުމުގައި ސިލްވާ އިސްދައުރެއް އަދާކުރެއްވިކަމަށްވެ އެވެ. ނަމަވެސް، ހަނގުރާމައިގެ ފަހު ދުވަސްތަކުގައި ލަންކާ ސިފައިން އާއްމުންގެ އެތަކެއް ހާސް ބަޔަކު މަރާލާފައިވާ ކަމުގެ ތުހުމަތު ބައިނަލްއަގުވާމީ ޖަމާއަތްތަކުގެ އިތުރުން އެމެރިކާ ފަދަ ބޮޑެތި ގައުމުތަކުން ދަނީ ކުރަމުންނެވެ.

އދ.އިން ލަފާކުރާ ގޮތުގައި، ހަނގުރާމައިގެ ފަހު ދުވަސްތަކުގައި 45،000 އަށް ވުރެ ގިނަ އާއްމު ރައްޔިތުން ވަނީ މަރާލައިފަ އެވެ.