ސައިންސް

އިންޑިއާއިން އިންސާނުން ޖައްވަށް ފޮނުވަނީ!

އިންޑިއާއިން ފަހުރުވެރި ކަމާއެކު ކުރިއަށް ގެންދިޔަ ޖައްވީ މިޝަނަކީ ޗަންދްރިޔާ 2 ހަނދަށް ފޮނުވުމެވެ. އެއީ އިންޑިއާއިން ހަނދަށް ދިޔުމުގެ ބޭނުމުގައި ކުރިއަށް ގެންދިޔަ ދެވަނަ މިޝަނެވެ. އެކަމަކު ޗަންދްރިޔާ 2 ހަނދަށް ފޮނުވުމުގެ އެ މިޝަން ނާކާމިޔާބުވެ ގައުމުތަކުން އިންޑިއާއަށް ލިބުނީ، ހިތްވަރުދިނުމުގެ ބަސްތަކެކެވެ. ކާމިޔާބުވާނެ ކަމުގެ 100 ޕަސަންޓާއެކު ހަނދަށް ޗަންދްރިޔާ 2 ފޮނުވުމުން ވެސް ނާކާމިޔާބުވީ އެވެ. ނަމަވެސް އިންޑިއާއިން އަދިވެސް ބުނަމުންދަނީ ޖައްވީ ރޭހުގައި އެ ގައުމުގެ ކުރިއަރައި ދާނެ ކަމަށެވެ.

އިންޑިއާގެ ޖައްވީ އިދާރާ، އިންޑިއަން ސްޕޭސް ރިސާޗް އޯގަނިޒޭޝަން (އިސްރޯ) އިން މިހާރު އަމާޒު ހިފާފައިހުރީ ޖައްވަށް އިންސާނުން ފޮނުވުމަށް ފަހު ސަލާމަތުން އަނބުރާ ދުނިޔެއަށް ގެނައުމުގެ މަސައްކަތަށެވެ. މިކަން ކުރަނީ ޖައްވީ ރޭހުގައި ޗައިނާ އާއި ރަޝިއާ އަދި އެމެރިކާ ބަލިކޮށްލުމުގެ ބޭނުމުގަ އެވެ. އެއީ ޖައްވީ ރޭހުގައި ނަން މަޝްހޫރު ގައުމަކަށް އިންޑިއާއަށް ވެވެން އޮތީ މިތިން ގައުމަކުން ކުރެ ގައުމެއް ފަހަތަށް ޖައްސާލައިގެނެވެ. އިންސާނުން ޖައްވުގައި ބޭނުންކުރާނެ ސޫޓު އިސްރޯއިން މިހާރު ވަނީ ތައްޔާރުކޮށް ނިންމާފަ އެވެ.

އިންސާނުން ޖައްވަށް ފޮނުވުމުގެ މަސައްކަތް އިސްރޯއިން ކުރާނީ އަންނަ 2020 ވަނަ އަހަރު އެވެ. އެ އަހަރު ޖައްވަށް އިންސާނުން ފޮނުވާ މިޝަންގެ ދަށުން އިސްރޯއިން ދޭއް ނޫނީ ތިން ފަހަރު އިންސާނުން ޖައްވަށް ގެންދާ އުޅަނދު އިންސާނަކާ ނުލައި ޖައްވަށް ފޮނުވާނެ އެވެ. ބޭނުމަކީ އިންސާނުން ޖައްވަށް ގެންދަން އުފައްދާ އުޅަނދަކީ އެފަދަ މިޝަނަކަށް އެކަށީގެންވާ އެއްޗެއްތޯ ބަލައި ޔަގީން ކުރުމެވެ. އަދި ޗަންދްރިޔާ 1 އަދި ޗަންދްރިޔާ 2 ގެ މިޝަންތައް ފެއިލު ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޭރު އޮތް އިރުވެސް ދެ ފަހަރު މަތިން ނާކާމިޔާބާ ކުރިމަތިވުމުންނެވެ.

ޗަންދްރިޔާ 2 ބައެއް ކަމަށްވާ "ވިކްރަމް" ހަނދުގައި އޮތް ކަމަށް ބުނެ އިސްރޯއިން ބުނި ތަނުގައި މިހާރު ވިކްރަމް ނެތްކަން ވެސް ވަނީ ޔަގީންވެފަ އެވެ. މިއާއެކު ވާދަވެރި ގައުމުތަކުގެ ޖައްވީ ސައިންސްވެރިން ގެންދަނީ އިސްރޯގެ ދިރާސާތައް އެކިއުރޭޓް ނޫން ކަމަށް ބުނެ ޖެއްސުން ވެސް ކުރަމުންނެވެ. ނަމަވެސް އިންޑިއާއިން އިންސާނުން ޖައްވަށް ފޮނުވުމުގެ މައިގަނޑު ބޭނުމަކީ އެ ގައުމަށް ޖޯކުޖަހާ ސައިންސްވެރިންނަށް އިސްރޯގެ ކުޅަދާނަކަން ދެއްކުމެވެ. މި މިޝަނަށް އިސްރޯއިން ދީފައިވާ ނަމަކީ "ގަގަންޔާން" އެވެ.

މިޝަން ގަގަންޔާންގެ ހުރިހާ ތައްޔާރީތަކެއް ނިމުމުން އިންސާނުންނާއެކު ޖައްވީ އުޅަނދު އުދުއްސާލަން ހަމަޖެހިފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އެ އަހަރު ޖައްވަށް ފޮނުވަން ލިސްޓް ކުރެވިފައިވާ 12 އެސްޓްރޮނޯޓަކު މިހާރުވަނީ ތަމްރީނުތަކަށް ރަޝިއާއަށް ފޮނުވާފަ އެވެ. މި 12 އެސްޓްރޮނޯޓުންގެ ތެރެއިން ޖައްވަށް ދާނީ ތިން އެސްޓްރޮނޯޓެކެވެ.

އިންޑިއާއިން މިހާތަނަށް ކުރިއަށް ގެންދިޔަ ގިނަ ޖައްވީ މިޝަންތައް ނާކާމިޔާބު ވެފައިވުމުން، އިސްރޯއަށް އިންސާނުން ޖައްވަށް ފޮނުވުމުގެ ގާބިލްކަން ލިބިގެންވާ ކަމާމެދު ގިނަ ބަޔަކު ޝައްކު ކުރެ އެވެ. ނާސާ އާއި ރަޝިއާއިން ވެސް އިސްރޯގެ ގާބިލް ކަމާމެދު ސުވާލު އުފައްދާފަ އެވެ. ރަޝިއާއިން އިސްރޯގެ އެސްޓްރޮނޯޓުން ތަމްރީނު ކުރަން ނިންމީ ވެސް އެ ސަބަބާ ހެދި އެވެ. އަދި ޖައްވީ ކަންކަމުގައި އެހީވުމުގެ ސިޔާސަތެއްގެ ދަށުންނެވެ.