ހަބަރު

އީއައިއޭ ނަހަދައި އިންޖީނުގެތަކެއް އަޅައިގެން ފެނަކައަށް ބޮޑު ޖޫރިމަނާއެއް

އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ރިޕޯޓް ނޫނީ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާން ކުރާ ރިޕޯޓް ހެދުމަކާ ނުލައި ފަސް ރަށެއްގައި އިންޖީނުގެ އެޅުމުގެ މަސައްކަތް ފަށާފައިވާތީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ކުންފުނި ހަ ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.

އެންވަޔަރަމެންޓް ޕްރޮޓެކްޝަނަލް އޭޖެންސީ (އީޕީއޭ) އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި އީއައިއޭ ރިޕޯޓް ހަދައި، އީޕީއޭއިން އެ ކަމުގެ ހުއްދަ ހޯދުމަކާއި ނުލައި، މިދިޔަ ދެ އަހަރުގައި ފަސް ރަށެއްގައި އިންޖީނުގެ އެޅުމުގެ މަސައްކަތް ކުރި ކަމަށެވެ. އެ ފަސް ރަށަކީ ހއ. ތަކަންދޫއާއި، ހދ. ފިނޭއާއި، ނ. ހެނބަދޫއާއި، ނ. މާޅެންދޫގެ އިތުރުން ބ. ކެންދޫ އެވެ.

އެ މައްސަލައާ ގުޅިގެން ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ ގާނޫނުގެ ދަށުން ހަދާފައިވާ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާން ކުރާ ރިޕޯޓްގެ ގަވާއިދުގެ ދަށުން ހަ ލައްކަ ރުފިޔާއިން ފެނަކަ ޖޫރިމަނާ ކުރަން ނިންމާފައިވާ ކަމަށް އީޕީއޭއިން ބުންޏެވެ. އަދި 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް އީޕީއޭއިން ވަނީ ފެނަކައަށް އަންގައިފަ އެވެ.