ދިޕިކާ ޕަދުކޯން

ލަވް ރަންޖަންގެ އާ ފިލްމުގައި ރަންބީރާއި ދީޕިކާ

ލަވް ރަންޖަން އުފައްދަން އުޅޭ އާ ފިލްމުގެ ބަތަލާގެ ރޯލަށް ދީޕިކާ ޕަދުކޯން ސޮއިކޮށްފި ކަމަށް އިންޑިއާގެ އޮންލައިން ނޫސްތަކުން ބުނެފި އެވެ.

މިހާތަނަށް ވެސް މިފިލްމުގައި ދީޕިކާ ސޮއި ކުރިތޯ އޮތީ ޔަގީން ނުވެފަ އެވެ. މި ފިލްމުގެ ބަތަލުންނަކީ ރަންބީރު ކަޕޫރާއި އަޖޭ ދޭވްގަން އެވެ. ފިލްމުގައި ދީޕިކާގެ ލޯބިވެރިޔާގެ ރޯލު ކުޅޭނީ ރަންބީރެވެ.

ދީޕިކާ މި ފިލްމު ކުޅެން ސޮއި ކުރިތާ ދުވަސްކޮޅެއް ވީ ނަމަވެސް މިކަން ސިއްރު ކޮށްފައި އޮތީ ފިލްމު ރަސްމީކޮށް އިއުލާން ކުރަންދެން ކަމަށް ވެސް މި ޚަބަރުގައި ވެއެވެ. ނަމަވެސް މި ފިލްމުގެ ބަތަލާގެ ރޯލަށް ޝްރައްދާ ކަޕޫރު ހަމަޖެހިއްޖެ ކަމަށް ބުނެ މިދިޔަ ހަފުތާގައި އަޑުތަކެއް ފެތުރުމާ ގުޅިގެން ފިލްމުގައި ދީޕިކާ ސޮއި ކޮށްފައިވާ ކަން ހާމަވެގެން ދިޔައީ އެވެ.

މި ފިލްމު ވެގެން ދާނީ "ބަޗްނާ އޭ ހަސީނޯ" އާއި "ޔޭ ޖަވާނީ ހޭ ދިވާނީ" އަދި "ތަމާޝާ" އަށްފަހު ރަންބީރާއި ދީޕިކާ އެކުގައި ކުޅޭ ފުރަތަމަ ފިލްމަށެވެ.

ރަންބީރު މިވަގުތު އުޅެނީ "ޝަމްޝޭރާ" ކިޔާ ފިލްމެއްގެ މަސައްކަތުގަ އެވެ. އަދި އަޖޭ ވެސް ކުޅެމުންދާ ފިލްމު ނުނިމެ އެވެ. އެހެންވެ މި އާ ފިލްމުގެ މަސައްކަތް ފަށާނީ ރަންބީރާއި އަޖޭ މިހާރު ކުޅެމުންދާ ފިލްމުތައް ނިމުމުންނެވެ.
ދީޕިކާ މިވަގުތު ކުޅެމުންދަނީ އެންމެ ފިލްމެކެވެ. އެއީ މެގްނާ ގުލްޒާރުގެ "ޗަޕާކް" އެވެ.