ދުނިޔެ

"ލަންކާ މުސްލިމުންނަށް ދޭ ހަމަލާތަކާއެކު ހަމަނުޖެހުން އިތުރުވެދާނެ"

Sep 28, 2019

ކޮލޮމްބޯ (ސެޕްޓެމްބަރު 28) - މިދިޔަ އޭޕްރީލް މަހު ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކަށްފަހު އެގައުމުގެ މުސްލިމުންނާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން، އަނެއްކާވެސް ދާހިލީ ހަމަނުޖެހުމެއް ހިނގާފާނެކަމުގެ އިންޒާރު ދީފި އެވެ.

އޭޕްރީލް 21 ވަނަ ދުވަހު ދީނީ ހަރުކަށި ފިކުރުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމުގައި އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ނިސްބަތްވާ ޖަމާއަތަކުން ކްރިސްޓިއަނުންގެ ފައްޅިތަކެއްގެ އިތުރުން ހޮޓާތަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާތަކުގައި 250 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

އެ ހަމަލާތައް ހުއްޖަތަކަށް ހަދައިގެން ބައެއް ސިޔާސީ މީހުންނާއި ބުޑިސްޓް ހަރުކަށި ވިސްނުމުގެ މީހުން، ލަންކާ މުސްލިމުންނަށް ފުރައްސާރަތައްކޮށް ޖެއްސުން ކުރަމުންދާކަމަށް އިންޓަނޭޝަނަލް ކްރައިސިސް ގްރޫޕް (އައިސީޖޭ) އިން އިއްޔެ ނެރުނު ރިޕޯޓެއްގައި ވަނީ ބުނެފަ އެވެ.

އެ ހަމަލާތަކާ ގުޅިގެން ލަންކާގެ ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަންތަކުގައި 1،800 އަށް ވުރެ ގިނަ މުސްލިމުން ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރެއިން 300 އެއްހާ މީހުން އަދިވެސް ބަންދުގައި ތިބިކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އައިސީޖޭގެ ރިޕޯޓުގައިވާ ގޮތުން އަދިވެސް ބަންދުގައި ތިބި ގިނަ މީހުންނަކީ ހަމަލާއާ އެއްވެސް ގުޅުމެއްނެތް ބަޔެކެވެ.

އަދި އެތަކެއް މުސްލިމުންގެ ގެދޮރަށާއި ވިޔަފާރިތަކަށާއި މިސްކިތްތަކަށް އަމާޒުކޮށް ހަމަލާތައް ދެމުންދިޔަ އިރު، ސަރުކާރުންވެސް އެކަމަށް ވާގިދީފައިވާކަމަށް އެ ރިޕޯޓުގައި އިތުރަށް ތުހުމަތުކޮށްފައިވެ އެވެ.

"މުސްތަގުބަލުގައި އެފަދަ ހަމަލާތައް ތަކުރާރުވިޔަ ނުދިނުމަށް، މުސްލިމުން އެކަހެރިކުރުމުގެ ބަދަލުގައި، އެމީހުންނަށް ލިބެންޖެހޭ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ސަރުކާރުން މިހާރު ކޮންމެހެންވެސް ކުރަންޖެހިފައިވާ ކަމެއް،" އެ ރިޕޯޓުގައި ބުނެފައިވެ އެވެ.