ދީނަށް ފުރައްސާރަ ކުރުން

އެމްޑީއެންގެ ރިޕޯޓް އެކުލަވާލި މީހުން ހައްޔަރު ކުރަން ޖެހޭ: އިދިކޮޅު

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު "ޕްރިލިމިނަރީ އެސްސެމެންޓް އޮން ރެޑިކަލައިޒެޝަން އިން ދަ މޯލްޑިވްސް" ރިޕޯޓްގެ މައްސަލާގައި އެ ރިޕޯޓް އެކުލަވާލުމުގައި އިސްކޮށް އުޅުނު މީހުން ހައްޔަރު ކުރަން ޖެހޭނެ ކަމަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ ކޯލިޝަނުން ބުނެފި އެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރުމުގެ ނަމުގައި އުފައްދާފައިވާ ޖަމިއްޔާއެއް ކަމަށްވާ އެމްޑީއެންއިން ނެރުނު ރިޕޯޓްގައި އިސްލާމްދީނުގެ އަސާސްތަކާއި ޚިލާފު ވާހަކަތައް ވަނީ ހިމަނައިފަ އެވެ. އަދި މާތް ރަސޫލާއަށް ނިސްބަތްކޮށް ބޭ އަދަބީ ބަސްތައް ބޭނުން ކޮށްފައިވެ އެވެ.

ޕީޕީއެމްއާއި ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވީ އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް ވާހަކަ ދެއްކުމަކީ ދިވެހިން އެއްވެސް އިރެއްގައި ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ އެއީ ގާނޫނު އަސާސީއާއި ގާނޫނުތަކާ ވެސް ހިލާފު ކަމެއް ކަމަށާއި އެ މީހުންނާ މެދު އަޅަންވާ ފިޔަވަޅު ވެސް ގާނޫނުގައި ވަރަށް ސާފު ކަމަށެވެ.

"ފުލުހުން އަޅަންވީ ފިޔަވަޅު ވަރަށް ސާފު. އެ މީހުން ޖެހޭނީ ހައްޔަރު ކުރަން. އެ ޖަމިއްޔާ ޖެހޭނީ އުވާލަން. އަޅަންވީ ފިޔަވަޅު ފަސޭހަ ކޮށްދޭން އަޅުގަނޑުމެން މި ދަންނަވާލީ ފުލުހުންނަށް. އެއީ މާ ބޮޑު ދިރާސާތަކެއް ކުރަން ޖެހޭ ކަމެއް ނޫން." މުންދު ވިދާޅުވި އެވެ.

މުންދު ވިދާޅުވި ގޮތުގައި އެމްޑީއެންގެ ރިޕޯޓްގައި ހުރި ދީނާ ހިލާފު ވާހަކަތައް މީގެ ކުރިން އެ ރިޕޯޓް އެންމެ ފުރަތަމަ ނެރުނުއިރު ނެތެވެ. އަދި އެފަދަ އެއްވެސް މައުލޫމާތެއް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ލިބިފައެއް ނުވެ އެވެ.

ނަމަވެސް އެމްޑީއެންގެ އިސްކޮށް ތިއްބެވި ބޭފުޅުންނާއި މި ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީއާ ގުޅުމެއް އޮންނަ ކަމަށް މުންދު ވިދާޅުވި އެވެ. މުންދު އެ ޖަމިއްޔާ ސިފަ ކުރެއްވީ އެމްޑީޕީގެ "ގޮތްޕެއް" ގެ ގޮތުގަ އެވެ. އެ ގޮތުން ސަރުކާރުގެ މަގާމުތަކުގާއި ޖަމިއްޔާގައި ތިއްބެވި ބައެއް ބޭފުޅުންނާއި އާއިލާ މީހުން ތިއްބެވި ކަމަށް މުންދު ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅު ނުވެ ހުންނެވުމަކީ އިދިކޮޅު ކޯލިޝަނުން ކުށްވެރި ކުރާ ކަމެއް ކަމަށާއި ފިޔަވަޅު އެޅުން ލަސްވަމުންދާތީ ވެސް ކަންބޮޑުވުން އެބަ އޮތް ކަމަށް މުންދު ވިދާޅުވި އެވެ.

އެމްޑީއެންއިން 2016 ވަނަ އަހަރު އެ ރިޕޯޓްގެ މައްސަލަ މި އަހަރު ފެންމަތިވެ ގިނަ ދީނީ އިލްމުވެރިންނާއި އާންމު ރައްޔިތުން ގެންދަނީ އެ ޖަމިއްޔާ އުވާލުވުމަށް ގޮވާލައި ސޯޝަލް މީޑިއާގައި ހިޔާލު ފާޅު ކުރަމުންނެވެ. އެ ޖަމިއްޔާ އުވާލުމަށް ގޮވާލާ ޕެޓިޝަނެއް ވެސް ދަނީ ތައްޔާރު ކުރަމުންނެވެ.

އެމްޑީއެންގެ ރިޕޯޓްގެ މައްސަލަ ހޫނުވުމުން އިސްލާމިކް މިނިސްޓްރީއިން އެ މައްސަލަ ފުލުހަށް ހުށަހެޅުމުން ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ. އަދި ޔޫތް މިނިސްޓްރީން ވެސް ވަނީ ޖަމިއްޔާތައް އިމުގެ ތެރޭގައި މަސައްކަތް ކުރުމަށް އިލްތިމާސްކޮށް ބަޔާނެއް ނެރެފަ އެވެ.

އެމްޑީއެންއިން ވަނީ އެ ރިޕޯޓާ ގުޅިގެން މައާފަށް އެދިފަ އެވެ. އަދި އެ ޖަމިއްޔާގެ ވެބްސައިޓުން އެ ރިޕޯޓް ވަނީ ނަގައިފަ އެވެ. ދީނީ އިލްމުވެރިއެއްގެ ލަފައާއެކު ރިޕޯޓް މުރާޖައާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ. ނަމަވެސް ޖަމިއްޔާގެ ބައެއް ބޭފުޅުން ރިޕޯޓްގެ ދިފާއުގައި ފަހުން ވާހަކަ ވެސް ދައްކަވާފައިވެ އެވެ.