ރައްޔިތުންގެ މަޖިލިސް

ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ބުރާސްފަތި ދުވަހު

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ ބުރާސްފަތި ދުވަހު ބާއްވަން ނިންމާފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.

މަޖިލީހުގެ އިދާރާގެ މީޑިއާ އެންޑް ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ ދެން ފެށޭ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 ގައި ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ. އަދި މަޖިލީހުގެ މެންބަރުންނަށް އެ ކަން އަންގާފައިވާ ކަމަށް ޒިޔާއު ވިދާޅުވި އެވެ. ނަމަވެސް އެ ޖަލްސާގެ އެޖެންޑާ އަދި ފައިނަލް ނުކުރެ އެވެ.

މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރު އަދި ނަވަރާވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ނިންމާލައި ޗުއްޓީއަށް ދިޔައީ މިދިޔަ މަހުގެ ފަސްވަނަ ދުވަހުގަ އެވެ. މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، ދެވަނަ ދައުރު ކުރިއަށް ދަނީ ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ ނިޔަލަށެވެ. ނަމަވެސް މިދިޔަ ދައުރު އިތުރު ހަފުތާއަކަށް ދިގު ކުރަން މެންބަރުންގެ ވޯޓުން ފާސްކުރީ އެވެ.

މަޖިލިސް ޗުއްޓީގައި ވަނިކޮށް، ދައުރުން ބޭރުގައި ތިން ޖަލްސާއެއް ވެސް ބޭއްވި އެވެ. އެއީ ސަރުކާރުގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން) ހުށަހެޅުއްވި ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތް ކުރުމަށް އެމްޑީޕީން އެދުމުން ބޭއްވި ތިން ޖަލްސާއެކެވެ. އިއްޔެގެ ޖަލްސާގައި އެ ބިލު ވަނީ ފާސްކޮށްފަ އެވެ.

ދެވަނަ ދައުރުގެ ޖަލްސާތައް ނިންމާލައި މަޖިލިސް ޗުއްޓީއަށް ދިޔަ ނަމަވެސް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ މެންބަރުންނަށް ޗުއްޓީއެއް ލިބިވަޑައެއްނުގަންނަވަ އެވެ. އެ ކޮމިޓީން ދިޔައީ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރުގެ މައްސަލާގައި މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓް ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މިދިޔަ މެއި މަހުގެ ފަހުކޮޅު ހުވާ ކުރެއްވި 19 ވަނަ މަޖިލީހުގެ ފުރަތަމަ ދައުރުގައި 47 ޖަލްސާއެއް ބާއްވައި ކޮމިޓީތަކުން ގިނަ އަދަދެއްގެ ބައްދަލުވުން ބޭއްވި އެވެ. ގިނަ ބިލުތަކާއި ގަރާރުތަކާއި މައްސަލަތަކުގެ މަސައްކަތް ވެސް ކޮށްފައިވާ އެ ދައުރަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު "ބީޕްލަސް" އެއް ދެއްވި އެވެ. ނަމަވެސް އިދިކޮޅު މެންބަރުން ފާހަގަކުރެއްވީ އެއީ އުފެއްދުންތެރިކަމެއް ނެތް ދައުރެއްގެ ގޮތުގަ އެވެ.