ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

"ފިޔަވަޅު އަޅަން ގޮވުމަކީ ސަރުކާރު ވައްޓާލަން އުޅުމެއް ނޫން"

މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާއި ރަސޫލާއަށް ނިސްބަތްކޮށް ފުރައްސާރަ ކޮށްފައިވާތީ އެ ޖަމިއްޔާއާ ދެކޮޅަށް ފިޔަވަޅު އަޅަން ގޮވާލުމަކީ ސަރުކާރު ވައްޓާލަން އުޅުން ނޫން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޝަހީމް މިހެން ވިދާޅުވީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން 2015 ވަނަ އަހަރު ނެރުނު ރިޕޯޓެއްގެ މައްސަލައެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ވައްދައި ދީނުގެ ވާހަކަތައް އިދިކޮޅު ފަރާތްތަކުން ދައްކަމުން ގެންދަނީ ބަޣާވާތްކޮށް ސަރުކާރު ބަދަލު ކުރަން ކަމަށް އެމްޑީޕީގެ މަޖިލީސް މެންބަރުން ވިދާޅުވެފައި ވަނިކޮށެވެ.

ޝަހީމް ވިދާޅުވީ އެމްޑީއެން ގެ ރިޕޯޓުން ހާމަވީ ބޭރުގެ އެކި މިޝަރަނީސް ތަކުން ރާއްޖޭގެ އިސްލާމީ ޝަޚުސިއްޔަތު ނަގާލަން ރާވާފައިވާ ބޮޑު ރޭވުން ކަމަށާއި އެ ރިޕޯޓުގައި ހިމަނާފައިވާ ކަންކަމާމެދު ރައްޔިތުން ވަރަށް ބޮޑަށް ހޭލުންތެރި ކުރުވަންޖެހޭ ކަމަށެވެ. އަދި އިސްލާމީ މުގައްރަރުތަކަށް ގެންނަ ބަދަލާ މެދު ފާރަވެރިވާން ޖެހޭ ކަމަށެވެ.

ހަރުކަށި ފިކުރަކީ ގައުމީ ސަލާމަތަށް އޮތް ބިރެއް ފަދައިން، އިލްހާދީ ފިކުރުތަކާއި ހައްދު ފަހަނައަޅާފައިވާ ސެކިއުލާ ފިކުރަކީ ވެސް ގައުމީ ސަލާމަތަށް އޮތް ހުރަހެއް ކަމުން މި ދެ މައްސަލައަށް އަދުލުވެރި ގޮތުގައި ގާނޫނީ ހައްލު އަންނަން ޖެހޭ ކަމަށް ޝަހީމް ވިދާޅުވި އެވެ.

"ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމަކަށްވީތީ ހަސަދަވެރިވާ ބޭރުގެ މިޝަނަރީސް ތަކުން އަބަދުވެސް ރާއްޖޭގެ ދީނީ ވަހުދަތު ނަގާލަން މަސައްކަތް ކުރޭ. ޣައިރު ދީން ފަތުރަން ފަންޑު ވެސް ކުރޭ. އެކަންކަން އަބަދުވެސް ފެއިލް ވެގެން ދަނީ ރައްޔިތުންގެ މަސަތްކަތްތަކުން." ޝަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޑީއެން އާ މެދު ފިޔަވަޅު އަޅަން ގޮވުމަކީ އެއްގޮތަކަށް ވެސް ސަރުކާރު ވައްޓާލަން ގޮވުން ނޫން ކަމަށާ އެހެން ނަމަވެސް މި ފަދަ ކަންކަމާމެދު އިސްވެ ފިޔަވަޅު އެޅުމަކީ ސަރުކާރުގެ ޒިންމާއަކަށް ވާންވާނެ ކަމަށެވެ.

"ފިޔަވަޅު އަޅައިފިނަމަ އިތުރުވެގެންދާނީ ސަރުކާރަށް އޮންނަ ގަދަރު."