ހަބަރު

ހާމަކުރަން ފަސްޖެހޭ، އޮތީ ސިއްރިއްޔާތުގެ ސަގާފަތެއް: ދިރާސާ

Sep 28, 2019

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް އަމަލު ކުރަމުންދާތާ ފަސް އަހަރުވެފައިވީ ނަމަވެސް، ގިނަ އިދާރާތަކުން އަދިވެސް ފުރިހަމަ ގޮތުގައި މައުލޫމާތު ހާމަކުރުމަށް ފަސްޖެހޭކަމަށާއި، ދައުލަތުގެ ގިނަ އިދާރާތަކެއް ހިންގަމުންދަނީ ސިއްރިއްޔާތުގެ ސަގާފަތެއްގެ ދަށުންކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ކުރި ދިރާސާއެއްގައި ބުނެފި އެވެ.

ޓްރާންސްޕޭރަންސީ އިން ކުރި ދިރާސާގައި ބަލާފައިވަނީ 2017 އިން ފެށިގެން މިދިޔަ މަހާ ހަމައަށް މައުލޫމާތު ހޯދުމަށް ހުށަހެޅުނު ހުށަހެޅުންތަކަށް އެކި އިދާރާތަކުން މައުލޫމާތު ފޯރުކޮށްދިން ގޮތުގެ މައްޗަށެވެ.

އެ ގޮތުން، އެ މުއްދަތުގެ ތެރޭގައި ހުށަހެޅި ފޯމުތަކުގެ ތެރެއިން 100 ފޯމެއް އެ ދިރާސާގައި ހިމަނާފައިވެ އެވެ. ޓްރާންސްޕޭރަންސީން ބުނި ގޮތުގައި އެ ފޯމުތަކުގެ ތެރެއިން އިތުރު މަރުހަލާއަކަށް ނުގޮސް ސީދާ އިންފޮމޭޝަން އޮފިސަރުގެ ފަރާތުން މައުލޫމާތު ލިބިފައިވަނީ އެންމެ 26 ފޯމަށް ކަމަށެވެ.

އަދި ގާނޫނުގައި ބަޔާންކޮށްފައި 21 ދުވަހުގެ ތެރޭގައި މައުލޫމާތު ލިބިފައިވަނީ 33 ފަހަރު ކަމަށާއި، ބައެއް އިދާރާތަކުން މައުލޫމާތު ފޯރުކޮށްދިނުމަށް ތިން މަސް ދުވަހަށް ވުރެ ގިނަ ދުވަސް ނަގާފައިވާކަމަށްވެސް އެ ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.

އެ ދިރާސާގައި ބަލާފައިވާ 100 ފޯމުގެ ތެރެއިން މައުލޫމާތު ނުލިބިގެން 19 މައްސަލައެއް އިންފޮމޭޝަން ކޮމިޝަނަރާ ހަމައަށް ގެންދެވިފައިވާއިރު، އޭގެ ތެރެއިން އެއްވެސް މައްސަލައެއް ބަލާފައިވަނީ ގާނޫނުގައި ބުނާ ގޮތަށް ހުޅުވާލެވިފައިވާ ބައްދަލުވުމެއްގައި ނޫންކަމަށެވެ.

އޭގެ އިތުރުން، އެ ދިރާސާގެ އަލީގައި ޓްރާންސްޕޭރަންސީއަށް ފާހަގަވެފައިވާ މައިގަނޑު ތިން ކަމެއް ވެސް އެ ދިރާސާގައި ފާހަގަކޮށްފައިވެ އެވެ. އެ ގޮތުން ޓްރާންސްޕޭރަންސީން ބުނީ ގިނަ އިދާރާތަކުން އަދިވެސް ފުރިހަމަ ގޮތުގައި މައުލޫމާތު ހާމަކުރުމަށް ފަސްޖެހޭކަމަށާއި، ދައުލަތުގެ ގިނަ އިދާރާތަކެއް ހިންގަމުންދަނީ ސިއްރިއްޔާތުގެ ސަގާފަތެއްގެ ދަށުންކަމަށެވެ. އަދި ގާނޫނުގައިވާ އިޖުރާއަތްތަކާއި މިންގަނޑުތަކާއި އެއްގޮތަށް ގިނަ އިދާރާތަކުން އަމަލުނުކުރާއިރު، އަމިއްލައަށް އިސްނަގައިގެން މައުލޫމާތު ހާމަކުރުންވެސް ފެއިލްވެފައިވާ ކަމަށެވެ.

ތިންވަނަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ހުށަހެޅޭ ޝަކުވާތައް ބެލުމުގައި ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކާއި އިންފޮމޭޝަން ކޮމިޝަނަރު ހިލާފުވެފައިވާ ކަމަށެވެ.

ޓްރާންސްޕޭރަންސީން އިތުރަށް ބުނީ މައުލޫމާތު ހޯދައި ލިބިގަތުމަކީ ކޮރަޕްޝަން ހުއްޓުވުމަށާއި ދައުލަތުގެ ހިންގުންތެރިކަން ހަރުދަނާ ކުރުމަށް މުހިންމު ދައުރެއް އަދާ ކުރާކަމަކަށްވާއިރު، މައުލޫމާތުގެ މިނިވަންކަމުގެ ނިޒާމް ހަރުދަނާކުރަންޖެހިފައިވާ ކަމަށެވެ.

"މި ނިޒާމު ރަނގަޅަށް ތަންފީޒުކުރުމަށްޓަކައި ދައުލަތުގެ ތެރޭގައިވާ ސިއްރިއްޔާތުގެ ސަގާފަތް ނައްތާލުމަށާއި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު އެންމެ ފުޅާ ދާއިރާއެއްގައި އެންމެންނަށް ހޯދައި ދިނުމަށްޓަކައި އިންފޮމޭޝަން ކޮމިޝަނަރު ޖަވާބުދާރީކުރުމަށް ރައްޔިތުންގެ މަޖިލީހަށް މި ޖަމިއްޔާއިން ގޮވާލަމެވެ،" ޓްރާންސްޕޭރަންސީން ބުންޏެވެ.