މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މައުލޫމާތަށް އެދުމުގައި ބޭނުންކުރާނެ އޮންލައިން ޕޯޓަލްއެއް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިއަދު ތައާރަފްކޮށްފި އެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނީ މި ޕޯޓަލް އަކީ މައުލޫމާތު ހޯދުމަށްޓަކައި ރައްޔިތުންނަށް މިހާރަށް ވުރެ ފަސޭހަކޮށްދިނުމުގެ ގޮތުން ފަރުމާކޮށްފައިވާ ޕޯޓަލްއެއް ކަމަށެވެ.
މައުލޫމާތަށް އެދޭ ފަރާތްތަކުން މައުލޫމާތު ހޯދުމަށް އެދުމުގައި ދައުލަތުގެ އިދާރާތަކަށް ވެސް މި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ އެވެ. ދައުލަތުގެ އިދާރާތަކަށް މައުލޫމާތަށް އެދި ހުށަހަޅާ ހުށަހެޅުންތަކަށް މި ޕޯޓަލް މެދުވެރިކޮށް ޖަވާބުވެސް ދެވޭނެ އެވެ.
މީގެއިތުރުން ދައުލަތުގެ އިދާރާތަކުން މައުލޫމާތު ނުލިބިގެން އިންފޮމޭޝަން ކޮމިޝަނަރަށް ހުށަހަޅާ ޝަކުވާ ނުވަތަ އިލްތިމާސް ހުށަހެޅުމުގެ ނިޒާމު ވެސް ޕޯޓަލް މެދުވެރިކޮށް ވަނީ ހަމަޖައްސައިދީފަ އެވެ.
ޕޯޓަލް ތައާރަފް ކުރީ ދައުލަތުގެ 50 އަށް ވުރެ ގިނަ އިދާރާ ހިމަނައިގެންނެވެ. މީގެތެރޭގައި މިނިސްޓްރީތަކާއި މިނިވަން މުއައްސަސާތަކާއި ލޯކަލް ކައުންސިލްތައް ހިމެނެ އެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ދައުލަތުގެ އެހެން އިދާރާތައް ވެސް މި ޕޯޓަލްގެ ވިއުގައާއި ގުޅި ޕޯޓަލް ބޭނުންކުރާ އިދާރާތައް އިތުރުވަމުން ދާނެ ކަމަށްވެސް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނެފައިވެ އެވެ.