ވިޔަފާރި

ޓޫރިޒަމްގައި މަސައްކަތް ކުރަނީ އަމިއްލަ ކަމެއްގެ ގޮތު: ރައީސް

Oct 3, 2019
3

ދިވެހިން ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރަނީ އަމިއްލަ ކަމެއްގެ ގޮތުގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ޓޫރިޒަމް ދުވަސް ފާހަގަ ކުރުމުގެ ގޮތުން، އެނބޫދޫ ފަޅުގައި މިރޭ ބޭއްވި "ޓޫރިޒަމް ގާލާ ނައިޓް" ގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ދިވެހިން ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރަނީ އަމިއްލަ ކަމެއްގެ ގޮތުގައި ކަމަށާ، އަދި މަސައްކަތް ކުރަން ވާނީ ވެސް އެގޮތުގައި ކަމަށެވެ.

"މި ސިނާއަތު މި ހިސާބުން ކުރިއަށް ގެންދެވޭނީ ވެސް ހަމަ އަޅުގަނޑުމެންނަށް. މި ދާއިރާގައި ދިވެހިންގެ ހިއްސާ އިތުރު ކުރުން ވަރަށް މުހިންމު،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ޓޫރިޒަމް 1972 ވަނަ އަހަރުން ފެށިގެން އުފެދިގެން އައި ގޮތުގެ މައްޗަށް ބަލާލަމުން ރައީސް ސޯލިހު ވިދާޅުވީ، މި އަހަރުގެ މިހާތަނަށް ބަލާއިރު ރާއްޖޭގެ ޓޫރިޒަމް ކުރިއަރަމުން ދަނީ ކުރިން އަންދާޒާ ކުރި ވަަރަށްވުރެ ހަލުވިކޮށް ކަމަށެވެ.

"މީގެ މައިގަނޑު ސަބަބަކީ ސިޔާސީ ގޮތުން އައި ހަމަޖެހުން. ރާއްޖެ އަށް ވެސް އައި ހަމަ ޖެހުން. މި ކަމާގުޅިގެން ދިވެި ފަތުރުވެރިކަމާ މެދު އިންވެސްޓާ ކޮންފިޑެންސް އިތުރު ވުން. މި ދެންނެވި ބަދަލުތަކާއެކު، މި އަހަރުގެ މިހާތަނަށް 19 ރިސޯޓާއި އެއް ޔޮޓްމެރީނާ ވަނީ ހުޅުވިފައި. ވަޒީފާގެ ގޮތުން ބަލާނަމަ އެއީ 10،000 އަށްވުރެ ގިނަ ވަޒީފާ،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި މި ދާއިރާ އަށް ދިވެހި ޒުވާނުން އުފެއްދުމަކީ މުހިންމު ކަމެއް ކަމަށާ، މި ދާއިރާއިން މީހުން ތަމްރީން ކުރުމަކީ ވެސް މުހިންމު ކަމެއް ކަމަށެވެ.

"ވަޒީފާގައި މީހުން ހަރު ނުލުމަކީ ވެސް މިކަމާ ވަރަށް ގުޅުން ހުރިކަމެއް. ރާއްޖޭގެ ރިސޯޓްތަކުގައި މިހާރުވެސް ގިނަ އަދަދަކަށް ބިދޭސީން އެބަތިބި. ރާއްޖޭގައި ބިދޭސީން ކުރާ މަސައްކަތް މާފުރިހަމަކޮށް ކުރާނެ މީހުން އެބަތިބި،" ރައީސް ވިދާޅުވި އެވެ.

ދުނިޔޭގެ ޓޫރިޒަމް ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތަކުގެ އެންމެ ފަހު ބައި ކަމަށްވާ ގާލާ ނައިޓުގައި ޓޫރިޒަމް ދާއިރާގެ އެންމެ އިސް ފަރާތްތަކުން ބައިވެރިވެފައިވެ އެވެ.