އިދިކޮޅު ފަރާތްތައް

"އަންނަނީ އަންނަނީ"ގެ ނަމުގައި އިދިކޮޅުގެ ރެލީއެއް ހުކުރު ދުވަހު

އިދިކޮޅު ޕީޕީއެމްއާއި ކޮންގްރެސް ޕާޓީގެ ކޯލިޝަން އަންނަ ހުކުރު ދުވަހުގެ ރޭ ރެލީއެއް ބާއްވަން ނިންމައިފި އެވެ.

އިދިކޮޅު ދެ ޕާޓީން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވީ އެ ރެލީ އޮންނާނީ ހުކުރު ދުވަހުގެ ރޭ 8:30 ގައި ކާނިވާ ސަރަހައްދުގައި ކަމަށެވެ. ވީހާވެސް ގިނަ ބަޔަކު އެ ރެލީގައި ބައިވެރިވުމަށް އެ ކޯލިޝަނުން ވަނީ އެދިފަ އެވެ.

މީގެ ކުރިން ބޭއްވި އިދިކޮޅު ކޯލިޝަންގެ ރެލީތަކުގައި އެ ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެންނެވި އެވެ. އަންނަ ހުކުރު ދުވަހު ވެސް އިދިކޮޅުގެ ރެލީއެއް އޮންނައިރު، ރައީސް ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަ ކުރުމުގެ ކުށުގެ ދައުވާގެ ހުލާސާ ބަޔާން އިއްވުމުގެ މަޖިލިސް އަންނަ ބުދަ ދުވަހު އޮންނާނެ އެވެ.

މި އަހަރުގެ މިހާތަނަށް އިދިކޮޅު ކޯލިޝަނުން މާލޭގައި ތިން ރެލީއެއް ވަނީ ބާއްވައިފަ އެވެ. "ކޮބައި ނުވިއެއްނު" އަދި "ދާވާލައިފި" ގެ ނަމުގައި މިދިޔަ އޮގަސްޓް މަހު ރެލީއެއް ބޭއްވިއިރު، "ފޭރުމާ ދެކޮޅަށް" ގެ ނަމުގައި މިދިޔަ ޖުލައި މަހު ރެލީއެއް ބޭއްވި އެވެ.