ބޮލީވުޑް

ކާރްތިކް އާއި ކިއާރާގެ "ބޫލް ބުލައްޔާ 2" ކުރިމަތިލުމަކަށް

އަކްޝޭ ކުމާރު ކުޅުނު ވަރަށް ކާމިޔާބު ފިލްމެއް ކަމަށްވާ "ބޫލް ބުލައްޔާ" ގެ ސީކުއަލް "ބޫލް ބުލައްޔާ 2" ދާދިފަހުން ވަނީ އިއުލާންކޮށްފަ އެވެ. މިފަހަރުގެ ފިލްމުގެ ބަތަލަކީ ކާރްތިކް އާރްޔަން އެވެ. ބަތަލާ އަކީ ކިއާރާ އަދްވާނީ އެވެ. މި ފިލްމުގެ ޝޫޓިން މި މަހު އަށްވަނަ ދުވަހު ފަށަން ހަމަޖެހިފައިވާއިރު ފިލްމު ރިލީޒްކުރާ ތާރީޚްގައި ވަރަށް ބޮޑު ދެ ފިލްމެއް ރިލިޒްކުރާ ގޮތަށް މިހާރު ވަނީ ހަމަޖެހިފަ އެވެ. އަދި މި ފިލްމުތައް ބޮކްސް އޮފީހުގައި ވަރުގަދަ ކުރިމަތިލުމަކަށް ދާނެ ކަމަށް ޓްރޭޑް އެނަލިސްޓުން ބުނެ އެވެ.

މިހާރު ހަމަޖެހިފައިވާ ގޮތުން މިފިލްމު ރިލިޒް ކުރާނީ އަންނަ ޖުލައި މަހުގެ 31 ވަނަ ދުވަހު އެވެ. ރަންބީރު ކަޕޫރުގެ "ޝަމްޝޭރާ" އާއި އެސްއެސް ރާޖާމޯލީގެ "އާރްއާރްއާރް" ވެސް ރިލީޒް ކުރާނެ ކަން އިއުލާން ކޮށްފައިވަނީ ހަމަ މި ތާރީޚުގަ އެވެ.

"އާރްއާރްއާރް" އަކީ "ބަހޫބަލީ" ފިލްމުތަކަށްފަހު ރާޖާމޯލީ ޑައިރެކްޓްކުރާ ފިލްމަށް ވާތީ އަދި ބޮލީވުޑް ތަރިން ތަކެއް ފިލްމުގައި ހިމެނޭތީ މިއީ ކާރްތިކްގެ ފިލްމަށް ވަރަށް ބޮޑު ވާދަވެރިކަމަކާ ކުރިމަތިވާނެ ފިލްމެކެވެ. އަދި ރަންބީރުގެ "ޝަމްޝޭރާ" އަކީ ވެސް ވަރަށް އުންމީދީ ފިލްމަކަށް ވާތީ ތިން ފިލްމު ވެސް ރިލީޒްކުރާ ތާރީހް ބަދަލު ނުކުރާނަމަ ވަރަށް ވަރުގަދަ ހަނގުރާމައެއް އެ ދުވަހު ފެނިގެން ދާނެ އެވެ.

"ބޫލް ބުލައްޔާ 2" ގެ ކުރިން ކާރްތިކްގެ ދެ ފިލްމެއް ރިލީޒް ކުރާނެ އެވެ. އޭގެން އެއް ފިލްމަކީ "ޕަތީ ޕަތުނީ އައުރް ވޯ" އެވެ. ބޫމީ ޕަޑްނޭކަރް އާއި އަނަންޔާ ޕާންޑޭ ބަތަލާގެ ރޯލު އަދާކުރާ މި ފިލްމު ޑައިރެކްޓްކުރަނީ މުދައްސަރް އަޒީޒް އެވެ. މި ފިލްމު އަންނަ ޑިސެމްބަރު 6 ގައި ރިލީޒްކުރާއިރު ބޮކްސް އޮފީޙުގައި މި ފިލްމަށް ކުރިމަތިލާން ޖެހޭނީ އަރްޖުން ކަޕޫރާއި ކްރީތީ ސަނަންގެ "ޕާނީޕަތު" އާ އެވެ.

އޭގެ ފަހުން ރިލީޒްކުރަން ހަމަޖެހިފައިވާ ކާރްތިކްގެ ފިލްމަކީ "ލަވް އާޖް ކަލް 2" އެވެ. ހަގީގީ ލޯބިވެރިޔާ ކަމަށް ވާހަކަ ދެކެވޭ ސާރާ އަލީ ޚާން އާއެކު ކާރްތިކް ކުޅޭ މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ 2020 ގެ ފެބްރުއަރީ 14 ވަނަ ދުވަހު އެވެ. މި ފިލްމަށް ވެސް ބޮކްސް އޮފީހުގައި ވަރަށް ބޮޑު ވާދަވެރިކަމަކާ ކުރިމަތިވާނެ އެވެ. ސަބަބަކީ ހަމަ އެ ދުވަހު ރިލީޒްކުރަން އިތުރު ދެ ފިލްމެއް އޮތުމުންނެވެ. އެއީ އަޔުޝްމާން ކުރާނާގެ "ޝުބް މަންގަލް ޒިޔާދާ ސާވްދާން" އާއި އަދިތުޔާ ރޯއި ކަޕޫރާއި ދިޝާ ޕަޓްނީގެ "މަލަންގް" އެވެ. "ލަވް އާޖް ކަލް 2" އަކީ "ޖަބް ވީ މެޓް" އާއި "ރޮކްސްޓާ" އަދި "ތަމާޝާ" ފަދަ ފިލްމުތައް ޑައިރެކްޓްކޮށްފައިވާ އިމްތިޔާޒު އަލީގެ ފިލްމެކެވެ.