ހަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި ހައްޔަރުކުރި ކްރިކެޓް ކޯޗު ކޯޓުން ދޫކޮށްލައިފި

ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި ގައުމީ ކްރެކެޓް ޓީމުގެ ކޯޗު އާސިފް ހާން ކޯޓުން ދޫކޮށްލައިފި އެވެ.

މިމަހު ފަސް ވަނަ ދުވަހު ފުލުހުން އާސިފް ހާން ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުދިންތަކަކާއި 18 އަހަރުން މަތީގެ ބަޔަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތުގަ އެވެ. ފުލުހުން އޭނާ ހައްޔަރުކުރީ ވެލާނާ އިންޓަނޭޝަލް އެއާޕޯޓަށް ފުރަސް ގޮސް ހުއްޓަ އެވެ.

ފުލުހުން ބުނީ އާސިފް ހާން ކޯޓުން ދޫކުރީ، ބަންދުގެ މުއްދަތު ޖަހައި ދިނުމަށް އެދި ކްރިމިނަލް ކޯޓަށް ހާޒިރު ކުރިއިރު އޭނާ ހައްޔަރުކުރިތާ 24 ގަޑިއިރު ހަމަވެފައިވާތީ ކަމަށެވެ. ތުހަމަތަށް ހައްޔަރު ކުރެވޭ މިހާ 24 ގަޑިއިރު ތެރޭ ބަންދުގެ މުއްދަތު ޖަހައި ދިނުމަށް އެދި ކޯޓަށް ގެންދަން ޖެހެ އެވެ.

އާސިފް ހާން ދޫކޮށްލުމަށް ކޯޓުން ހުކުމް ކުރިކަމުގައި ވިޔަސް އޭނާގެ ޕާސްޕޯޓް ވަނީ 30 ދުވަހުގެ މުއްދަތަށް ހިފައްޓާ ރާއްޖެއިން ފުރުން މަނާކޮށްފަ އެވެ. އަދި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.