ރައީސް އަބްދުﷲ ޔާމީން

ބަޖެޓަށް ވާގޮތެއް ނޭނގޭ، ފްލެޓް އަޅާނީ ކިހިނެތް: ޔާމީން

ބަޖެޓް ފާސް ކޮށްގެނާއި ހިލޭ އެހީގޮތުގައި ލިބޭ ކަމަށް ބުނާ ފައިސާއަށް ވާގޮތެއް ނޭނގޭކަމަށާ އެވަރު ބަޔަކަށް 20،000 ފެލްޓް އެޅޭނީ ކިހިނެތްތޯ ސުވާލު ކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

މާލެ އަތޮޅު ދިއްފުއްޓަށް ވަޑަައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައްޔިތުން ތިބީީ ވަރަށް ނިކަމެތި ހާލަތެއްގައި ކަމަށާ އެ ހާލަތު ބަދަލު ކުރަން އެދެވޭ އެއްވެސް މަސައްކަތެއް ކުރާ މަންޒަރު ފެންނަމުން ވެސް ނުދާ ކަމަށެވެ.

ސަރުކާރުން ވައުދުވީ އެއްވެސްކަމެއް ފުއްދެމުންދާ މަންޒަރު ނުފެންނަ ކަމަށައި އޭގެ ބަދަލުގައި ފެންނަނީ ރައްޔިތުން "މަގުފުރައްދާ" މަންޒަރު ކަމަށެވެ. ސަރުކާރުގެ މިއަދުގެ ހާލަތަކީ މުވައްޒިފުންނަށް "މުސާރަ ދޭނެ ގޮތެއް ވެސް ނެތުން" ކަމަށް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އަހަރު ނިމެން ތިން މަސްދުވަސް އޮތްއިރު، ރައީސް އޮފީހަށް ކަނޑައަޅާފައިވާ ބަޖެޓު ވެސް މިހާރު ހުސްވެފައިވާ ކަމަށެވެ. އެހެންކަމުން އެވަރު ބަޔަކަށް 20،000 ނުވަތަ 30،000 ފްލެޓް އެޅޭނީ ކިހިނެއްތޯ ސުވާލު އުފައްދަންޖެހޭ ކަމަށެވެ.

"މި ސަރުކާރުން ގުނާ ގޮތަށް ބަންދު ދުވަސްތައް ނުލާ ގުނާނަމަ އަދި އެބައޮތް ހަ މަސް ދުވަސް. އަޅުގަނޑުމެންގެ ކަލަންޑަރުން މި އޮތީ ބާކީ ތިން މަސް ދުވަސް. މިހާރު ރައީސް އޮފީހުުގެ ބަޖެޓް ހުސްވެއްޖެ، މިހާ ހާލުގައި އަޅުގަނޑުމެން މި ތިބީ. އެހެންވީމަ އަޅުގަނޑުމެން ސުވާލު އުފައްދަން އެބަޖެހޭ 30،000 އާއިލާއަށް ފުލެޓް އުފައްދާނީ ކިހިނެތްތޯ." ރައީސް ޔާމީން ވިދާޅުުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ގައުމުގެ ދަރަނި ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާއިރު، އާމްދަނީ ދަނީ ދެކޮޅު ނުޖެހެމުން ކަމަށެވެ. އެ ހާލުގައި ގައުމު އޮތްއިރު އެތައްހާސް ފްލެޓް އަޅާނެ ކަމަށް ބުނުމަކީ ރައްޔިތުން ވިސްނާލަންޖެހޭ ކަމެއް ކަމަށެވެ.

