އިންޓަނެޓްގެ އަގުހެޔޮ ކުރުމަށް ސްޓޭކްހޯލްޑަރުންނާއެކު އެއްބަސްވެ، އެކަމާއި މެދު ގޮތެެއް ނިންމުމަށް ރައީސް އޮފީހަށް މިދިޔަ ޖޫން މަހުގެ ތެރޭ ފޮނުވާފައިވާ ކަމަށް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީން ބުނެފި އެވެ.
އިންޓަނެޓްގެ އަގު ވަރަށް އަވަހަށް ކުޑަ ކުރާނެ ކަމަށް ސަރުކާރުން ބުނަމުން ދަނިކޮށް، ރޭ ސަރުކާރުން ނެރެފައިވާ ސްޓްރެޓެޖިކް ޕްލޭނުގައި އިންޓަނެޓް އަގުހެޔޮ ކުރުމަށް ކުރާ މަސައްކަތްތައް ކުރިއަށް ގެންދާނީ 2020 އާއި 2021 ވަނަ އަހަރާއި ދެމެދުގެ މުއްދަތެއްގައި ކަމަށެވެ.
އެކަމާއި ގުޅިގެން "އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކޮނޮލޮޖީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ވިދާޅުވީ، އިންޓަނެޓްގެ އަގުހެޔޮ ކުރުމަށް ސަރުކާރުންވެފައިވާ ވައުދު ފުއްދުމަށްޓަކައި، ބާރު ސްޕީޑެއްގައި ކަމާއި ގުޅުން ހުރި އިދާރާތަކާއި މަޝްވަރާ ކުރެވި އެއްބަސްވުމަކަށް އައިސްފައިވާ ކަމަށާއި، އެކަމުގައި އެ މިނިސްޓްރީން ކުރަން ޖެހޭ ހުރިހާ ކަމެއް ނިންމާ އިންޓަނެޓްގެ އަގު ހެޔޮ ކުރުމަށް ރައީސް އޮފީހުގެ ޕޮލިސީ ބަޔަށް މިދިޔަ ޖޫން މަހުގެ 19 ވަނަ ދުވަހު ފޮނުވާފައިވާ ކަމަށެވެ.
"އިންޓަނެޓްގެ އަގު ހެޔޮ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދަކަށްވާތީ އެކަމަށްޓަކައި މިނިސްޓަރު މަލީހު ވަނީ ކަމާއި ގުޅުންހުރި ފަރާތްތަކާއި ބައްދަލުކޮށް މަޝްވަރާކޮށްފައި. އަދި އެ ކުރި ބުރަ މަސައްކަތުގެ ނަތީއްޖާއެއްގެ ގޮތުން ހުރިހާ ސާވިސް ޕްރޮވައިޑަރުންވެސް އެއްބަސްވާ އަގުތަކެއް ވަނީ ކަނޑައެޅިފައި. އަދި އެ އަގުތައް އަޅުގަނޑުމެން ވާނީ ރައީސް އޮފީހަށް ފޮނުވާފައި. ރައީސް އޮފީހުން އެ އަގުތަކާއެކު ކުރިޔަށްދާން އެންގިހާ އަވަހަކަށް އަގުތައް އިއުލާން ކުރެވިގެންދާނެ. ހަމަ ގައިމުވެސް އަގު ހެޔޮވާނެ" އަލީ ސޯލިހު ވިދާޅުވި އެވެ.
އިންޓަނެޓްގެ އަގު ހެޔޮ ކުރުމަށް ރައީސް އޮފީހަށް ފޮނުވާފައިވާކަމަށް ސައިންސްް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ބުނެފައިވާ އިރު، ސަރުކާރުން އެކުލަވާލި ސްޓެރެޓެޖިކް ޕްލޭންގައި އިންޓަނެޓުގެ އަގުތައް ހެޔޮކުރުމަށް ކަނޑައެޅި ސިޔާސަތުތައް ތަންފީޒު ކުރުމަށް ވަނީ ގިނަ ކަންތަކެއް ހިމަނާފަ އެވެ.
އެގޮތުން ބްރޯޑްބޭންޑު އިންޓަނެޓް ދިނުމާއި ގުޅޭ ގަވާއިދުތައް މިހާރަށް ވުރެން ހަރުދަނާ ކުރުމުގެ މަސައްކަތް ކޮމިއުނިކޭޝަން އޮތޯރިޓީ މެދުވެރިކޮށް ކުރުމާއި، އިންޓަނެޓްގެ ހިދުމަތް ދޭ ފަރާތްތަކުގެ މެދުގައި ވާދަވެރިކަން އިތުރުކުރުމުގެ އިތުރުން، އިންޓަނެޓްގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާއި، ކަސްޓަމަރުންގެ ހައްގުތައް ރައްކާތެރި ކުރުމަށް ގާނޫނުތަކާއި ގަވާއިދުތަކަށް އިސްލާހު ގެނައުން ހިމެނެ އެވެ.