އަލީ ވަހީދު

ޓޫރިޒަމް މިނިސްޓަރާއި، ސަރުކާރަށް އިތުބާރު އެބައޮތް: އެންއެފްއެމްއީ

ޓުއަރިޒަމް ދާއިރާގެ ކަންކަން ރަނގަޅުކޮށް އިސްލާހު ކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތައް ކުރިއަށް ގެންދާގޮތާމެދު މިނިސްޓަރު އަލީ ވަހީދާއި، ސަރުކާރަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ނޭޝަނަލް ފެޑެރޭޝަން އޮފް މޯލްޑިއަން އެމްޕްލޯޔާސް އިން ބުނެފި އެވެ.

އެންއެފްއެމްއީ މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ޓުއަރިޒަން އިންޑަސްޓްރީގައި ވަޒީފާ އަދާކުރާ ފަރާތްތަކާއި، އަދި ވަޒީފާ ފަރާތްތަކާއި، ސަރުކާރުން ކުރަންޖެހޭ ކަންކަން ކުރުމުގައި ކުރިމަތިވެފައިވާ މައްސަލަތައް ރަނގަޅު ކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށެވެ.

އެގޮތުން އައިއެލްއޯގެ ހަމަތަކާއި އެއްގޮތަށް ޓްއަރިޒަމް ޑައިލޮގެއް ފަށާ، ކުރިމަތިވެފައިވާ ހުރަސްތައްތަކާއި، އެކަންކަން ހައްލު ކުރުމަށް އެޅިދާނެ ފިޔަވަޅުތައް ފާހަގަކޮށް އިސްލާހީ ފިޔަވަޅުތައް އަޅާނެ މުއްދަތެއް ކަނޑައަޅާ އެކަމުގެ އެކްޝަން ޕްލޭނެއް އެކުލަވާލަން ޖެހޭ ކަމަށް އެންއެފްއެމްއީ ވަނީ ބުނެފައެވެ.

ޓުއަރިޒަމް ދާއިރާގެ ކަންކަން ރަނގަޅުކޮށް އިސްލާހު ކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތައް ކުރިއަށް ގެންދާގޮތާމެދު މިނިސްޓަރު އަލީ ވަހީދާއި، ސަރުކާރަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށްވެސް ވަނީ ބުނެފައެވެ. އަދި ހުރިހާ ފަރާތްތަކުން ދާއިރާގެ ކުރިއެރުމަށް މަސައްކަތް ކުރުމަށާއި، ދާއިރާއަށް ގެއްލުމެއްވާނެ ކަމެއް ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ހުރި މައްސަލަތައް ދެނެގަނެ، އެ މައްްސަލަތަކަށް އެދެވޭ ދާއިމީ ހައްލެއް ހޯދުމަށް ޓްއަރިޒަމް މިނިސްޓަރު އަލީ ވަހީދު މަސައްކަތް ކުރައްވަމުން ގެންދަވާތީ އެކަމަށް ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން ތައުރީފު ކޮށްފައެވެ.

ފަތުރުވެރި ކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މުވައްޒިފުންގެ ހައްގުތައް ހޯދާ، އެ މުވައްޒިފުންގެ ހައްގުގައި މަސައްކަތްކުރާ ފަރާތްތަކުންވެސް އެބަޔަކަށް ހައްގު މިންވަރު ހޯދުމަށް މަސައްކަތް ކުރުމުގައި އިންތަކާއި މިންތައް ފަހަނައަޅާ ނުދިއުމަށް އެންބީއޭއެމް ވަނީ ގޮވާލާފައެވެ. އަދި ރާއްޖޭގެ ފަތުރުވެރި ކަމަށް ކިލަނބުކަމެއް އަތުވެދާނެ އެއްވެސް ކަމެއް ނުކުރުމަށާއި، ވަޒީފާދޭ ފަރާތާއި، ވަޒީފާ ލިބޭ ފަރާތުންކުރެ އެއްވެސް ފަރާތެއްގެ ހައްގަކަށް އުނިކަން އަތުވެދާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށްވެސް އެ ޖަމިއްޔާއިން ވަނީ އެދިފައެވެ.

މިނިސްޓަރު އަލީ ވަހީދަށް ތައުރީފުކޮށް އެންބީއޭއެމް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ހުރި މައްސަލަތައް ދެނެގަނެ، އެ މައްްސަލަތަކަށް އެދެވޭ ދާއިމީ ހައްލެއް ހޯދުމަށް މިނިސްޓަރު މަަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

"މިއަދުގެ ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއި ޓޫރިޒަމް މިނިސްޓަރުގެ ދުރުވިސްނުންފުޅާއެކު، ފާއިތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ހަރުދަނާވެ، އިންވެސްޓަރުންނާއި ފަތުރުވެރިން އަދި ދިވެހި ރައްޔިތުންގެ ލޯތްބާއި އިތުބާރު ލިބިފައިވާ އިންޑަސްޓްރީއަކަށް މި އިންޑަސްޓްރީ ވެެގެން ދިއުމުގެ ފޮނި މީރުކަން ދިވެހި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް މިއަދު ލިބެމުންދާކަން އުފަލާއެކު ފާހަގަކުރަން." އެންބީއޭއެމް ނެރުނު ބަޔާނުގައިވެއެވެ.

ނިމިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ފަތުރުވެރި ދާއިރާގެ ކުރިއެރުމަށް މިނިސްޓަރު އަލީ ވަހީދު ކުރެއްވި މަސައްކަތް ދާއިރާއާއި ގުޅުންހުރި ޖަމިއްޔާތަކުން ގެންދަނީ ފާހަގަކުރަމުންނެވެ. އަދި ޓުއަރިޒަމް މިނިސްޓްރީއާ މެދު ކުރިން ކުރެވެމުންދިޔަ ބޮޑެތި ތުހުމަތުތަކުގެ އަޑު މުޅިން ކެނޑި ނިމިގެންދިޔަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑެތި ކުރިއެރުންތަކެއް ލިބި، އިންވެސްޓަރުންގެ އިތުބާރު ބޮޑުވެގެންދިޔަ އަހަރެކެވެ.