މި ސަރުކާރުން ގުނާ ގޮތަށް ބަންދު ދުވަސްތައް ނުލާ ގުނާނަމަ އަދި އެބައޮތް ހަ މަސްދުވަސް. އަޅުގަނޑުމެންގެ ކަލަންޑަރުން މި އޮތީ ބާކީ ތިން މަސްދު ވަސް. މިހާރު ރައީސް އޮފީހުުގެ ބަޖެޓް ހުސްވެއްޖެ، މިހާ ހާލުގައި އަޅުގަނޑުމެން މި ތިބީ. އެހެންވީމަ އަޅުގަނޑުމެން ސުވާލު އުފައްދަން އެބަޖެހޭ 30،000 އާއިލާއަށް ފުލެޓް އުފައްދާނީ ކިހިނެތްތޯ
އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް| ކުރީގެ ރައީސް

ރާއްޖެއަށް އެހީ ހޯދަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގިނަ ދަތުރުތަކެއް ކުރައްވާ، ބޭރުގެ ދަތުރުތަކަށް ސަރުކާރުން ކަނޑައަޅާފައިވާ ބަޖެޓް ހުސްވެފައިވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުުވި އެވެ. އަދި އެ ހުރިހާ ދަތުރުތަކުން ހޯދުނީ ކޯންޗެއްތޯ ވެސް ސުވާލު ކުރެއްވި އެވެ.

ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުގެ ޚާރިޖީ ސިޔާސަތު ރަނގަޅު ކަމަށް ބުނާ އަޑު އިވޭ ކަމަށާ ނަމަވެސް ރަނގަޅު ޚާރިޖީ ސިޔާސަތެއް އޮތްނަމަ ބޭރުގެ އެހީ "އޮހެމުން" ދާނެ ކަމަށެވެ.

"ޚާރިޖީ ސިޔާސަތު ކާމިޔާބުވަނީ ޚާރިޖީ ވަޒީރު ދެކޮޅު ދެކޮޅަށް އުދުހުނީމައެއް ނޫން. އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތު އެހާ ކާމިޔާބު ކަމަށްވާނަމަ އެހީ އޮހެންވާނެ މިހާރު." ރައީސް ޔާމީން ވިދާޅުވި އެވެ.

ސުނާމީއާއި ފެނުގެ ކާރިސާގައި ވެސް ބޭރުގެ އެހީ ރާއްޖެއަށް އޮހުނު މަންޒަރު ފެނިވަޑައިގެންނެވި ކަމަށާ ނަމަވެސް މިއަދު ބަޖެޓް ހުސްވެ ކަންކަން ނުކުރެވިވާއިރު ބޭރު ދުނިޔޭގެ އެހީތެރިކަން މި ސަރުކާރަށް ލިބޭ މަންޒަރު ފެނިވަޑައިނުގަންނަވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ޚާރިޖީ ސިޔާސަތު ކާމިޔާބުވަނީ ޚާރިޖީ ވަޒީރު ދެކޮޅު ދެކޮޅަށް އުދުހުނީމައެއް ނޫން. އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތު އެހާ ކާމިޔާބުކަމަށް ވާނަމަ އެހީ އޮހެންވާނެ މިހާރު،
އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް | ކުރީގެ ރައީސް

މިއަހަރު ނިމޭއިރު ދައުލަތުގެ ދަރަންޏަށް އިތުރު އަށް ބިލިއަން އިތުރުވެގެންދާނެކަން ފާހަގަ ކުރައްވާ ޔާމީން ވިދާޅުވީ ކޮންމެ ދިމާއަކަށް ބަލައިލި ނަމަވެސް ފެންނަނީ ހުރިހާ ސިނާއަތްތަކެއް ކަހަލަ ގޮތަކަށް ހުއްޓިފައިވާތަން ކަމަށެވެ.

"އެހެންވީމަ މި ދަންނަވަނީ ހާލަތު ބަދަލު ކުރަން ތިބީ ރައްޔިތުންނޭ. އެއަޑު ސަރުކާރަށް ވެސް އެބަ އިއްވަންޖެހެއޭ." ކައުންސިލް އިންތިޚާބުގައި އިދިކޮޅު ޕާޓީތަކަށް މެޖޯރިޓީ ދިނުމަށް ވެސް ރައީސް ޔާމީން އެދި ވަޑައިގެންނެވި އެވެ.