އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވުމަށް ރާއްޖެއިން ދިޔަ ވަފުދުގެ ބައިވެރިންގެ ހަރަދުތަކުގެ ތަފްސީލު ހާމަކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވެއްޖެ އެވެ.
ހޫދު މިހެން ވިދާޅުވީ އދ އަށް ރާއްޖެއިން ދިޔަ ވަފުދުގެ ބައިވެރިންގެ ހަރަދުތަކުގެ ތަފްސީލަކީ ހިއްސާނުކޮށް ބޭއްވެނޭ މައުލޫމާތެއް ނޫންކަމަށް ޓްރާންސްޕޭރަންސީން މޯލްޑިވްސް އިން ބުނުމާ ގުޅިގެންނެވެ.
ޓްރާސްޕޭރެންސީގެ ކަންބޮޑުވުންތަކަށް ޓްވިޓާ މެދުވެރިކޮށް ދިން ޖަވާބުގައި ހޫދު ވިދާޅުވީ އާއްމު މަޖިލީހުގައި ބައިވެރިވުމަށް ރާއްޖެ އިން ދިޔަ ވަފުދުގެ ބޭފުޅުންގެ ޚަރަދުތަކާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދެކެވެމުންދަނީ ހަގީގަތެއް ނެތް ވާހަކަތަކެއްކަމަށެވެ. ރައީސްގެ މި ދަތުރުފުޅަށް ހަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަވާނެކަމަށް ބަޔަކު ބުނިނަމަވެސް އެ އަދަދުގެ ދެބައި ކުޅަ އެއްބައިވެސް ޚަރަދު ނުވާނެކަމަށް ހޫދު ވިދާޅުވިއެވެ.
އަދި މިވަގުތު ހުންނެވީ ރާއްޖެ އެނބުރި ވަޑައިގަތުމުގެ ދަތުރު މަތީގައިކަމަށް ވިދާޅުވެ އެނބުރި އައިސް ދަތުރުގެ ތަފްސީލް ހާމަކުރައްވާނެކަމަށް ހޫދު ވިދާޅުވެފައިވެ އެވެ.
އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވުމަށް ރާއްޖެއިން ދިޔަ ވަފުދުގައި 30 ބޭފުޅުން ހިމެނިވަޑައިގަންނަވާކަމަށާ އެ ބޭފުޅުންގެ ދަތުރަށް ހަ މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މި ވާހަކަތަކާއި ގުޅިގެން ބައެއް މީޑިއާތަކަށް ރޭ މައުލޫމާތު ދެމުން ހޫދު ވިދާޅުވީ ރައީސްގެ ދަތުރުފުޅުތަކުގެ ޚަރަދާ ގުޅޭ މައުލޫމާތު އާންމުކުރުމަކީ އަމަލުކުރާ އުސޫލެއް ނޫންކަމަށެވެ. ނަމަވެސް ހޫދު ރޭ ވަނީ ވަފުދުގައި ބައިވެރިވި ބޭފުޅުންގެ އަދަދު 30 ނާރާނެކަމަށާ ރާއްޖެއިން އެމެރިކާއަށް ވަޑައިގެންނެވި ބޭފުޅުންގެ އަދަދު 15 އަށްވުރެވެސް މަދުކަމަށް ވިދާޅުވެފައެވެ. އަދި ރައީސްގެ ވަފުދުގައި ބައިވެރިވި ބައެއް ބޭފުޅުންނަކީ އެމެރިކާގައި ތިއްބަވާ ބޭފުޅުންކަމަށްވެސް ހޫދު ވިދާޅުވިއެވެ.
ހަރަދުތަކުގެ ތަފްސީލަކީ ހިއްސާނުކޮށް ބޭއްވެނޭ މައުލޫމާތެއް ނޫންކަމަށް ޓްރާންސްޕޭރަންސީން ބުނުފައިވެއެވެ.
މައުލޫމާތުގެ މިނިވަންކަމަކީ ރާއްޖޭގެ ގާނޫނު އަސާސީގެ 29 ވަނަ މާއްދާގެ ދަށުން ކޮންމެ މީހަކަށްމެ ލިބިގެންވާ ހައްގެއްކަމަށާ އެ ގާނޫނުގެ ދަށުން ދައުލަތުގެ އިދާރާއެއްގައިވާ މައުލޫމާތެއް ހޯދައި ލިބިގަތުމަކީ އެކަމަށް އެދޭ ކޮންމެ މީހަކަށްމެ ލިބިގެންވާ ހައްގެއްކަން އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ. އަދި އެ ގާނޫނުގެ ދަށުން ދައުލަތުގެ އިދާރާތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލް އެއިދާރާތަކުން އަމިއްލައަށް އިސްނަގައިގެން ހާމަކުރަންޖެހޭނެކަމަށް ބުނެފައިވާތީ އދ އަށް ރާއްޖެއިން ދިޔަ ވަފުދުގެ ބައިވެރިންގެ ހަރަދުތަކުގެ ތަފްސީލަކީ ހިއްސާނުކޮށް ބޭއްވެނޭ މައުލޫމާތެއް ނޫންކަމަށްވެސް ވަނީ ބުނެފައެވެ.
އެހެންކަމުން މައުލޫމާތަކަށް ބަޔަކު އެދިފައިވާނަމަ ވީހާވެސް އަވަހަކަށް އެމައުލޫމާތު ހިއްސާކުރުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.