ގައުމީ ފުޓްބޯޅަ ކޯޗު ވެލީޒާ ޕޮޕޯފް އަށް ބައެއް ކުޅުންތެރިން ފާޑުކިޔަން ފަށައި އީގަލްސްގެ ހަސަން އަދުހަމް ކޯޗަށް ވަރުގަދަ ހަމަލާއެއް ފޮނުވާލައިފި އެވެ.
އޭނާގެ ރަސްމީ ޓުވިޓާގައި އަދުހަމް ޖަހާފައިވަނީ "(ކޯޗު) މުޅި ގައުމު ފެއިލްކޮށްލައިފި. ޕޮޕޯފް. ޓާޓާ. ކުރިމަގުގައި ހުރިހާ ގޮތަކުން ވެސް ކާމިޔާބީއަށް އެދެން،" މި ގޮތަށެވެ.
މިއީ ނިއު ރޭޑިއަންޓަށް 2012 ވަނަ އަހަރު ކާމިޔާބު ހޯދައިދިނުމަށްފަހު މިދިޔަ އަހަރު ގައުމީ ކޯޗު ހަމާލުވި ބަލްގޭރިޔާގެ ޕޮޕޯފް އަށް ކުޅުންތެރިއަކު މިހާފާޅުކަންބޮޑުގޮތެއްގައި ފާޑުކީ ފުރަތަމަ ފަހަރެވެ.
ތޭވީސް އަހަރުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކުރި ވިކްޓަރީގެ ކުރީގެ އެޓޭކިން މިޑްފީލްޑަރު އަދުހަމް އަކީ އިއްޔެ ނިމުނު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ކޯޗު ނެގި ޓީމުން ބާކީކުރި ކުޅުންތެރިއެކެވެ. އޭގެ ކުރިން އޭނާއައީ ގައުމީ ސީނިއާ ޓީމުގައި ވެސް ކުޅެމުންނެވެ.
އަދުހަމްގެ ފާޑުކިއުން ކޯޗަށް އަމާޒުވިއިރު ކޯޗު ޕޮޕޯފް ވަނީ މި ފަހަރުގެ ގޭމްސްގެ ފުރަތަމަ ބުރުން ކެޓީ ޓީމުގައި ތިބި ސީނިއާ ކުޅުންތެރިންނަށް ފާޑުކިޔައިފަ އެވެ. ކޯޗު ބުނީ އޭނާ ހުރެގެން ޓީމަށް ނުނަގާނެ ކުޅުންތެރިން މިހާރު ފާހަގަވެއްޖެކަމަށެވެ. އަދި ސީނިއާ ކުޅުންތެރިން އުޅެނީ ބޮލުގެ އިސްތަށިގަނޑު ސްޓައިލްކުރުމާއި ސޯޝަލް މީޑިޔާ އާއި އަންހެންކުދިންނާހެދި ކަމަށެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެ ކުޅުނު ތިން މެޗުގެ ތެރެއިން މަޔޯއްޓޭ އަތުން 3-1އިން އަދި މަޑަގަސްކަރަ އަތުން ބަލިވީ 4-0އިންނެވެ. ރާއްޖެ މޮޅުވީ ސީޝެލްސް އަތުން 2-1އިންނެވެ.