ދުނިޔެ

އީރާނާއެކު ގާތްގުޅުމެއް ބާއްވާނަން: ލަންކާ

ލަންކާއާ އީރާނަކީ އަބަދުވެސް ގާތް ދެ ގައުމު ކަމަށް ލަންކާގެ ފޮރިން މިނިސްޓަރު ގާމިނީ ލަކްޝްމަން ޕީރިސް ވިދާޅުވެއްޖެ އެވެ. ވަޒީރު ވިދާޅުވީ އިރާނާއެކު މިހާރު އޮތް އިގުތިސޯދީ ގުޅުން ފުޅާ ކުރައްވާނެ ކަމަށެވެ.

ލަކްޝްމަން ވިދާޅުވި ގޮތުގައި ހަމައެކަނި ހަކަތައަށް ބަރޯސާކުރުމުގެ ބަދަލުގައި ޓޫރިޒަމާއި ވިޔަފާރީގެ އެހެން ދާއިރާތަކަށް ވެސް ސަމާލުކަން ދެއްވާނެ އެވެ.

ވަޒީރު ވިދާޅުވީ އީރާނާއެކު މުޅިން އާ ސަފްހާއެއް ހުޅުވާލަން ޖެހިފައި އޮތް ކަމަށާއި ބަޔަކު ޖަހާހާ ބެރަކަށް ނަށައިގެން ވާން ނެތް ކަމަށެވެ.

އެމެރިކާއިން އިގްތިސޯދީ ގޮތުން އީރާނަށް ދަތިކުރަން އަޅާފައި ހުރި އަނިޔާވެރި ފިޔަވަޅުތަކުގެ ސަބަބުން އީރާނާއެކު ސުލްހަވެރި މާނާގައި ވެސް ވިޔަފާރި ކުރެވޭނެ ގޮތެއް ނޯވެ އެވެ.

އީރާނުން ނިއުކްލިއާ ބާރު ހޯދަން މަސައްކަތް ކުތްކުރާ ކަމަށް ބުނެ އެމެރިކާއާ ހުޅަނގުން ޖެއްސުންކުރަމުން ގެންދާއިރު ނިއުކްލިއާ ބާރު ނެތް އެއް ގައުމެއް ވެސް އެމީހުންގެ ތެރޭގައި ނެތެވެ.

އީރާނުން ލަންކާއަށް ކަނޑަައަޅުއްވާފައި ހުންނަވާ ސަފީރު، ހާޝިމް އަޝްޖަޒާދޭއާ މަޝްވަރާ ކުރައްވައި ލަކްޝްމަން ވިދާޅުވީ ކޮވިޑްގެ ސަބަބުން ގައުމުތައް ނެގިމަޑުވެފައި އޮތް ނަމަވެސް މިގޮތުގައި ތާއަބަދު ތިބެވެން ނެތް ކަމަށެވެ. އަދި ވިދާޅުވީ ލަންކާއިން އީރާނާ މަޝްވަރާ ކުރާނެ ކަމަށެވެ.

ލަކްޝްމަން އީރާނަށް ޝުކުރު އަދާކުރައްވައި ވިދާޅުވީ އދ. ގައި ލަންކާއަށް އީރާނުން އަބަދު ދޭ ތަރުހީބަށް އުފާ ކުރައްވާ ކަމަށާއި ގާތް ބައެއް ކަމަށް އޮތް ހެއްކަކަށް އެކަން ފުދޭ ކަމަށެވެ.

ލަންކާއާ އީރާނާ ދެމެދު އޮތް ވިޔަފާރި ގުޅުމަށް އެމެރިކާއާ ހެދި އޮތީ ވަރަށް ބޮޑަށް ބުރޫ އަރާފަ އެވެ. ލަންކާއިން މިހާރު ވެސް އީރާނަށް 250 މިލިއަން ޑޮލަރަށް އޮތީ ދަރާފަ އެވެ. އެހެން ނަމަވެސް ދަރަނި އަދާ ކުރުމުގައި ލަންކާގެ ހާލަތު މިވަތު އޮތް ގޮތުން ފައިސާ ދައްކައި ޚަލާސް ކުރެވެން ނެތީ އެވެ.

އީރާނަށް ދަރާފައި އޮތް ދަރަނި އަދާ ކުރުމަށްޓަކައި ލަންކާއިން އީރާނަށް ސައިފަތް ފޮނުވާ ގޮތަށް ވެސް ވާހަކަ ދެކެވުނެވެ. އެކަމަކު ޚަބަރުތައް ބުނާ ގޮތުން އެކަން ވެސް އޮތީ ކޮޅެއްގައި ނުޖެހި އެވެ.