އިންފޮމޭޝަން ކޮމިޝަނާ

މައުލޫމާތު ހޯދަން ހުށަހެޅި އަދަދު އިތުރުވެއްޖެ

Mar 7, 2022
1

ދައުލަތުގެ އިދާރާތަކަށް މައުލޫމާތު ހޯދުމަށް ހުށަހެޅި އަދަދު 2020 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު 25 ޕަސަންޓް އިތުރުވެއްޖެ އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އާންމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު މިދިޔަ އަހަރު 550 އިދާރާއެއްގެ އަހަރީ ރިޕޯޓް އެ ކޮމިޝަނަށް ފޮނުވާފައިވެ އެވެ.

ރިޕޯޓްތަކާ ހަވާލާދީ ކޮމިޝަނުން ބުނެފައިވަނީ މިދިޔަ އަހަރު ދައުލަތުގެ އިދާރާތަކަށް މައުލޫމާތު ހޯދުމަށް އެދި 2،624 ހުށަހެޅުމެއް ލިބިފައިވާ ކަމަށެވެ.

މީގެ ތެރެއިން 2،473 ހުށަހެޅުމަކަށް އިދާރާތަކުން މައުލޫމާތު ފޯރޮކޮށްދީފައިވެ އެވެ. ފަސްދޮޅަސް ހުށަހެޅުމަކަށް މައުލޫތު ދިނުމަށް އިންކާރުކޮށްފައިވާއިރު 70 ހުށަހެޅުމެއް ދައުލަތުގެ އެހެން އިދާރާތަކަށް ބަދަލުކޮށްފައިވެ އެވެ.

ދައުލަތުގެ އިދާރާތަކުގެ ތެރެއިން މައުލޫމާތު ހޯދުމަށް މިދިޔަ އަހަރު އެންމެ ގިނަ ހުށަހެޅުން ލިބިފައިވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށެވެ. އެގޮތުން 639 ހުށަހެޅުން އެ އިދާރާއަށް މިދިޔަ އަހަރު ލިބިފައިވެ އެވެ.

މީގެ އިތުރުން އެޓާނީ ޖެނެރަލްގެ އޮފީހަށް 247 ހުށަހެޅުމެއް ލިބިފައިވާއިރު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް 178 ހުށަހެޅުން ލިބިފައިވެ އެވެ. އަދި ދިވެހި ފުލުހުންގެ ހިދުމަތަށް 150 ހުށަހެޅުމާއި ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނަށް 104 ހުށަހެޅުމެއް ވެސް މިދިޔަ އަހަރު ލިބިފައިވެ އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ ދައުލަތުގެ އިދާރާތަކުން މައުލޫމާތު ހާމަކުރުމަށް ހުރި ހުރަސްތައް ނައްތާލައި ވީހާވެސް ބޮޑަށް މައުލޫމާތު ހާމަކުރުމަށް ފުރުސަތު ހުޅުވާލުމުގެ ގޮތުން މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ޖުލައި 13، 2014 ގައި އުފައްދާފައިވާ މިނިވަން މުއައްސަސާ އެކެވެ.