ހަބަރު

އިންޑިއާއިން އެމްއެންޑީއެފަށް ވެހިކަލްތަކެއް ހަދިޔާކޮށްފި

އިންޑިއާ އަސްކަރިއްޔާގެ ފަރާތުން ރާއްޖޭގެ އަސްކަރިއްޔާއަށް ވެހިކަލްތަކެއް މިއަދު ހަދިޔާކޮށްފި އެވެ.

އިންޑިއާގެ ޗީފް އާމީ ސްޓާފް ބިޕިން ރާވަތު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މި ވެހިކަލްތައް އެމްއެންޑީއެފަށް ހަދިޔާ ކުރެއްވީ މިއަދު ހެނދުނު ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ގޮތުން ހަދިޔާ ކުރީ ތިން ކާރާއި އެއް ޕިކަޕު އަދި ސްޕެއާތަކެވެ. އެ ތަކެއްޗާ ހަވާލުވެވަޑައިގަތީ ރާއްޖޭގެ ޗީފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިންޑިއާގެ ޗީފް އޮފް އާމީ ސްޓާފް ބިޕިން ރާވަތް ވިދާޅުވީ އެމްއެންޑީއެފްގެ ގާބިލު ކަން އިތުރު ކުރުމަށް އިންޑިއާގެ އަސްކަރިއްޔާގެ ފަރާތުން އަބަދުވެސް އެހީތެރިކަން ދެއްވަމުން ގެންދަވާނެ ކަމަށެވެ.

އިންޑިއާގެ އަސްކަރިއްޔާގެ ފަރާތުން އެމްއެންޑީއެފަށް ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރު ވެސް ރާއްޖޭގައި އޮޕަރޭޓް ކުރެ އެވެ. އިންޑިއާގެ ސިފައިން ދުއްވާ ގޮތަށް އޮޕަރޭޓް ކުރާ ދެ ހެލިކޮޕްޓަރުގެ ތެރެއިން އެއް ހެލިކޮޕްޓަރު އޮންނަނީ ސ. ގަން އެއާޕޯޓްގައި ބާއްވާފަ އެވެ. އަނެއް ހެލިކޮޕްޓަރު ބާއްވާފައި ވަނީ ލ. ކައްދޫ އެއާޕޯޓްގަ އެވެ.

އެ ހެލިކޮޕްޓަރުތައް އާންމު ގޮތެއްގައި ބޭނުން ކުރަނީ ބަލި މީހުން އުފުލުމަށާއި ކަނޑު މަތީގެ ހާދިސާތަކުގައި ގެއްލޭ މީހުން ހޯދުމަށެވެ.