ތާރުއަޅައިގެން އަމީނީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ޕްލޭނިން މިނިސްޓްރީ އާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ދެމެދު ހަދާފައިވާ އެއްބަސްވުން ހިއްސާކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން އެ ޕްލޭނިން މިނިސްޓްރީ އަށް އެންގި އެންގުން ހައި ކޯޓުގައި އިސްތިއުނާފުކުރަން އެ މިނިސްޓްރީން ނިންމައިފި އެވެ.
އަމީނީ މަގު ހެދުމުގެ އެއްބަސްވުމުގެ މައުލޫމާތު ހިއްސާކުރުމަށް އައިކޮމް އިން އެންގީ އެ އެއްބަސްވުމުގެ މައުލޫމާތު ހޯދަން އަމިއްލަ ފަރާތަކުން އެދުމުގެ ސަބަބުންނެވެ. ނަމަވެސް، ޕްލޭނިން މިނިސްޓްރީން ބުނާ ގޮތުގައި ކޮންޓްރެކްޓުގައިވާ ގޮތުގެ މަތިން އަމީނީ މަގު ހެދުމަށް އާރްޑީސީއާއި މިނިސްޓްރީއާއި ދެމެދު ވެފައިވާ އެއްބަސްވުމަކީ ތިންވަނަ ފަރާތަކާ ހިއްސާކުރެވޭނެ މައުލޫމާތެއް ނޫނެވެ.
މި މައްސަލައިގައި އައިކޮމް އިން ނިންމީ ކޮންޓްރެކްޓްގައި އެފަދައިން ބަޔާން ކޮށްފައި އޮތް ނަމަވެސް، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އެ މައުލޫމާތު ހިއްސާކުރަންޖެހޭނެ ކަމަށެވެ.
މިގޮތުން އަމިއްލަ ފަރާތުން ހޯދުމަށް އެދުނު މައުލޫމާތު ފަސް ދުވަހުގެ ތެރޭގައި ދޫކުރުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އައިކޮމް އިން ވަނީ ޕްލޭނިންގް މިނިސްޓްރީއަށް އަންގާފަ އެވެ.
ޕްލޭނިން މިނިސްޓްރީން ވަނީ މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރަން ނިންމާފައިވާ ކަމަށް ބުނެ މިދިޔަ އަންގާރަ ދުވަހު މައުލޫމާތު ހޯދަން އެދުނު ފަރާތަށް ސިޓީއެއް ފޮނުވާފަ އެވެ.
ތާރުއަޅައިގެން އަމީނީ މަގު ހެދުމުގެ އަމަލީ މަސައްކަތް އިފްތިތާހް ކުރީ ނިމިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 30 ވަނަ ދުވަހު އެވެ.
މިމަސައްކަތް ކުރިއަށް ގެންދިއުމަށް މިދިޔަ ޖުލައި ތިންވަނަ ދުވަހު ސަރުކާރުން އާރްޑީސީއާ ހަވާލުކޮށްފައިވަނީ 84 މިލިއަން ރުފިޔާ އަށެވެ. މަސައްކަތް ނިންމަން ދީފައިވަނީ ހަތް މަސް ދުވަހެވެ.
އަމީނީ މަގު ހަދާ ނިމޭއިރު 1.7 ކިލޯމީޓަރުގައި ތާރުއަޅާނެ އެވެ. އަދި ޒަމާނީ ފެން ހިންދާ ނިޒާމެއް ގާއިމުކޮށް މަގުބައްތިތައް ވެސް އަލުން ހަރުކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި ބަސް ހުއްޓިތަކާއި ސައިން ބޯޑުތަކާއި ބަންޕަރުތައް ހެދުމަށްވެސް ހަމަޖެހިފައިވެ އެވެ.