ތުލުސްދޫ ދާއިރާގައި ހިމެނޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަންނަ ބުރާސްފަތި ދުވަހު ފުރާވަޑައިގަންނަވާނެ ކަމަށް އިދިކޮޅު ޕީޕީއެމާއި ކޮންގްރެސް ޕާޓީގެ ކޯލިޝަނުން މިއަދު ބުނެފި އެވެ.
ދެ ޕާޓީން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮންގްރެސްގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު މިއަދު ވިދާޅުވީ ބުރާސްފަތި ދުވަހު ރައީސް ޔާމީން ދިއްފުއްޓާއި ތުލުސްދޫއަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި އެ ދުވަހުގެ ރޭ ތުލުސްދޫގައި ޖަލްސާއެއް ވެސް ބާއްވާނެ ކަމަށެވެ. ހުކުރު ދުވަހު ރައީސް ޔާމީން ހުރާއަށާއި ހިންމަފުއްޓަށް ވެސް ވަޑައިގަންނަވާނެ އެވެ.
ރައީސް ޔާމީން މި ދަތުރުފުޅު ކުރައްވާއިރު އެ މަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯޑާ ކުރުމުގެ ކުށުގެ ދައުވާ ޝަރީއަތުގެ ހުލާސާ ބަޔާން އިއްވުމުގެ މަޖިލިސް ވަނީ އަވަސް ކޮށްފަ އެވެ. މި ހާރު އޮތް ގޮތުން އެ މަޖިލިސް އޮންނާނީ މި މަހުގެ ނުވަވަނަ ދުވަހު އެވެ.
ޝުޖާއު ވިދާޅުވީ އަތޮޅުތަކުގެ ރަށްރަށަށް އިދިކޮޅު ދެ ޕާޓީން ކުރާ ދަތުރުތަކުން ސަރުކާރަށް ޕްރެސަރު ބޮޑުވާ ކަމަށެވެ. އެ ގޮތުން އެންމެ ފަހުން މ. އަތޮޅަށް ކުރި ދަތުރުގެ ފަހުން، އެ އަތޮޅަކީ ސަރުކާރުން ވަރަށް ބޮޑަށް މުހިއްމު ކަމެއް ދޭ އަތޮޅެއް ކަމަށް ދައްކަން މިނިސްޓަރުން މަސައްކަތް ކުރެއްވި ކަމަށެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް އަޑު ނީވޭ ކަމަށާއި ރަށްރަށަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރަން އެއްވެސް ކަމެއް ކުރާ ތަން ވެސް ނުފެންނަ ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބަށް ޕާޓީން ތައްޔާރުވުމުގެ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ރައީސް ޔާމީނާއި އިދިކޮޅު ދެ ޕާޓީގެ އިސް ބޭފުޅުން ވަނީ މިދިޔަ މަހު ތިން އަތޮޅަކަށް ވަޑައިގެންފަ އެވެ. އެއީ އދ. އަތޮޅުގެ ބައެއް ރަށްރަށާއި، މ. އަތޮޅުގެ ބައެއް ރަށްރަށުގެ އިތުރަށް ފ. އަތޮޅުގެ ބައެއް ރަށްރަށެވެ.