ދިވެހި ސިނަމާ

"ނޮވެންބަރު"ގެ މެއިން ސްޕޮންސަަރަކީ ކޭޕާކް

Oct 8, 2019
1

ޑާކްރެއިން އެންޓަޓެއިންމަންޓްގެ އާ ފިލްމު "ނޮވެންބަރު" ގެ މެއިން ސްޕޮންސަރަކަށް "ކޭޕާކް ރެސިޑެންސް" ހަމަޖައްސައިފި އެވެ.

"މާމުއި" ގެ ކާމިޔާބީއަށްފަހު ޑާކްރެއިންއިން ގެނެސްދޭ ފިލްމު "ނޮވެންބަރަ" ކީ ލޯބީގެ އަސަރު ގަދަ ވާހަކައެއްގެ މައްޗަށް އުފައްދާ ފިލްމެކެވެ.

ޑާކްރެއިންގެ ވެރިޔާ މުހައްމަދު އަލީ (މޮގާ) ވިދާޅުވީ "ނޮވެންބަރު" ގެ މެއިން ސްޕޮންސަރަކަށް "ކޭޕާކް ރެސިޑެންސް" ހަމަޖެހިގެންދިއުމަކީ އެ ފިލްމު ކުންފުންޏަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ކޭޕާކްގެ ވެރިޔާ ހަސަން މަމްދޫހު (މަންޑޭ) ގެ ފަރާތުން އަބަދުވެސް އެ ކުންފުންޏަށް އެހީތެރިކަން ލިބެމުންދާ ކަމަށެވެ.

"ހަގީގަތުގައި ވަރަށް ބޮޑު އެހީތެރިކަމެއް އަބަދުވެސް މަންޑޭގެ ފަރާތުން ލިބޭ. މިއީ ޑާކްރެއިންގެ ފުރަތަމަ ފިލްމަށް މަންޑޭ އެހީވި ފަހަރެއް ނޫން.. މީގެ ކުރިންވެސް އެތައް ޕްރޮޖެކްޓަކަށް މަންޑޭ ވަނީ އެހީތެރިވެދީފައި.. ޑާކްރެއިންގެ އުފެއްދުންތައް ރަނގަޅުުވުމުގައި މަންޑޭގެ ހިއްސާވެސް ވޭ." މޮގާ ވިދާޅުވި އެވެ.

މަންޑޭގެ ކޭޕާކުން މީގެ ކުރިން ވަނީ ޑާކްރެއިންގެ ހަތަރު ފިލްމެއްގެ މެއިން ސްޕޮންސަރެއްގެ ގޮތުގައި އެހީތެރިވެދީފަ އެވެ. އެއީ "މީ ލޯތްބަކީ" އާއި "ވަކިން ލޯބިން"، "ގޮށްރާޅު" އަދި "މާމުއި" އެވެ.

މަންޑޭގެ ކޭޕާކާ ގުޅޭގޮތުން އަވަސްގައި ކުރިން ޝާއިއުކޮށްފައިވާ ރިޕޯޓެއް

"ނޮވެންބަރު" ގެ މުހިންމު ރޯލުތަކުން ފެނިގެން ދާނީ ޖުމައްޔިލް ނިމާލް އާއި މަރިޔަމް މަޖުދާ އެވެ. އަދި "މާމުއި" އިން ބެލުންތެރިންގެ މެދުގައި މަގުބޫލުކަން ހޯދި އަލީ ޝިފާއުގެ އަންހެނުން އައިޝަތު ޔާދާ ވެސް "ނޮވެންބަރު" ން ފެނިގެންދާނެ އެވެ.

ކުރީގެ ފިލްމީ ތަރި އިސްމާއީލް ވަޖީހު ވެސް މި ފިލްމުން ފެންނާނެ އެވެ. އަދި ޚާއްސަ ފެނިލުމަކުން އައިޝަތު ރިޝްމީ ވެސް ފެންނާނެ އެވެ. އަދި ގިނަ އަދަދަކަށް އާ ކުދިންނަށްވެސް ފުރުސަތު ދީފައި ވެއެވެ.

މޮގާ ބުނީ ފިލްމުގެ މަންޒަރުތައް މާލޭގެ އިތުުރުން އަތޮޅުތަކުގެ ބައެއް ރަށްރަށުގައި ނަގާނެ ކަމަށާއި ފިލްމުގެ މުހިންމު މަންޒަރުތައް ނަގާނީ ސިންގަޕޫރުގައި ކަމަށެވެ.

ޑާކްރެއިންގެ 13 ވަނަ ފިޗާ ފިލްމު "ނޮވެންބަރަ" ކީ އައިޝަތު ފުއާދު އާއި އަހުމަދު ތޮލާލްގެ ސްކްރީން ޕްލޭއަކަށް ތައްޔާރުކުރާ ފިލްމެކެވެ. ޑައިރެކްޓްކުރާނީ ކުޅަދާނަ ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) އާ މޮގާގެ އަންހެނުން އައިޝަތު ފުއާދު އެވެ. ފިލްމު ސްކްރީން ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު އެވެ.

އެ ސްޓޫޑިއޯގެ ފިލްމު "ބަޅިނދު" ގެ ޝޫޓިން ވެސް އޮކްޓޫބަރުގެ ފަށާނެ އެވެ.