އަފްޣާނިސްތާނުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެކަމަ އިދިކޮޅު ލީޑަރާއި މިހާރު ވެރިކަމުގައި ހުންނެވި އަޝްރަފް ޣަނީއާ ދެ ބޭފުޅުން ވެސް ވިދާޅުވެއްޖެ އެވެ.
ތާލިބާނުން ހަމަލާތައް ދެމުންދާތީ، ވޯޓުލާން ނުކުތް މީހުންގެ އަދަދު މަދު ވެފައިވުމުން ދެވަނަ ބުރުގެ ވޯޓު ލުން ނޯންނާނެ ކަމަށް އަފްޣާނިސްތާނުގެ އިންޑެޕެންޑެންޓް އިލެކްޝަން ކޮމިޝަން (އައިއީސީ) އިން ވަނީ ބުނެފަ އެވެ. އިންތިހާބުގައި 9.5 މިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ. ނަމަވެސް ވޯޓު ލާން ނުކުތީ ވަރަށް މަދު ބައެކެވެ.
އަފްޣާނިސްތާނުގެ ރައީސް ކަމަށް 15 ކެންޑިޑޭޓުން ކުރިމަތިލެއްވި ނަމަވެސް، މި އިންތިހާބު ސިފަކޮށްފައި ވަނީ މިހާރުގެ ރައީސް އަޝްރަފް ޣަނީ އާއި ޗީފް އެގްޒެކެޓިވް އަބްދުﷲ އަބްދުﷲ ގެ ކުރިމަތިލުމެއްގެ ގޮތުގަ އެވެ. އެގޮތުން ހަމައެކަނި ފުރަތަމަ ބުރުގެ ވޯޓު ގުނާއިރު އަބްދުﷲ އަބްދުﷲ އާއި މިހާރުގެ ރައީސް އަޝްރަފް ޣަނީ ވެސް އިންތިހާބު ކާމިޔާބު ކުރެވިއްޖެ ކަމަށް އިއުލާނު ކޮށްފަ އެވެ. ނަމަވެސް އަދި ވޯޓު ގުނާ ނުނިމެ އެވެ.
އައިއީސީން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ގުނިފައިވަނީ 2.19 މިލިއަން ވޯޓެވެ. އެހެންކަމުން އިންތިހާބު ކާމިޔާބު ކުރެވިއްޖެ ކަމަށް އިއުލާން ކުރުން އަދި އަވަހެވެ. އިންތިހާބުގެ ދާއިމީ ނަތިއްޖާ އިއުލާން ކުރެވޭނެ ކަމަށް ބެލެވޭނީ ތިން ހަފުތާ ފަހުން ކަމަށް ވެސް އައިއީސީން ވަނީ ބުނެފަ އެވެ. އިންތިހާބުގެ ވޯޓު ގުނާ އަދި ނުނިމެނީ ރަސްމީކޮށް އިންތިހާބު ކާމިޔާބު ކުރެއްވިއްޖެ ކަމަށް ޣަނީ އާއި އަބްދުﷲ އަބްދުﷲ އިއުލާން ކުރެއްވުމުން އައިއީސީން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. އިންތިހާބު ކާމިޔާބު ކުރިކަން ދެ ކެންޑިޑޭޓުން އިއުލާންކުރެއްވީ ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
"ގާނޫނުގައި ވާގޮތުން އެއްވެސް ކެންޑިޑޭޓަކަށް އިންތިހާބު ކާމިޔާބު ކުރެވިއްޖެ ކަމަށް ވިދާޅެއް ނުވެވޭނެ. އިންތިހާބު ކާމިޔާބު ކުރި ކެންޑިޑޭޓް ބުނާނީ އައިއީސީން" އައިއީސީގެ އޮފިޝަލް ރަހުމާން ނާންގް ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުﷲ އަބްދުﷲ ވިދާޅުވީ އިންތިހާބުގެ 50 ޕަސަންޓު ކާމިޔާބު ކުރެވިފައިވާ ކަމަށެވެ. އެއާއެކު ޣަނީ ވެސް ވަނީ އިންތިހާބުގެ 60 އާއި 70 ޕަސަންޓް ކާމިޔާބު ކުރެވިއްޖެ ކަމަށް ވިދާޅުވެފަ އެވެ.