ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާއި ރަސޫލާއަށް ނިސްބަތްކޮށް ފުރައްސާރަ ކުރި މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގާ ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.
ފުލުހުންގެ އިދާރާއިން މިހެން ބުނެފައިވަނީ މިރޭ ނެރެފައިވާ ނޫސްބަޔާނެއްގަ އެވެ.
ފުލުހުން ބުނީ "ޕްރިލިމިނަރީ އެސެސްމެންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" މިނަމުގައި އެންޑީއެމުން ނެރެފައިވާ ރިޕޯޓްގައި އިސްލާމްދީނާއި ޚިލާފު ވާހަކަތަކެއް ހުރި ކަމަށާ އިސްލާމްދީނާއި މާތް ރަސޫލާއަށް ފުރައްސާރަކޮށް ކީރިތި ގުރުއާނާއި ރަސޫލާގެ ހަދީސްފުޅުތަކަށް ފާޑުކިޔާފައިވާކަަމަށް ބުނެ އާންމު ފަރާތުން ފުލުހުންނަށް މައްސަލަ ހުށައަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަގެ ތަހުގީގު ހިންގަން ނިންމާ، މައުލޫމާތު ސާފު ކުރަމުން ދަނިކޮށް އިސްލާމިކް މިނިސްޓްރީން ވެސް އެ މައްސަލަ ބަލަން ހުށައަޅާފައިވާ ކަމަށެވެ.
އިސްލާމްދީނަށް ތައުހީނު ކުރުމުގެ ނިޔަތުގައި އިސްލާމްދީނަށް ފާޑުކިޔުމާއި، އިސްލާމީ އަގީދާއާ ދީނުގެ އަސާސްތަކަށް ފާޑުކިޔުމާއި، ރަސޫލާއަށް ފުރައްސާރަ ކުރުން ފަދަ އިސްލާމްދީނާ އިދިކޮޅު އަމަލުތަކަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ބަލައި ފިޔަވަޅު އަޅަމުންދާ މައްސަލަތަކެއް ކަމަށް ފުލުހުން ބުނެ އެވެ.
އެހެންކަމުން ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ، މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާއި ރަސޫލަށް ނިސްބަތްކޮށް ފުރައްސާރަ ކޮށްފައިވާ ކަމަށް ބުނާ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގާ ގާނޫނީ ގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާނެކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އަދި އެކަން ދައުލަތުގެ ކަމާގުޅޭ ހުރިހާ އިދާރާއަކަށް މިހާރު އަންގާފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ. ފުލުހުން ވަނީ މިފަދަ ގާނޫނާއި ޚިލާފު އަމަލުތަކުން ދުރުުވުމަށްވެސް އިލްތިމާސްކޮށްފައެވެ.
"މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމުގައި މި ސާވިސްއިން އެއްވެސް ފަސްޖެހުމެއްނެތި އަޅަންޖެހޭ ފިޔަަވަޅުތައް އަޅަމުން ގެންދާނެކަމުގެ ޔަގީންކަން ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ." ފުލުހުންގެ ބަޔާން ނިންމާލަމުން ބުނެފައި ވެއެވެ.