ގައުމީ ފުޓްބޯޅަ ކޯޗު ވެލީޒާ ޕޮޕޯފަށް އަމާޒުކޮށް އީގަލްސްގެ ހަސަން އަދުހަމް ކުރި ޓުވީޓް އޭނާގެ އެކައުންޓުން ނަގައިފި އެވެ.
މިދިޔަ އާދީއްތަ ދުވަހު އޭނާ ކުރި ޓުވީޓް ނެގީ އެފްއޭއެމުގެ އިސް އޮފިޝަލެއްގެ އެދުމުގެ މަތީން ކަމަށްވެ އެވެ.
މި މަހުގެ ނުވަވަނަ ދުވަހު އަދުހަމް ކުރި ޓުވީޓް ނެގުމުން މިހާރު އޭނާގެ އެކައުންޓުގައި އެންމެ ފަހުން ޕޯސްޓުކުރި ޓުވީޓްގެ ގޮތުގައި އިނީ ޖުލައި 26ގައި ކުރި ޓުވީޓެކެވެ.
ގައުމީ ކޯޗު ބަލްގޭރިޔާގެ ޕޮޕޯފް އަށް އަމާޒުކޮށް އަދުހަމް ކުރި ޓުވީޓްގައި އޮތީ "(ކޯޗު) މުޅި ގައުމު ފެއިލްކޮށްލައިފި. ޕޮޕޯފް. ޓާޓާ. ކުރިމަގުގައި ހުރިހާ ގޮތަކުން ވެސް ކާމިޔާބީއަށް އެދެން،" މި ގޮތަށެވެ.
މިއީ ނިއު ރޭޑިއަންޓަށް 2012 ވަނަ އަހަރު ކާމިޔާބު ހޯދައިދިނުމަށްފަހު މިދިޔަ އަހަރު ގައުމީ ކޯޗު ހަމާލުވި ބަލްގޭރިޔާގެ ޕޮޕޯފް އަށް ކުޅުންތެރިއަކު މިހާފާޅުކަންބޮޑުގޮތެއްގައި ފާޑުކީ ފުރަތަމަ ފަހަރެވެ.
23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކުރި ވިކްޓަރީގެ ކުރީގެ އެޓޭކިން މިޑްފީލްޑަރު އަދުހަމް އަކީ މިދިޔަ އާދިއްތަ ދުވަހު ނިމުނު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ކޯޗު ނެގި ޓީމުން ބާކީކުރި ކުޅުންތެރިއެކެވެ. އޭގެ ކުރިން އޭނާއައީ ގައުމީ ސީނިއާ ޓީމުގައި ވެސް ކުޅެމުންނެވެ.
އަދުހަމްގެ ފާޑުކިއުން ކޯޗަށް އަމާޒުވިއިރު ކޯޗު ޕޮޕޯފް ވަނީ މި ފަހަރުގެ ގޭމްސްގެ ފުރަތަމަ ބުރުން ކެޓީ ޓީމުގައި ތިބި ސީނިއާ ކުޅުންތެރިންނަށް ފާޑުކިޔައިފަ އެވެ. ކޯޗު ބުނީ އޭނާ ހުރެގެން ޓީމަށް ނުނަގާނެ ކުޅުންތެރިން މިހާރު ފާހަގަވެއްޖެކަމަށެވެ. އަދި ސީނިއާ ކުޅުންތެރިން އުޅެނީ ބޮލުގެ އިސްތަށިގަނޑު ސްޓައިލްކުރުމާއި ސޯޝަލް މީޑިޔާ އާއި އަންހެންކުދިންނާހެދި ކަމަށެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެ ކުޅުނު ތިން މެޗުގެ ތެރެއިން މަޔޯއްޓޭ އަތުން 3-1އިން އަދި މަޑަގަސްކަރަ އަތުން ބަލިވީ 4-0އިންނެވެ. ރާއްޖެ މޮޅުވީ ސީޝެލްސް އަތުން 2-1އިންނެވެ.