ހަބަރު

7000 އަށްވުރެ ގިނަ ދަރިވަރުންނާއެކު އޯލެވެލް އިމްތިހާން ފަށައިފި

މި އަހަރުގެ ކެމްބްރިޖް އައިޖީސީއެސްއީ އާއި ޖީސީއީ އޯލެވެލް އިމްތިހާނާއި އެސްއެސްސީ އިމްތިހާނު މާލެއާއި އަތޮޅުތެރޭގެ ރަށްރަށުގައި 7000 އަށް ވުރެ ގިނަ ދަރިވަރުންނާއެކު މިއަދު ފަށައިފި އެވެ.

އޯލެވެލް އިމްތިހާނަކީ ސްކޫލް ކުދިންގެ 10 އަހަރުގެ ކިޔެވުމުގެ ފައިނަލް ނަތީޖާ ލިބޭ ބޮޑު އިމްތިހާނެވެ. މި އިމްތިހާނަށް އެތައް ދުވަސް ކުރިއަށް ހުރިހާ ސްކޫލަކުން ވެސް ތައްޔާރުވެ އެވެ. ހާއްސަކޮށް ގްރޭޑް 10 އެއް ނިންމާ ދަރިވަރުންގެ މުޅި އަހަރު ހޭދަވަނީ ވަރަށް ބުރަކޮށް އިމްތިހާނަށް ތައްޔާރުވުމުގަ އެވެ.

އިމްތިހާނު ފެށުމުގެ ގޮތުން މިއަދު އޮތީ އިސްލާމް މާއްދާގެ އިމްތިހާނެވެ.

މިއަދުން ފެށިގެން އަންނަ ނޮވެމްބަރު މަހުގެ 12 އިގެ ނިޔަލަށް ކުރިއަށް ދާ މި އިމްތިހާނުގައި 194 ސްކޫލަކުން ބައިވެރިވެފައި ވެއެވެ. މީގެ އިތުރުން އަމިއްލަ ސެންޓަރުތަކުން ވެސް އިމްތިހާނުގައި ބައިވެރިވެފައިވެ އެވެ.

އޯލެވެލް އިމްތިހާނު މިއަދު ފެށިއިރު މި އަހަރުގެ އޭ ލެވެލް، އިމްތިހާނު ފަށަނީ އަންނަ މަހުގެ ހަ ވަނަ ދުވަހު އެވެ.

މިދިޔަ އަހަރު އޯލެވެލް އިމްތިހާނުގައި 5000 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެފައި ވާއިރު އޭގެ ތެރެއިން 405 ކުއްޖަކު ޓޮޕްޓެންގަައި ހިމެނުނެވެ. އަދި މިދިޔަ އަހަރުގެ އޭލެވެލް ޓޮޕްޓެންގައި 195 ކުއްޖަކު ހިމެނުނެވެ.