ސޯޅަ އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ރާއްޖެ މިރޭ ނޭޕާލް އަތުން ފަސް ލަނޑުން ބަލިވިއިރު ފިޒިކަލީގޮތުން އެޓީމު މާވަރުގަދަ ކަމަށް ރާއްޖެއިން ބުނެފި އެވެ.
ކޯޗު މުހައްމަދު ޝާހިދު ބުނީ މިފަދަ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވުމަކީ ރާއްޖެ ބޭނުންވި ގޮތެއްނޫން ކަމަށެވެ.
"މެޗުން މޮޅުވީތީވެ ނޭޕާލް ޓީމަށް މަރުހަބާކިޔަން. އެމީހުން ފެނުނީ ފިޒިކަލީ ވަރަށް ވަރުގަދަކޮށް. އަދި އެމީހުން ވަރަށް އޮގަނައިޒް،" ވެލެންސިއާގެ ކުރީގެ ކޯޗު މެޗަށް ފަހު ބުންޏެވެ.
ޝާހިދު ބުނީ ސެމީ ފައިނަލަށް ދިއުމަށް ގްރޫޕުގެ ފަހު މެޗުގައި މާދަމާނޫން އަނެއް ދުވަހު އަފްގާނިސްތާން ބަލިކުރަން ވަރަށް މަސައްކަތްކުރާނެ ކަމަށެވެ.
"އަސްލުވެސް އަހަރެން އުއްމީދު ކުރީ ވަރަށް ވަރުގަދަ މެޗެއް ރާއްޖެއާއެކު ކުޅެން ޖެހޭނެ ކަމަށް. އެކަމަކު ވަރަށް ފަސޭހަ މެޗަށްމިވީ. އަހަރެންގެ ކުޅުންތެރިންނަށް މަރުހަބާކިޔަން،" ކޯޗު ބުންޏެވެ.
ބަނގްލަދޭޝްގައި ކުޅުނު މެޗުގައި ނޭޕާލް ޓީމުން ފުރަތަމަ ލަނޑު ޖެހީ މެޗުގެ ތިން ވަނަ މިނިޓްގައި ލަޒްމަން ފަރިޔާރެވެ. ދެ ވަނަ ލަނޑު ޖެހީ 18 ވަނަ މިނިޓްގައި ޕްރޭޒަން ތަމަންގެވެ. ފުރަތަމަ ހާފުގައި ނޭޕާލް ޓީމުގެ ތިން ވަނަ ލަނޑު ސުމަން އަރްޔާލް ޖެހީ 21 ވަނަ މިނިޓްގަ އެވެ.
ނޭޕާލް ޓީމުގެ ހަތަރު ވަނަ ލަނޑު ޕްރޭޒަން ޖެހީ 57 ވަނަ މނިޓްގަ އެވެ. ފަހު ލަނޑު ޖެހީ މެޗުގެ އިތުރުވަގުތުގައި އަނެއްކާ ވެސް އަރްޔާލް އެވެ. ސާކުގެ އަށް ގައުމުގެ ތެރެއިން ހަ ގައުމުން ވާދަކުރާ މުބާރާތުގެ ސެމީ ފައިނަލަށް ދާނީ ލީގު އުސޫލުން އެއްބުރު ކުޅެ ނިމޭއިރު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. ރާއްޖެ ހިމެނޭ ގްރޫޕުގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން ނޭޕާލް އާއި އަފްގާނިސްތާނެވެ.