އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވުމަށް ރާއްޖެއިން ދިޔަ ވަފުދުގެ ބައިވެރިންގެ ހަރަދުތަކުގެ ތަފްސީލު ހާމަކުރަންޖެހޭކަމަށް ޓްރާންސްޕޭރަންސީން މޯލްޑިވްސް އިން ބުނެފި އެވެ.
އެ ޖަމިއްޔާއިން މިހެން ބުނެފައިވަނީ އދ ގެ އާންމު މަޖިލީހުގައި ބައިވެރިވުމަށް ރާއްޖެއިން ދިޔަ ވަފުދަށް ބޮޑު ޚަރަދެއް ހިނގާފައިވާކަމަށް ބުނެ އާންމުން ކަންބޮޑުވުން ފާޅުކުުރުމާއި ގުޅިގެން، ރައީސްގެ ދަތުރުފުޅުތަކުގެ ތަފްސީލް ހާމަނުުކުރާކަމަށް ރައީސް އޮފީހުން ހާމަކުރުމާއި ގުޅިގެންނެވެ.
ޓްރާސްޕޭރަންސީން ބުނީ، އާންމު މަޖިލީހުގައި ބައިވެރިވުމަށް ރާއްޖެއިން ދިޔަ ވަފުދުގެ ބައިވެރިންގެ ހަރަދުތަކުގެ ތަފްސީލާ ގުޅޭގޮތުން، އާންމު ގޮތެއްގައި އެފަދަ ތަފްސީލެއް ހިއްސާއެއް ނުކުރާކަމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައިވާތީ އެކަމާ ކަންބޮޑުވާކަމަށެވެ.
މައުލޫމާތުގެ މިނިވަންކަމަކީ ރާއްޖޭގެ ގާނޫނު އަސާސީގެ 29 ވަނަ މާއްދާގެ ދަށުން ކޮންމެ މީހަކަށްމެ ލިބިގެންވާ ހައްގެއްކަމަށާ އެ ގާނޫނުގެ ދަށުން ދައުލަތުގެ އިދާރާއެއްގައިވާ މައުލޫމާތެއް ހޯދައި ލިބިގަތުމަކީ އެކަމަށް އެދޭ ކޮންމެ މީހަކަށްމެ ލިބިގެންވާ ހައްގެއްކަން އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ. އަދި އެ ގާނޫނުގެ ދަށުން ދައުލަތުގެ އިދާރާތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލް އެއިދާރާތަކުން އަމިއްލައަށް އިސްނަގައިގެން ހާމަކުރަންޖެހޭނެކަމަށް ބުނެފައިވާތީ އދ އަށް ރާއްޖެއިން ދިޔަ ވަފުދުގެ ބައިވެރިންގެ ހަރަދުތަކުގެ ތަފްސީލަކީ ހިއްސާނުކޮށް ބޭއްވެނޭ މައުލޫމާތެއް ނޫންކަމަށްވެސް ވަނީ ބުނެފައެވެ.
އެހެންކަމުން މައުލޫމާތަކަށް ބަޔަކު އެދިފައިވާނަމަ ވީހާވެސް އަވަހަކަށް އެމައުލޫމާތު ހިއްސާކުރުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.
"އަދި މިއަދަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދުވަސްކަމުގައިވުމާއެކު މިދުވަހުގެ މުނާސަބަތުގައި އެމައުލާމާތު އިސްނަގައިގެން ހާމަކުރުމަށްވެސް ގޮވާލަމެވެ." ޓްރާސްޕޭރަންސީން ކުރި ޓްވީޓެއްގައި ބުނެފައިވެއެވެ.
އާންމު މަޖިލީހުގައި ބައިވެރިވުމަށް ރާއްޖެއިން ބޮޑު ވަފުދެއް ގޮސްފައިވާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެ ދަތުރަށް ބޮޑު ޚަރަދެއްކޮށްފައިވާކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.