އެގާރަ ރަށެއްގެ ބިން ހިއްކުމަށް ބޭނުންވާ އީއައިއޭ ރިޕޯޓު ހަދަން ތިން ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.
ޕްލޭނިން މިނިސްޓްރީގައި މިއަދު ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި 11 ރަށުގެ ބިން ހިއްކުމުގެ މަޝްރޫއު ފެށުމުގެ ކުރިން ބޭނުންވާ އެންވަޔަރަމެންޓަލް އިންޕެކްޓް އެސެސްމެންޓް (އީއައިއޭ) ހެދުމުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އާއި މޯލްޑިވްސް އެނާޖީ އެންޑް އެންވާރަމަންޓް ކޮމްޕެނީ (މީކޯ) އަދި ވޯޓާ ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑް އާއެވެ.
އީއައިއޭ ހެދުމުގެ ގޮތުން ސޮއި ކުރި ރަށްތަކުގެ ތެރޭގައި ގއ. ދާންދޫ އާއި ގދ. މަޑަވެލި އާއި ސ. މަރަދޫ އަދި ސ. މަރަދޫ ފޭދޫގެ މަސައްކަތް ހަވާލު ކުރީ ޕްރައިވެޓް ކުންފުނި މީކޯ އާއެވެ. މީގެ އިތުރުން، އއ. ބޮޑުފުޅުދޫ އާއި އުކުޅަސް އާއި ތ. ހިރިލަންދޫ އަދި ލ. މާވަށުގެ އީއައިއޭގެ މަސައްކަތް ހަވާލު ކުރީ އެމްޓީސީސީ އާއެވެ.
އަދި، ފ. މަގޫދޫ އާއި ފ. ފީއަލި އަދި ދ. މާއެނބޫދޫގެ އީއައިއޭ ރިޕޯޓު ހަވާލު ކުރީ ވޯޓާ ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑް އާއެވެ.
- ގއ. ދާންދޫ، ގދ. މަޑަވެލި، ސ. މަރަދޫ، ސ. މަރަދޫފޭދޫ - 60 ދުވަހުން 792 ހާސް ރުފިޔާ އަށް (މީކޯ)
- އއ. ބޮޑުފޮޅުދޫ، އއ. އުކުޅަސް - 45 ދުވަހުން 418 ހާސް ރުފިޔާ އަށް (އެމްޓީސީސީ)
- ތ. ހިރިލަންދޫ، ލ. މާވަށް - 45 ދުވަހުން 510 ހާސް ރުފިޔާ އަށް (އެމްޓީސީސީ)
- ފ. މަގޫދޫ، ފ. ފީއަލި، ދ. މާއެނބޫދޫ - 63 ދުވަހުން 599 ހާސް ރުފިޔާ އަށް (ވޯޓާ ސޮލިއުޝަން)
މި ރަސްމިއްޔާތުގައި އިތުރު ދެ ރަށެއްގެ ބަނދަރުގެ މަސައްކަތާއި ދެ ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތްވެސް ވަނީ ހަވާލުކޮށްފަ އެވެ. އެގޮތުން، ތ. ގުރައިދޫ އާއި ވ. ރަކީދޫ ބަނދަރުގެ ހެދުމުގެ މަޝްރޫއު އެމްޓީސީސީއަށް ހަވާލު ކޮށްފައިވާއިރު ރ. އަނގޮޅިތީމުގަ އާއި ހދ. ކުރިނބީގައި ފެނާއި ނަރުދަމާ އަޅަން ހަވާލުކޮށްފައިވަނީ އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ.
- ތ. ގުރައިދޫ ބަނދަރު - 475 ދުވަހުން ނިންމަން 46 މިލިއަނަށް
- ވ. ރަކީދޫ ބަނދަރު - 349 ދުވަހުން ނިންމަން 18 މިލިއަނަށް
- ރ. އަނގޮޅިތީމު ފެނާއި ނަރުދަމާ - 658 ދުވަހުން ނިންމަން 19 މިލިއަނަށް
- ހދ. ކުރިނބި ފެނާއި ނަރުދަމާ - 658 ދުވަހުން ނިންމަން 19 މިލިއަނަށް
ޕްލޭނިން މިނިސްޓްރީން ބުނި ގޮތުގައި މިއަދު ސޮއި ކުރި ހުރިހާ މަޝްރޫއުތަކަކީވެސް ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުގެ ތެރެއިން ކުރިއަށްގެންދާ މަޝްރޫއުތަކެކެވެ.