ދިރާގު

ދިރާގު މާލެ އޯޕަން ފެތުމުގެ މުބާރާތް ހޮނިހިރު ދުވަހު

"ދިރާގު މާލެ އޯޕަން" ފެތުމުގެ މުބާރާތް 198 ބައިވެރިންނާއެކު އަންނަ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ނިންމައިފި އެވެ.

ފެތުމުގެ މި މުބާރާތް ކުރިއަށް ގެންދަނީ ސްވިމް މޯލްޑްވިސް ގެ ނަމުގައި އުފައްދާފައިވާ ކުލަބާ ގުޅިގެންނެވެ. މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ ރަސްފަންނުގެ ބޭރުން ކަނޑުގެ ސަރަހައްދުގަ އެވެ. ކަނޑުގައި މި މުބާރާތް ބާއްވާތީ ސަލާމަތީ ގޮތުން ގިނަ ފިޔަވަޅުތަކެއް އެޅުމަށް ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.

ދިރާގު މާލެ އޯޕަންގައި އެއް ކިލޯމީޓަރާއި 500 މީޓަރު ފެތުމުގެ ކެޓަގަރީވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މުބާރާތުގެ އުމުރު ފުރާގެ ކެޓަގަރީތައް 10 އަހަރުން ފެށިގެން 50 އަހަރުން މަތީގެ އުމުރުފުރާއާ ހަމައަށް ހިމެނެ އެވެ.

ސްވިމް މޯލްޑިވްސް އަކީ މިދިޔަ އަހަރު ފަހު ކޮޅު ކުރުނބާ ވިލެޖު ރިސޯޓުން ކަނޑުގައި ފަތާފައި މާލެ އައުމަށް އިވެންޓް ބޭއްވި ފަރާތްކުން އުފައްދާފައިވާ ކުލަބެކެވެ. މި ކުލަބުގެ އިސް މަސްއޫލުވެރިޔަކީ، ގާނޫނީ ވަކީލް ހުސައިން ޝަމީމް އެވެ.

ދިރާގު މާލެ އޯޕަންގެ ނަމުގައި މި މުބާރާތް ހޮނިހިރު ދުވަހު ބޭއްވި ނަމަވެސް ކުރިއަށް އޮތްތަނުގައި ރާއްޖެތެރޭގައިވެސް މި މުބާރާތް ބޭއްވުމުގެ ވިސްނުން ގެންގުޅެމުންދާ ކަމަށް ޝަމީމް ވިދާޅުވި އެވެ.

މުބާރާތުގެ ވަނަ ތައް ހޮވުމަށް ހަމެޖހިފައިވަނީ އުމުރުފުރާތަށް ވަކިންނެވެ. އަދި މުޅި މުބާރާތުން އެއްވަނަ ހޯދާ އަންހެން އަދި ފިރިހެން ފެތުންތެރިންވެސް ވަކި ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ރޭސް ނިންމާ ކޮންމެ ބައިވެރިޔަކަށް ރޭސް ފުރިހަމަ ކުރުމުގެ މެޑަލެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.