ހަބަރު

ޑްރަގް މައްސަލައެއްގައި ހޯދަމުން ދިޔަ މީހަކު ޑްރަގާ އެކު ފަޅު ރަށަކުން އަތުލައިގެންފި

މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ފުލުހުން ހޯދަމުން ދިޔަ މީހަކު މަސްތުވާތަކެއްޗާ އެކު ފަޅު ރަށަކުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ 20 އަހަރުގެ އެ މީހާގެ މައްޗަށް ތުހުމަތު ކުރެވުނު މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން އޭނާ ހޯދަމުން ދަނިކޮށް އޭނާ ފެނުނީ ދ. އަތޮޅު ފަޅު ރަށެއް ކަމަށް ވާ އަލޫފުށިން ކަމަށެވެ. އެރަށަށް އަރައި، ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރީ ކުޑަހުވަދޫގައި މަސައްކަތް ކުރާ ފުލުހުން ކަމަށް ފުލުހުން ބުންޏެވެ.

އެރަށަށް އަރައި، އޭނާ ހައްޔަރު ކުރަން އުޅުމުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ޕެކެޓެއް އޭނާ ބިން މައްޗަށް ވައްޓާލި ކަމަށް ވެސް ފުލުހުން ބުންޏެވެ. އެ މައްސަލައިގައި އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކުޑަހުވަދޫ ކޯޓަށް ގެންދިއުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައި ދީފަ އެވެ.