ކުޅިވަރު

ލާޒިއޯ ބަލިކޮށް އިންޓަ އަލުން އެކަކަށް، ނަޕޯލީ ވީ ބަލި

ލާޒިއޯގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ކުޅުނު ފަސް މެޗު ވެސް ކާމިޔާބު ކޮށް އިންޓަ މިލާން އަލުން އިޓާލިއަން ލީގްގެ އެއް ވަނައަށް ޖެހިލައިފި އެވެ.

ރޭގެ މެޗުގެ ކުރިން އެއް ވަނައިިގައި އޮތީ ބުރެޝާ ބަލިކޮށް 13 ޕޮއިންޓް ހޯދި ޔުވެންޓަސް އެވެ. އިންޓަ އަލުން އެއް ވަނަ އަށް ގެންގޮސްދިނީ މެޗުގެ 23 ވަނަ މިނެޓްގައި ޑަނީލޯ ޑަމްބްރޯސިއޯ ކާމިޔާބު ކުރި ލަނޑުންނެވެ. އޭގެ ފަހުން ލާޒިއޯގެ ހޯކިން ކޮރެއާއަށް ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކުުރުމަށްޓަކައި ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފަ އެވެ. ގޯލް ކުރިމަތިން އޭނާ އަށް ލިބުނު ބޯޅަ އިންޓަގެ ކެޕްޓަން އަދި ގޯލްކީޕަރު ސަމިއާ ހެންޑޯނަވިކް ދިފާއު ކުރީ އެވެ. އޭގެ ކުރިން ބަސްޓޯސްއަށް ލިބުނު ބޯޅަވެސް ހޭންޑޯނަވިކް ވަނީ ދިފާއު ކޮށްފަ އެވެ.

މެޗުގެ ދެ ވަނަ ހާފުގެ ކުރީ ކޮޅުގައި ވެސް ކޮރެއާއަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭގެ ކުރިން ލާޒިއޯގެ ކީޕަރު ތޯމަސް ސްޓަރަކޯޝާ ވަނީ އިންޓަގެ ނިކޮލާ ބަރެލާ އާއި މަޓެއޯ ޕޮލިޓާނޯއަށް ލިބުނު ބޯޅަތައްވެސް ދިފާއު ކޮށްފަ އެވެ.

މިދިޔަ އަހަރު ލީގްގެ ރަނަރަފް ނަޕޯލީ ވަނީ އަމިއްލަ ދަނޑުގައި ކަލިއަރީ އަތުން ބަލިވެފަ އެވެ. ކަލިއަރީގެ ފަރާތުން ނަޕޯލީއަށް މައްޗަށް ޕްރެޝަރު ކުރިމަތި ކުރުމުން މެޗު ފެނުނީ ވަރަށް ވާދަވެރި ކޮށެވެ. ކަލިއަރީގެ ލަނޑު މެޗުގެ ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބު ކުރީ ލޫކަސް ކާސްޓްރޯ އެވެ. ނަޕޯލީ ވީ ބައްޔާއެކު އެ ޓީމު މިހާރު ވަނީ ހަތަރު ވަނައަށް ވެއްޓިފަ އެވެ. ތިން ވަނައިގައި އޮތީ ރޭ ރޯމާ ބަލި ކުރި އެޓަލާންޓާ އެވެ.